މިއީ ބައެއް ފަރާތްތަކަށް އޮޅިފައި އޮތް ކަމަކަށް ވެސް ވެދާނެ އެވެ. ސަބަބަކީ ކަސްރަތު ކުރަން ފެށުމުގެ ކުރިން ބައެއް ފަހަރު އެނާޖީ ޑްރިންކް އެއް ނުވަތަ ކޮންމެވެސް ކިރުގެ ބާވަތެއް ބޭނުން ކޮށްލެވެ އެވެ. އެއީ މީހާގެ ހަކަތަ އިތުރު ކުރުމުގެ ގޮތުން ކަމަށް ދެކިގެންނެވެ. ނަމަވެސް މާހިރުން ވިދާޅުވަނީ މިގޮތަށް ބައެއް ބާވަތްތައް ކަސްރަތު ކުރުމުގެ ކުރިން ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. ސަބަބަކީ އެއިން ލިބޭފައިދާ އަށް ވުރެ ބޮޑަށް ގެއްލުން ބޮޑުވާނެތީ އެވެ.
ކިރުގެ މާއްދާތައް އެކުލެވޭ އެނާޖީ ޑްރިންކް
ބައެއް ފަހަރަށް ސިއްހަތަށް ފައިދާ ހުރި އެއްޗެއް ބޭނުން ކުރަން ކިރުގެ ބާވަތްތައް ހިމެނޭ އެއްޗެހި ކަސްރަތު ކުރަން ފެށުމުގެ ކުރިން ބޯލެވެ އެވެ. ނަމަވެސް ކަސްރަތު ކުރަން ފެށުމުގެ ކުރިން މި އެއްޗެހި ބޭނުން ކުރުމުން ގޭސްވާ ގޮތްވެ، ކަސްރަތު ކުރަން ހުއްޓައި ވެސް މާގިނައިން ވައި ބޭރުވާ ގޮތް ވެދާނެ އެވެ. ސަބަބަކީ ކިރުގެ ބާވަތްތަކުގައި ގިނަ އަދަދަކަށް ޕްރޮޓީން، ކާބްސް އަދި ފެޓްސް ހިމެނެ އެވެ. އަދި އެ އެއްޗިއްސަކީ ހަޖަމުވާން ވަގުތު ނަގާ އެއްޗިސެވެ.
ކަސްރަތުގެ ކުރިން ޕްރޮޓީން ހިމެނޭ އެއްޗެއް ބޯލަން ބޭނުންނަމަ ފެން ބޯށެވެ. އަދި ކަސްރަތު ކުރުމަށްފަހު ކިރުގެ ބާވަތްތައް ބުޔަސް މައްސަލައެއް ނެތެވެ. ނަމަވެސް ކަސްރަތު ކުރަން ފެށުމުގެ ކުރިން އެއްގޮތަކަށް ވެސް ބޭނުން ނުކުރާށެވެ.
މޭވާގެ ޖޫސްތައް
ބާޒާރުން ލިބެންހުންނަ މޭވާގެ ޖޫސްތައް ކަސްރަތު ކުރަން ފެށުމުގެ ކުރިން ނުބޯށެވެ. ސަބަބަކީ އެފަދަ ގިނަ މޭވާގެ ޖޫސްތަކުގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭނެތީ އެވެ. އަދި ގިނައިން ފިހާރަތަކުގައި ވިއްކަން ހުންނަން ޖޫސްތަކަކީ ފުލޭވާޑް ސިރަޕްތައް އަޅައިގެން ހަދާފައި ހުންނަ ޖޫސްތަކެވެ. ނަމަވެސް ޖޫސް ޕެކެޓް ގަތުމުގެ ކުރިން ހަކުރު ނާޅާ ހުންނަ ތާޒާ މޭވާގެ ޖޫހެއްނަމަ މާބޮޑު މައްސަލައެއް ނެތެވެ. ނަމަވެސް ބޮޑަށް ރަނގަޅީ މިފަދަ ޖޫސް ވެސް ކަސްރަތުގެ ފަހުން ބޭނުން ކުރުމެވެ. ޖޫހެއް ބޯލަން ބޭނުންވާނަމަ ކުރުނބާ ނުވަތަ ކާށި ފެން ބޯލުން މާބޮޑު މައްސަލައެއްނެތެވެ.
ސޮޑާ
ކަސްރަތު ކުރަން ފެށުމުގެ ކުރިން ފެންޓާ ނުވަތަ ސްޕްރައިޓް ކަހަލަ އެއްޗެއް ބޯލީމާ ވާ ގޮތް އެނގޭ ހެއްޔެވެ. އެއީ ހަމަގައިމު ވެސް ސިއްހަތަށް ބަލައިގެން ކަސްރަތު ކުރާ މީހަކު ކޮށްގެން ވާނެ ކަމެއްނޫނެވެ. ސަބަބަކީ އެފަދަ ގިނަ ސޮޑާ ޑްރިންކްސް ތަކަކީ ގިނަ އަދަދަކަށް ހަކުރު އަދި ލޮނު ހިމެނޭ ބާވަތްތަކެވެ. އަދި ކަސްރަތު ކުރަން ފެށުމުގެ ކުރިން ފިޒީ ޑްރިންކްސް ތައް ބޭނުން ކުރުމުން ދަށްބަނޑަށް ތަދުވާ ގޮތްވެ، ގޭސްޓްރިކް ވާ ގޮތްވެ އެވެ. އަދި ބައެއް ފަހަރަށް ޑީހައިޑްރޭޓްވާ ގޮތްވެ އެވެ.
ސްޕޯޓްސް ޑްރިންކްސް
މިއީ ފަހަރެއްގައި ގަބޫލު ކުރަން ދަތިވާހަކައަކަށް ވެދާނެ އެވެ. ނަމަވެސް ބައެއް ސްޕޯޓްސް ޑްރިންކް ތަކަކީ ސިއްހަތަށް ފައިދާ ހުރި ބުއިން ތަކެއް ނޫނެނެވެ. ސަބަބަކީ ބައެއް ފަހަރު އާދަޔާ ހިލާފަށް ބައެއް ޖޫސްތަކުގައި ހަކުރު މަދުވެ، އިލެކްޓްރޯލައިޓްސް އިތުރުވެ އެވެ. މީގެ ސަބަބުން ހަށިގަނޑުގެ މަސްތައް އާދަޔާ ހިލާފަށް ހެލިފެލުވުން އިތުރުވުމުން، ގައިގަ ރިއްސާގޮތްވެ އެވެ. މީގެ ސަބަބުން ބައެއް ފަހަރަށް ހޯމޯންތަކުގެ މަސައްކަތްތަކަށް ބުރޫއަރާގޮތްވެ އެވެ. މިގޮތަށް ކަސްރަތުގެ ކުރިން އެއްޗެއް ބޯލަން ބޭނުންވާނަމަ ދެގަޑިއިރު ކުރިން ފެންބޯށެވެ.