ރޯމާ އާއި ރެއާލް ބެޓިސް ބައްދަލު ކުރި ރަހުމަތްތެރިކަމުގެ މެޗެއްގައި ރޯމާގެ އާކޯޗު ހޯސޭ މޮރީނިއޯ ދަނޑަށް އެރުމުން އޭނާއަށް ރަތް ކާޑު ދައްކައިފި އެވެ.
މިއީ ރަހުމަތްތެރިކަމުގެ މެޗެއް ނަމަވެސް ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަނުޖެހި މޮރީނިއޯ ހުރީ ކެކިއަރާފަ އެވެ.
ދެވަނަ ހާފުގައި މެޗުގެ ނަތީޖާ 2-2 އިން އެއްވަރު ވެފައި ވަނިކޮށް ރެއާލް ބެޓިސް އިން ވަނީ ގޯލެއް ޖަހާފަ އެވެ. މެޗުގެ 58 ވަނަ މިނެޓުގައި ބެޓިސް އަށް މިލަނޑު ކާމިޔާބު ކޮށްދިނީ އެލެކްސް މޮރޭނޯ އެވެ.
މޮރޭނޯގެ މި ލަނޑަކީ ރޯމާ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުން ބޯޅައެއް ބޮލުން ޖަހަން އުޅެނިކޮށް އޭނާގެ ގައިގައި ޖެހިފައި ވަން ލަނޑެކެވެ. ރޯމާއިން ވަނީ މޮރޭނޯގެ އަތުގައި ބޯޅަ ޖެހުނު ކަމަށް އެޕީލް ކޮށްފަ އެވެ. އެޕީލް ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ރެފްރީ ވަނީ ރޯމާގެ މަންޗިނީއަށް ވެސް ރަތް ކާޑު ދައްކާފަ އެވެ.
ރޯމާގެ ކޯޗު މޮރީނިއޯ ދަނޑަށް އެރީ އެހިސާބުންނެވެ. މޮރީނިއޯ ދަނޑަށް އަރައި ޝަކުވާ ކުރަން ފެށުމުން ރެފްރީ ވަނީ އޭނާއަށް ވެސް ރަތް ކާޑު ދައްކާފަ އެވެ. އޭގެ ފަހުން އެޓީމުގެ އިތުރު ދެ ކުޅުންތެރިއަކަށް ވެސް ރަތް ކާޑު ދެއްކި އެވެ. އެހެން ކަމުން މެޗުގެ ބާކީ ބައި ރޯމާއިން ކުޅެން ޖެހުނީ ކޯޗާއި ތިން ކުޅުންތެރިން މަދުކޮށް އެންމެ އަށް ކުޅުންތެރިން އަރުވައިގެންނެވެ.
އޭގެ ބޭނުންހިފާ ބެޓިސް އިން ވަނީ އިތުރު ދެ ލަނޑު ޖަހާފަ އެވެ. އިޓަލީގެ ރޯމާއާއި ލަލީގާގެ ރެއާލް ބެޓިސް ބައްދަލުކުރި މެޗު ނިމުނީ 5-2 އިން ރެއާލް ބެޓިސް މޮޅުވެގެންނެވެ.