ޒިދާންގެ ދަރިފުޅު އެންޒޯ ޒިދާން ރެއާލްގެ ސީނިއާ ޓީމާއެކު ކުޅުނު ފުރަތަމަ މެޗްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުމެ ތަފާތު ދައްކައިފި އެވެ.
ކޮޕަޑެލްރޭ ނުވަތަ ސްޕެނިޝްކަޕްގައި ކަލްޗަރަލް ލިއޮންސޭއާ ދެކޮޅަށް ކުޅުނު ދެ ވަނަ ލެގް މެޗްގައި ޒިދާން އޭނާގެ ދަރިފުޅަށް ފުރުސަތު ދިނީ ދެ ވަނަ ހާފު ފެށުނު ތަނުން އިސްކޯގެ ބަދަލުގަ އެވެ.
އޭނާ ކުޅެން އެރިތާ 20 މިނެޓްގައި 6-1 ރެއާލް މޮޅުވި މެޗްގައި ރެއާލްގެ ހަތަރު ވަނަ ލަނޑު އެންޒޯ ކާމިޔާބު ކުރިއެވެ. އޭގެ މިނެޓެއް ފަހުން އޭނާ ވަނީ ހިތްގައިމު ޕާހެއް ތަނަވަސް ކޮށްދީ ރެއާލްގެ ކޯޗް އޭނާގެ ބައްޕަ ޒައިނުއްދީން ޒިދާން އަށް އޭނާގެ ފެންވަރު ސާބިތުކޮށް ދީފައެވެ.
"ރެއާލް މެޑްރިޑްގެ ޖޯޒީގައި ކުޅުމުގެ ފުރސަތު ލިބި ލަނޑެއް ޖެހުމަކީ އަބަދުވެސް ހުވަފެނެއް، އަހަރެން ވަރަށް އުފާވޭ އެކަން ރެއާލްގެ ދަނޑު ހާސިލު ކުރެވުމުން،" މެޗަށް ފަހު ނޫސްވެރިންނާ ވާހަަކަ ދައްކަމުން އުމުރުން 21 އަހަރުގެ އެންޒޯ ބުންޏެވެ.
ޒިދާން ބުނީ ބައްޕަ އެއްގެ ހައިސިއްޔަތުންނާއި ކޯޗެއްގެ ހައިސިއްޔަތުން އެންޒޯއާ މެދު ފަހުރުވެރިވާ ކަމަށެވެ.
ރޭގެ މެޗްގައި މޮޅުގައި އެންމެ ބޮޑަށް ހިއްސާވީ ރެއާލްގެ ޒުވާން ކުޅުންތެރިންވެ. އެގޮތުން ރެއާލުން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބު ކުރީ ޑޮމިނިކަން ރިޕަބްލިކްގެ ޒުވާން ފޯވަޑް މަރިއާނޯ ޑިއަޒްއެވެ. އޭނާ ފުރަތަމަ ލަނޑު ޖެހީ މެޗް ފެށިގެން 23 ސިކުންތު ތެރޭގައެވެ. މިއީ ކޮޕަޑެލްރޭގެ ތާރިހްގައި ރެއާލްގެ އެންމެ އަވަސް ގޯލެވެ.
ރެއާލްގެ ހަ ވަނަ ލަނޑަކީ ލިއޮންސޭގެ މޯގަޑޯ އަތުން ބައި ކޮޅަށް ވަން ލަނޑެކެވެ. ރޭގެ މެޗްގައި ފުލުކޮށް ކުޅުނު ހަމޭސް ރޮޑްރިގޭޒް ވަނީ 72 ދުވަސް ފަހުން ފުރަތަމަ ފަހަރަށް ރެއާލް އަށް ލަނޑެއް ކާމިޔާބު ކޮށްފައެވެ.
އަނިޔާގެ ސަބަބުން ދެ މަސް ދުވަހު ކުޅުމާ ދުރުގައި ހުރި ރެއާލްގެ ޑިފެންސިވް މިޑްފީލްޑާ ކެސެމީރޯ ވަނީ ފުލުކޮށް ކުލެފައެވެ. އަންނަ ހޮނިހިރު ދުވަހުގެ ރޭ ކުޅޭ އެލްކްލެސިކޯ މެޗްގައި ބާސެލޯނާއާ ދެކޮޅަށް އޭނާ ކުޅޭނެ އެވެ.