ވިޔަފާރި

ކުންފުނި އަހަރީ ފީ ކަނޑާލައި، ވިޔަފާރިއަށް ފަހި ބަދަލު ގެންނަނީ

Dec 5, 2016
  • ގާނޫނު އިސްލާހު ކުރަން ވަނީ ފޮނުވާފައި
  • ރަޖިސްޓްރީ ފީ ކުޑަކޮށްލާނެ
  • ވިޔަފާރިއަށް ފަހި ބަދަލުތައް ގެންނާނެ

ކުންފުނިތަކުން ދައްކަން ޖެހޭ އަހަރީ ފީ ކަނޑާލުމުގެ ގޮތުން ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށައިފި އެވެ

ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ކުރުމަށް، ޝަރުއީ ނިޒަރަކުން ބަލައިލުން މިނަމުގައި ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ރާއްޖެއަކީ ވިޔަފާރި ކުރަން ފަހި ގައުމަކަށް ހެދުމުގެ ގޮތުން ރާއްޖޭގެ ވިޔަފާރި މާހައުލަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މިގޮތުން ގެންނަ ބަދަލު ގެނައުމުގެ ގޮތުން ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި ކުންފުނީގެ މިނިމަން ކެޕިޓަލްއެއްގެ ގޮތުގައި މިހާރު ލާޒިމްކުރާ އަދަދު ނައްތައިލުން ވެސް ހިމެނޭ ކަމަށެވެ.

"ކުންފުނީގެ ރަޖިސްޓޭޝަން ފީ ކުޑަކޮށް، އަހަރީ ފީ ކަނޑައިލުން ހިމެނޭ. ޑެޓް ރެޒިލިއަންސްގެ ކަންކަމުގައި އެންމެ އެކަށީގެންވާ ބަދަލެއް ގެނައުމުގެ ގޮތުން ގާނޫނެއް ދަނީ ހަދަމުން. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކްރެޑިޓް ރެޖިސްޓްރީ އެއް ދަނީ ގާއިމް ކުރަމުން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މީގެ އިތުރުން އެކްސްޕޯޓް/ އިމްޕޯޓަށް ހުށަހަޅަން ޖެހޭ ޑޮކިއުމެންޓްތަކަށް ފަސޭހަ ބަދަލުތަކެއް ގެނެސް ހަތަރު މަސް ތެރޭގައި ނިމޭނެ ކަމަށެވެ.

"އެކްސްޕޯޓް އިމްޕޯޓް ކުރުމުގައި ބޭނުންކުރާ ލިޔުތައް ރިވިއުކޮށް ސްޓީމް ލައިންކޮށް، ރީ އިންޖިނަ ކުރުމުގެ މަސައްކަތް ހަތަރު މަސް ތެރޭ ނިމޭނެ،" ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ޓީއެފްސީ [ޓްރޭޑް ފެސިލިޓޭޝަން ކޮމެޓީ] ގެ އާމާޒުތައް، ރައީސްގެ އިގްތިސާދީ އަމާޒުތައް 2018 ވަނަ އަހަރު އަންނަންވާއިރަށް ހާސިލް ކުރެވޭނެ ކަމާމެދު ޝައްކެއް ނުކުރަން. އިރާދުކުރެއްވިއްޔާ އެ ދުވަހަކު ރާއްޖެއަކީ ވިޔަފާރި ކުރަން އެންމެ ރަނގަޅު ގައުމަކަށް ވާނެ."

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 80 ޕަސެންޓް ހިއްސާ ކުރަނީ ރިސޯޓުތަކުން ކަމަށާއި، ރިސޯޓެއްގެ ކަރަންޓުގެ ހިދުމަތްދެނީ އެންމެ ކުރިއަރާފައިވާ ސިޓީއެއްގެ ދަރަޖައިގައި ކަމަށެވެ.

"ރީޓެއިލް ވިޔަފާރި ވެސް ދާދި ފަހަކާ ޖެހެދެން 80-90 ޕަސެންޓް ކަރަންޓު ލެވެން ވަރަށް ފަސޭހަ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ވިޔަފާރި އަށް ފަސޭހަ ގިނަ ހިދުމަތްތަކެއް ދެވިފައިވާ ކަމަށެވެ. މިގޮތުން މި މަސައްކަތް ކުރަނީ ބައިނަލްއަގުވާމީ މުޖުތަމައާ ގުޅިގެން ކަމަށެވެ.

"ކުރީގެ ސަރުކާރުތަކާ ހިލާފަށް ވަރަށް ބޮޑު ޝިފްޓެއްގައި މަސައްކަތް މިކުރީ. ހަތެއް ސެޕްޓެމްބަރު 2015 ގައި ވަނީ ޓްރޭޑް ފެސިލިޓޭޝަން ކޮމެޓީއެއް އެކުލަވާލާފައި. ގާތްގަނޑަކަށް ސަރުކާރުގެ ހަށް މުއްސަސާ ހިމެނޭ ގޮތަށް. މި ކޮމެޓީ ހެދީ ވޯލްޑް ބޭންކް ޑުއިން ބިޒްނަސްގައި ހިމެނޭ ކަންކަން ހަގީގަތަކަށް ހެދުމަށް،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ވިޔަފާރިއަށް ފަހި މާހައުލެއް ގެނައުމުގެ ގޮތުން ގެނެވިފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ކްރެޑިޓް ގެރެންޓީ ސްކީމް ތައާރަފު ކޮށްފައިވާ ކަމަށެވެ.

" ޕްރައިވެޓް ސެކްޓާގެ ގަޑިތަކާ އެއް ހަމައެއްގައި މަސައްކަތު ގަޑި ގެނެވިފައިވޭ. ބިޒްނަސް ސާވިސް އެޖެންޓުންވެސް ގާއިމް ކުރެވިފައިވޭ. ބިޒްނަސް ޕޯޓްލް ހިދުމަތް ތިން އަތޮޅެއްގައި ދެވިފައިވޭ،" ސައީދު ވިދާޅުވި އެވެ.