ހެނދުނުގެ ނާސްތައަކީ ދުވަހުގެ މަސައްކަތްތައް ފަށައިގަތުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތަކެވެ. ހާއްސަކޮށް ހެދިބޮޑުވަމުން އަންނަ ކުއްޖަކަށް ހެނދުނުގެ ނާސްތާ ވަރަށް މުހިންމެވެ . ސަބަބަކީ ހެނދުނުގެ ނާސްތާގައި ހިމެނޭ ނިއުޓްރިއަންޓްސް އަކީ އެކުދިންގެ ހެދިބޮޑުވުމާއި ވިސްނުމަށް ބޮޑެތި ފައިދާ ކުރާނެ ކަމަކަށްވާތީ އެވެ. އެގޮތުން ކުޑަކުދިންގެ ހެނދުނުގެ ނާސްތާގައި ކޮންމެހެން ބޭނުންކުރަންޖެހޭ ނިއުޓްރިއަންޓްސް ތަކެއް ހުރެ އެވެ.
ޕްރޮޓީން
ސްކޫލަށްދާ އުމުރުގެ ކުދިން، އުމުރުން ހަތަރު އަދި އެއަށްވުރެ ބޮޑެތި ކުދިންނަށް ދުވާލަކު 156 ގްރާމްގެ ޕްރޮޓީން ބޭނުންވެ އެވެ. ސަބަބަކީ ޕްރޮޓީން އަކީ ހަށިގަނޑުގެ ސެލްތައް ވަރުގަދަކޮށް ބޮޑީ ޓިޝޫތައް އާ ކުރުމުގައި މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. އަދި މިއީ ހެދި ބޮޑުވަމުން އަންނަ ކުއްޖަކަށް އެންމެ ފައިދާ ހުރި އެއް ނިއުޓިރިއަންޓެވެ.
މިގޮތުން ހެނދުނުގެ ނާސްތާގައި މަހާއި ބިސް އަދި ބީންސްގެ އިތުރުން ކިރުގެ ބާވަތްތައް ހިމެނިދާނެ އެވެ. މި އެއްޗިއްސަކީ ޕްރޮޓީން ގިނަ އަދދަަކަށް ހިމެނޭ އެއްޗިއްސެވެ. އެގޮތުންގެ ހެނދުނު ދަރިފުޅު ތެދުވާ ތަނުން ކިރުތަށްޓަކުން ފެށިދާނެ އެވެ.
ފައިބާ
އެމެރިކަން އެކަޑަމީގެ ކުޑަކުދިންގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އުމުރުން ހަތަރު އަހަރާއި އަށް އަހަރާއި ދެމެދުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް 25 ގްރާމް ފައިބަ ބޭނުންވެ އެވެ.
ފައިބާގެ ސަބަބުން ކުދިންގެ ހަޖަމުގެނިޒާމު ރަނގަޅުވެ ބޮޑުކަމުދާން ފަސޭހަވެ އެވެ. އަދި މިއީ ކުދިން ބަނޑުހުރުވުމުން ސަލާމަތްކޮށްދިނުމަށް ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ވެސް ފައިބާ އަކީ ކޮލެސްޓްރޯލާއި ހަކުރުމަތިވުމާއި ލޭމަތިވުމުން ސަލާމަތް ކޮށްދިނުމަށް ވެސް ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. އެގޮތުން ހެނދުނުގެ ނާސްތާގައި ޕާން، ހަނޑޫ، ސީރިއަލް އަދި އޯޓްމީލް ބޭނުންކުރެވިދާނެ އެވެ.
ވިޓަމިން ސީ
މިއީ ކޮންމެހެން ވެސް ހިމަނަންޖެހޭ ނިއުޓްރިއަންޓްސް އެކެވެ. ސަބަބަކީ މިއީ ކުއްޖާގެ ސިކުނޑި އާއި ބަލިތަކުން ދިފާއުކޮށްދިނުމަށް ހަށިގަނޑަށް އެންމެ ބޭނުންވާ އެކައްޗެކެވެ. ސަބަބަކީ ސްކޫލަށްދާ އުމުރުފުރައިގެ ކުދިން ހުން އައިސް ރޯގާ ޖެހި އަވަސް އަވަހަށް ބަލިވުމަކީ އެކުދިންގެ ކިޔެވުމަށް ހުރަސް އެޅޭ އެއްކަންތަކެވެ. މިގޮތުން ހެނދުނުގެ ނާސްތާގައި %100 މެވާގެ ޖޫހެއް ދެވިދާނެވެ. މިގޮތުން އޮރެންޖް، ޓޮމާޓޯ އަދި އަލިނާސި ފަދަ ޖޫސްތައް ހިމެނިދާނެ އެވެ.