މެލޭޝިޔާ

ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

ރައީސް އަބްދުﷲ ޔާމީން މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ބައެއްގެ ގޮތުން، މެލޭޝިޔާގެ ބޮޑުވަޒީރު ދާތޯ ސްރީ މުހައްމަދު ނަޖީބު ބިން ތުން ހާޖީ އަބްދުލްރައްޒާގާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މެލޭޝިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ރައީސާއި މެލޭޝިޔާގެ ބޮޑުވަޒީރު ހިޔާލު ބަދަލުކުރެއްވިއެވެ. އަދި، ދެ ގައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި މެލޭޝިޔާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރައީސްގެ ދެކަނބަލުން، "ޕާމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ"ގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާއަށް ވަޑައިގަތްކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސްގެ އަރިހުގައި، މެލޭޝިޔާއަށް ކަނޑައަޅުއްވާފައިވާ ރާއްޖޭގެ ސަފީރު މުހަންމަދު ފަހުމީ ހަސަނާއި، މެލޭޝިޔާގައި ހުންނަވާ ރާއްޖޭގެ ޑެޕިޔުޓީ ހައިކޮމިޝަނާ ގާނިޔާ އަބްދުލްގަފޫރު ބައިވެރިވެވަޑައިގެންނެވިއެވެ.