ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން މެލޭޝިޔާގެ ބޮޑު ވަޒީރާ ބައްދަލު ކުރައްވައިފި

Dec 1, 2016

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) ގެ އަހަރީ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ހަވާސާގައި، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބް ބިން ތުން ހާޖީ އަބްދުއްރައްޒާގާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެ ގައުމުގެ ދެމެދުގައިވާ އަހުވަންތަ ގުޅުން ފާހަގަ ކުރައްވައި، މި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރާއި، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑޮކްޓަރ ޢަބްދުﷲ ޚަލީލާއި، ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.


މި ބައްދަލުވުމުގެ ކުރިން، މެލޭޝިޔާގެ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (އުމްނޯ) ގެ އަހަރީ އާންމު ބައްދަލުވުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ.