ފިނިޕޭޖް

ރާއްޖޭގައި ކެޓްރީނާ ނެގި ފޮޓޯތަކުގެ އަވާގައި އިންޑިޔާ ޖައްސައިފި

Dec 1, 2016
  • ކެޓްރީނާ ރާއްޖެ އައީ ފޮޓޯ ޝޫޓަކަށް
  • މީގެ ކުރިންވެސް ރާއްޖެ އައިސްފައިވޭ
  • އިންޑިޔާގެ ތަރިންނަށް ރާއްޖެ މަގުބޫލު

ބޮލީވުޑްގެ ލޫޅާފަތި ބަތަލާ ކެޓްރީނާ ކައިފް މިހާރު ހުރީ ރާއްޖޭގަ އެވެ. މި ވާހަކަ އިންޑިޔާގެ ނޫސްތަކުގެ ފަލަ ސުރުހީތައް ވަނީ ކުލަ ކޮށްލާފަ އެވެ. ކެޓްރީނާ ވަނީ އޭނާ ރާއްޖޭގައި ނަގާފައިވާ އެތައް ފޮޓޯއެއް ފޭސްބުކް އަށާއި އިންސްޓަގްރާމްއަށް ދޫކޮށްލައިފަ އެވެ.

މި ފޮޓޯތަކާ އެކު، އިންޑިޔާގެ މީޑިޔާ މި އޮއްގެން ކެކި އަރަނީ އެވެ. އެ ގައުމުގެ މީޑިޔާގެ ފަލަ ސުރުހީ ތަކަށް ބަލާއިރު، މިހާރު އޮތީ އެ ވާހަކަ އެވެ. ހޫނު ގުޅަ ވިކޭ ގޮތަށް އެ ގައުމުގެ މަޖައްލާތައް އެންމެ ބޮޑަށް ވިކެނީ ކެޓްރީނާ ރާއްޖޭގައި ނެގި ފޮޓޯތައް އެ މެގަޒިންތަކުގެ ބޭރުގަނޑުގެ ގޮތުގައި ހަދައިގެންނެވެ.

އެ ގައުމުގެ މަޝްހޫރު މީޑިއާތައް ކަމަށްވާ "ދަ އިންޑިއަން އެކްސްޕްރެސް" އާއި "އެންޑީޓީވީ" އަދި "އިންޑިޔާ ޑޮޓްކޮމް" އަދި "ނިއުސް18" އާއި "ޓައިމްސް އޮފް އިންޑިޔާ" ފަދަ ނޫސްތަކުގައި މިހާރު އޮތީ ކެތްރީނާގެ ރާއްޖޭގެ ދަތުރުގެ ވާހަކަ އެވެ.

ކެޓްރީނާ ރާއްޖެ އައިސްގެން އުޅެނީ ބޮލީވުޑްގެ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރައާ އެކުގަ އެވެ. އެއީ އިންޑިޔާގެ މަޝްހޫރު ބްރައިޑް މަޖައްލާއެއް ކަމަށްވާ "ހާޕާ ބާޒާރް ބްރައިޑް" ގެ ފޮޓޯތަކެއް ނެގުމަށެވެ. މި ދަތުރުގައި މަނީޝްގެ އުފަންދު ވެސް ވަނީ ރާއްޖޭގައި ފާހަގަ ކޮށްފަ އެވެ. ރާއްޖޭގައި ހާޕާ ބާޒާރު މެގަޒިން އަށް ނެގި ފޮޓޯތައް އަންނަ މަހުގެ ތެރޭގައި ނެރޭ މަޖައްލާއިން ފެނިގެންދާނެ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެންނަ ނޫސްތަކުގައިވެ އެވެ.

ބޮލީވުޑްގެ ތަރިންގެ ފިޔަޅުތަކަށް މަރު ދޭ އިންޑިޔާގައި ނޫސްތަކުގެ ފަލަ ސުރުތަކުގައި ކެޓްރީނާގެ ވާހަކަ އިތުރަށް ފޯރިގަދަ ވެގެން ދިޔައީ، އޭނާ ރާއްޖޭގައި ހުރެ، އާންމުކުރި ކުރި ވީޑިއޯއަކުންނެވެ. އެ ވީޑިއޯގައި އޭނާ ވަނީ ރައްޖޭގެ ރީތި ކަމަސް އެތައް ތައުރީފެއް ކޮށްފަ އެވެ.

ކެޓްރީނާ ރާއްޖޭގައި ފޮޓޯ ޝޫޓެއް ނަގަމުން ދާއިރު، ބޮލީވުޑްގެ ގިނަ ތަރިން ދޭތެރެ ދޭތެރެއިން ރާއްޖެ އާދެ އެވެ.