ބޮލީވުޑް

ރިއަލިޓީ ޝޯގެ ބައިވެރިންނާއެކު ރެމޯ އިތުރު ފިލްމެއް އުފައްދަނީ

Dec 7, 2016

ޑާންސް ޑްރާމާ ފިލްމު "އޭބީސީޑީ" އާއެކު ޑައިރެކްޓަރުގެ ގޮނޑީގައި އިށީން މަޝްހޫރު ކޮރިއޮގްރާފާ ރެމޯ ޑިސޫޒާ ވަނީ އެފިލްމުގެ ބޮޑު ކާމިޔާބީ އާއެކު އެސިލްސިލާގެ ދެވަނަ ފިލްމެއްވެސް އުފައްދާފަ އެވެ.

ރެމޯ ޖަޖެއްގެ ގޮތުގައި ފެނިގެންދިޔަ ޑާންސް ރިއަލިޓީ ޝޯ "ޑާންސް އިންޑިއާ ޑާންސް" (ޑީއައިޑީ) ގައި ބައިވެރިންގެ ގޮތުގައި ފެނިގެން ގޮސްފައިވާ ބައެއް ޑާންސަރުން ހިމަނައިގެން އުފައްދާފައިވާ އެދެފިލްމަށް ލިބުނު ބޮޑު ތަރުހީބާއެކު ޑީއައީޑީން ވިދާލި އިތުރުން ތަރިންތަކެއް ހިމަނައިގެން މުޅިން އާ ފިލްމެއް އުފައްދަން ރެމޯ ވަނީ ނިންމާފަ އެވެ.

"ނަވާބްޒާދޭ" ނަމަކަށް ކިޔާ މިފިލްމުގައި ލީޑްތަރިންގެ ގޮތުގައި ފެނިގެންދާނީ ޕުނީތް ޕަތަކް އާއި ދަރްމޭޝް ޔެލާންދޭ އަދި ރާގަވް ގުޔާލް އެވެ. މިތިން ތަރިންނަކީ ވެސް "އޭބީސީޑީ" އާއި "އޭބީސީޑީ 2" އިން ވެސް ފެނިގެން ގޮސްފައިވާ ތަރިންނެވެ.

"އޭބީސީޑީ 2" އަށް ފަހު ރެމޯ ދެން އުފައްދާ ފިލްމެއްގެ ގޮތުގައި ސޫރަޖް ޕަންޗޯލޯ އާއި އަޖޭ ދޭވްގަން ލީޑްރޯލުގައި ހިމަނައިގެން އުފައްދާ ފިލްމެއް ނަމަވެސް އެފިލްމުގެ މަސައްކަތް އަންނަ އަހަރުގެ މާޗް ހިސާބުގައި ފެށުމަށް ލަސްކުރުމުން ރެމޯ ވަނީ "ނަވާބްޒާދޭ" އާއެކު ކުރިއަށްދާން ނިންމާފަ އެވެ.

"އޭބީސީޑީ އަށް ފަހު މިތިން ޑާންސަރުންގެ އެކްޓިން ދައްކާލެވޭނެ ފިލްމަަކަށް މިފިލްމު ވެގެންދާނެ" ރެމޯ ބުނެފައިވެ އެވެ.

ރެމޯ މިފިލްމުގެ ދެ ލަވައެއް ކޮރިއޮގްރާފް ވެސް ކޮށްދިނުމަށް ހަމަޖެހިފައިވާއިރު ފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ ވަރަނަސީގަ އެވެ.