ގަން އިންޓަނޭޝަނަލް އެއާޕޯޓް

ޔޫރަޕުން އިތުރު ޗާޓަރު ފްލައިޓްތަކެއް ގަމަށް!

Dec 1, 2016
  • ސްރީލަންކަންގެ ދަތުރުތައް ފަށައިފި
  • އައްޑޫ ޓޫރިޒަމަށް ކުރިއެރުމެއް ލިބޭނެ
  • ސީޕްލޭން ޓާމިނަލެއް ވެސް ހަދާފައިވޭ

ޔޫރަޕުން ޓޫރިސްޓުން ގޮވައިގެން، އިތުރު ޗާޓަރު ފްލައިޓް ތަކެއް ގަމަށް ބާއްވަން ތައްޔާރު ވަމުންދާ ކަމަށް ޓޫރިޒަމް މިނިސްްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ލިރާރު "އަވަސް" އަށް މިއަދު ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސީދާ ފްލައިޓްތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

"ކޮން ފްލައިޓް ތަކެއްގެ ނަމެއް މިވަގުތު ދަންނަން ދަތި. އެކަމަކު ޖެނުއަރީ މަހު އިތުރު ޗާޓަރު ފްލައިޓެއް ބާއްވަން ވަނީ ނިންމާފައި،" ލިރާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު ނިމި، ފްލައިޓް ޖައްސަން ފެށުމަކީ އައްޑޫގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އައްޑޫގައި އިތުރު ސިޓީ ހޮޓަލެއް އެޅޭނެ. މިއާއެކު އިތުރު އެނދުތައް އިތުރުވުމުން އިތުުރު ފްލައިޓްތައް ބާއްވާނެ. މީގެ އިތުުރުން އައްޑޫއިން ވެސް ގިނަ ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެވެނީ،" ލިރާރު ވިދާޅުވި އެވެ.

ގަން އިންޓަނޭޝަނަލްއަށް ޗާޓަރު ފްލައިޓްތަކެއް ބާއްވަން ތައްޔާރުވަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާއިރު، ސްރީލަންކަން އެއާލައިންސްގެ ސީދާ ޝެޑިއުލް ދަތުރުތައް މިއަދު ވަނީ ގަމަށް ފަށާފަ އެވެ.

ލިރާރު ވިދާޅުވީ ދަތުރުތައް ފެށުމާއެކު، މުޅި ސަރަހައްދުގެ ޓޫރިޒަމަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

ގަމަށް ސީދާ ދަތުރުތައް ފަށާފައި މިވަނީ އެއާޕޯޓު ބޮޑު ކުރުމުގެ ބިޔަ މަޝްރޫއަށް ފަހު އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ ދަށުން ރަންވޭ 3،400 މީޓަރު (ގާތްގަނޑަކަށް 11154 ފޫޓު) ދިގުކޮށް، 60 މީޓަރަށް (ގާތްގަނޑަކަށް 196.85 ފޫޓު) ފުޅާކޮށްފައިވެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރީގައި އެއާޕޯޓުގައި ހިދުމަށް ދެނީ ބޮއިން 757 އާއި އޭ-320 އަދި އޭ-327 ގެ މަތިންދާ ބޯޓު ފަހަރެވެ. ނަމަވެސް މި މަޝްހޫއާއެކު ވައިޑް ބޮޑީ ކޯޑްއީ ގެ ފްލައިޓްތައް ޖެއްސޭނެ އެވެ. މިގޮތުން 777 ގެ ބޯޓު ފަހަރާއި އޭ-380 ގެ ބޯޓު ފަހަރު ވެސް ޖެއްސޭނެ އެވެ.

ގަމަށް ކުރިން ވެސް ޔޫރަޕުން ޗާޓަރު ފްލައިޓްތައް ބާއްވާފައިވެ އެވެ. ނަމަވެސް އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް ގެނެސްފައިވާ ބޮޑު ތަރައްގީއާއެކު، ބޮޑެތި ފްލައިޓްތައް ބޭއްވުމަށް މިވަނީ މަގު ތަނަވަސް ވެގެން ގޮސްފަ އެވެ.

ގަން އެއާޕޯޓު ތަރައްގީކޮށްފައި މިވަނީ ރަންވޭގެ އިތުރުން ސީޕްލޭން ބޭސް ވެސް ހިމެނޭ ގޮތަށެވެ. މިތަނުގައި ހިދުމަތް ދެނީ ޓީއެމްއޭއިންނެވެ.