ގަން އިންޓަނޭޝަނަލް އެއާޕޯޓް

ސްރީލަންކަންގެ ސީދާ ދަތުރުތައް ގަމަށް ފަށައިފި

Dec 1, 2016
2
  • ދަތުރު ފެށީ ގިނަ މަސައްކަތްތަކުން
  • އެއާޕޯޓް ބޮޑުކޮށް، ތަރައްގީކޮށް ބޮޑު ބަދަލެއް ގެނައި
  • ސްރީލަންކަން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ

ސްރީލަންކާގެ ގައުމީ އެއާލައިންސްގެ ސީދާ ދަތުރުތައް މިއަދު ހެނދުން ފެށިގެން އައްޑުއަށް ފަށައިފި އެވެ.

ސްރީލަންކަންގެ ދަތުރުތައް އައްޑު އަށް ފެށުމުގެ ގޮތުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.މި ރަސްމިއްޔާތުގައި ސްރީލަންކަން އެއާލައިންސްގެ އެންމެ އިސްވެރިންނާއި ހުވަދު އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ އިސްވެރިން ބައިވެރިވެފައިވެ އެވެ.

ސްރީލަންކަންގެ ފުރަތަމަ ފްލައިޓު ޔޫއެލް 119 ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ ހެނދުނު 8:10 ގައެވެ. އަދި ޔޫއެލް 120، ގަމުން ފަސިންޖަރުން ގޮވައިގެން ކޮލޮމްބޯ އަށް ދިޔައީ 9:35 ހާއިރު އެވެ. އެގޮތުން ގަމުން ކޮލޮމްބޯ އަށް ދިޔަ ފްލައިޓުގައި 120 އިކޮނޮމީ ޕަސިންޖަރުންނާއި 16 ބިޒްނަސް ކްލާސް ފަސިންޖަރުން ދަތުރު ކުރި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު "އަވަސް" އަށް ވިދާޅުވީ އައްޑުއަށް ސްރީލަންކަން އެއާލައިންގެ ސީދާ ދަތުރުތައް ފެށުމަކީ މުޅި އައްޑުއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މީގެ ސަބަބުން އައްޑޫގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އަދި އާއްމުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،" ލިރާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރުތަކުގެ ސަބަބުން ސްރީލަންކާއަށް ދާ އައްޑޫގެ ރައްޔިތުންގެ ޖީބަށްވެސް ލުއިކަމެއް އަންނާނެ ކަމަށެވެ.

"ކުރިން މާލެއިން ގޮސް ސްރީލަންކާއަށް ދާއިރު ގާތްގަނޑަކަށް 500 ޑޮލަރު ދޭ. އެކަމަކު މި ދަތުރުތަކުގެ ސަބަބުން 250 ޑޮލަރު ވަރު ހޭދަ ވާނީ،" ލިރާރު ވިދާޅުވި އެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން ގެން އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޮންޖުގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ސީއީއޯ ސުރެން ރަތުވައްތަ ވިދާޅުވީ ގަމުގައި ހިދުމަތް ދޭ ފުރަތަމަ އިންޓަނޭޝަނަލް އެއާލައިންސް އަށް ވުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ކަމަށާއި ނަމަވެސް ޕާޓްނަރުންނާއެކު ގުޅިގެން އެ ގޮންޖެހުންތައް ގިރާކޮށް ވަރަށް ފުރިހަމައަށް މި ހިދުމަތް ދޭން ފެއްޓިފައިވާ ކަމަށެވެ.

"ގަން އިންޓަނޭނަލް އެއާޕޯޓުގައި މި ހިދުމަތް ފެއްޓުމަކީ އަޅުގަނޑުމެންނަށް ލިބުން ވަރަށް ބޮޑު އުފަލެއް. ސްރީލަންކަން އެއާލައިންސްއިން މި ހުރީ އަައްޑޫ ރައްޔިތުންނާއި މި އެއާޕޯޓުން ދަތުރު ކުރާ ހުރިހާ ފަރާތްތަކަށް ފުރިހަމަޔަށް އެހީ ވެދޭ. އަޅުގަނޑު އުންމީދު ކުރަނީ އައްޑޫ ސިޓީއަކީ އަޅުގަނޑުމެންގެ އެންމެ ރަނގަޅު މަންޒިލަށް ވާނެ ކަމަށް،" ސުރެން ވިދާޅުވި އެވެ.

ގަން އެއާޕޯޓުގައި ސްރީލަންކަން އެއާލައިންގެ ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހާއި، ބުރާސްފަތި ދުވަހާއި، ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ސްރީލަންކަން އިން ވަނީ އިތުރު 10 ސަރަހައްދަކަށް ދަތުރުތައް ފުޅާކޮށްފައެވެ. އެއީ ޕާކިސްތާންގެ ލާހޫރާއި އިންޑޮނޭޝިއާގެ ޖަކާޓާއާ، ބަންގްލަދޭޝްގެ ޑާކާ އައި އޮމާންގެ މުސްކެޓްއާ އަދި އިންޑިގެ ކޮލްތައްތާއާ، މަދުރާއި، ވަރާނަސީއާ، ބޮދް ގަޔާގެ އިތުރުން ބަހްރޭން އަދި ސީޝެލްސް އެވެ.

ސްރީލަންކަން އެއާލައިންގެ ސީދާ ދަތުރުތައް ގަމަށް ފަށާފައި މިވަނީ، އެއާޕޯޓު މި ކަމަށް ގިނަ ތައްޔާރީތަކެއް ކުރުމަށްފަހު އެވެ. މި މަސައްކަތްތަކުގެ ތެރޭގައި އިމިގްރޭޝަނުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ގަން- އެއާޕޯޓުގެ ބަދަލުތައް ކުރުކޮށް

  • ރަންވޭ 3،400 މީޓަރަށް ބޮޑުކޮށްފަ
  • ފުޅާމިން 60 މީޓަރު ބޮޑު ކުރެވިފައި
  • ކުރިން 757 ބޯޓު ފަަހަރު ޖެއްސޭ
  • ހުޅުވުމުން 777 ބޯޓު ފަހަރަށް ހިދުމަތްދެވޭ
  • ޖުމްލަ އިންވެސްޓްމަންޓް 45 މިލިއަން ޑޮލަރު

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ފްލައިޓްތައް ބާއްވާފައި މިވަނީ އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ތަރައްގީ ކުރުމަށްފަހު އެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) ގެ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދު "އަވަސް" އަށް ވިދާޅުވެފައިވާ ގޮތުގައި އެއާޕޯޓުގައި ބޯޓު ޖައްސަން ފަށާފައިވަނީ 960 މީޓަރު ހިއްކައިގެން ހަދާފައިވާ ރަންވޭ ބޮޑުކުރުމަށްފަހު އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ރަންވޭ 3،400 މީޓަރު (ގާތްގަނޑަކަށް 11154 ފޫޓު) ދިގުކޮށް، 60 މީޓަރަށް (ގާތްގަނޑަކަށް 196.85 ފޫޓު) ފުޅާކޮށްފައިވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރީގައި އެއާޕޯޓުގައި ހިދުމަށް ދެނީ ބޮއިން 757 އާއި އޭ-320 އަދި އޭ-327 ގެ މަތިންދާ ބޯޓު ފަހަރެވެ. ނަމަވެސް މި މަޝްހޫއާއެކު ވައިޑް ބޮޑީ ކޯޑްއީ ގެ ފްލައިޓްތައް ޖެއްސޭނެ އެވެ. މިގޮތުން 777 ގެ ބޯޓު ފަހަރާއި އޭ-380 ގެ ބޯޓު ފަހަރު ވެސް ޖެއްސޭނެ އެވެ.