ބޮލީވުޑް

"ގާބިލް" ރިލީޒްކުރުން އެއް ދުވަސް ކުރިއަށް

Dec 4, 2016

ބޮޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށްދާނެ ކަމަށް ބުނަމުން އައި ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް" މިހާރު މިވާ ގޮތުން ކުރިމަތިލުމަކަށް ނުދާނެ އެވެ.

އަންނަ މަހުގެ 26 ވަނަ ރިލީޒްކުރުމަށް ހަމަޖެހިފައި އޮތް މިދެފިލްމުގެ ތެރެއިން ރިތިކްގެ ފިލްމު މިވަނީ އެއްދުވަސް ކުރިން ސިނަމާތަކުގައި ރިލީޒްކުރަން ނިންމާފަ އެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހަކީ އަންނަ މަހުގެ 26 ކަމަށްވާއިރު، އެދުވަހުގެ އެއް ދުވަސްކުރިން "ގާބީލް" ރިލީޒްކުރަން މިފިލްމުގެ ޕްރޮޑިއުސަރު ކަމަށްވާ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން އެވަނީ ނިންމާފަ އެވެ.

ކުރިން ރިލީޒްކުރަން ހަމަޖެހިފައި އޮތް ދުވަހުގެ އެއް ދުވަސްކުރިން މިފިލްމު ރިލީޒްކުރަން ރާކޭޝް އާއި ރިތިކް ނިންމާފައިވަނީ ޖުމްހޫރީ ދުވަހުގެ ބަންދު 26 ވަނަ ދުވަހު ފެއްޓޭއިރު މިފިލްމުގެ ރިވިއުތައް ނިކުމެ، ބެލުންތެރިންނަށް ޝާހްރުކްގެ ފިލްމަށް ވުރެން މިފިލްމު ބަލަންދާން މީހުން ޖަމާކުރުވާށެވެ.

މީގެއިތުރުން ވެސް ބުދަ ދުވަހު "ގާބިލް" ރިލީޒްކުރުމުން ޖެހިގެން އަންނަ ހަފްތާގެ އާދީއްތަ ދުވަހާއި ހަމައަށް ފުރަތަމަ ހަފްތާ ބަންދު ދެމިގެންދާނެއިރު، މިފިލްމަށް ބޮޑު އަދި ފަސް ދުވަހުގެ ފުރަތަމަ ހަފްތާ ބަންދެއް ލިބޭނެ އެވެ. އެއީ ވެސް މިފިލްމަށް ވިޔަފާރީގެ ގޮތުން ނެގެން އޮތް ބޮޑު ފައިދާ އެކެވެ.

ބެލެވޭ ގޮތުގައި "ގާބިލް" އެއް ދުވަސްކުރިން ރިލީޒްކުރަން ނިންމީ "ރައީސް" އާއެކު މިިފިލްމު ކުރިމަތިލުމަކަށް ދާތީ ޝާހްރުކް ރިތިކް އާއި ރާކޭޝް ކުރިން އެމީހުންގެ ފިލްމު ރިލީޒްކުރާ ދުވަސް ބަދަލުކުރަން އެދެމުންނެވެ. މިދެފިލްމަށް ޑިސްޓްރިބިއުޓަރުންނާއި ސްކްރީންތައް ވެސް އެއްވަރަކަށް ލިބިފައިވާއިރު، ދެފިލްމުގެ ތެރެއިން ކާމިޔާބު ލިބޭނެ ފިލްމެއް އަދި ބުނަން މާ އަވަހެވެ.

އެއް ދުވަސްކުރިން ރިލީޒްކޮށް، ކްރިޓިކްސް އާއި ބެލުންތެރިންނަށް ކަމުގޮސްފިނަމަ ޝާހްރުކްގެ "ރައީސް" ގެ މައްޗަށް ނުހަނު ފަސޭހަ ކަމާއެކކު "ގާބިލް" އަށް ކާމިޔާބު ހޯދޭނެ އެވެ.