އެހެންވީމަ ނިދި ހަމަކުރުމުގެ މުހިންމު ކަމަށް އަނެއްކާވެސް އާ ބާރެއް ލިބުނީ އެވެ. އާ ދިރާސާއަކަށް ފަހު ތަޖުރިބާކާރުން ބުނަނީ ހަމަ ނިދި ނުލިބުމަކީ އޭގެ ނޭދެވޭ ސިއްހީ އަސަރު ހިތަށް ވަރަށް ބޮޑަށް ކުރާ ކަމެއް ކަމަށާއި ބްލަޑް ޕްރެޝާ އާއި ހިތުގެ ވިންދާއި ސްޓްރެސްއާ ގުޅިފައިވާ ހޯމޯންސްތަކުން ހަށިގަނޑު ކިލަނބުކޮށްލަފާނެ ކަމެއް ކަމަށެވެ.
ޖަރުމަން ވިލާތުގެ ޔުނިވާސިޓީ އޮފް ބޮންގެ ތަޖުރިބާކާރުންތަކެއްގެ މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ ގިނަ ވަގުތު މަސައްކަތުގައި، ވަކިން ހާއްސަކޮށް ސިއްހީ ދާއިރާގައި ގިނަ ވަގުތު މަސައްކަތްކުރާ ތަޖުރިބާކާރުން ބޭނުންކޮށްގެން ތަހުލީލުތަކެއް ހިންގައިގެންނެވެ. އެގޮތުން ބައިވެރިކޮށްފައިވާ ބައެއް މީހުންނަކީ އެމީހުންގެ ބިޒީ މަސައްކަތުގެ މާހައުލުން ސަލާމަތްވެ 24 ގަޑިއިރުގެ ތެރޭގައި ތިން ގަޑިއިރަށް ނިދާލައިގެން ތިބޭ މީހުންނެވެ.
ގިނަ ވަގުތު ވަޒީފާގައި އުޅެން ޖެހުމުންނާއި ޝިފްޓް ޑިއުޓީތަކުގައި ތާށިވުމުން ނިދި ހަރާބުވެ، ހަމަ ނިދި ނުލިބިފައިވާ މީހުންނާ އެކު ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު ނަތީޖާ ބެލިއިރު ސިއްހީ ގޮތުން ހިތަށް ކޮށްފައިވާ ނޭދެވޭ އަސަރު ވަރަށް ވެސް ބޮޑެވެ. އެގޮތުން ބްލަޑް ޕްރެޝާ އާއި ހާޓް ރޭޓް މަތިވެ ތައިރޮއިޑް ހޯމޯންސް ހަށިގަނޑުގައި އިތުރުވެފައިވާކަން ފާހަގަކޮށްލެވުނެވެ.