ހަބަރު

ރެކޯޑު މިންވަރަކަށް ހޫނު ގަދަ ވެއްޖެ؛ ސަމާލުވޭ!

Mar 11, 2015

މިއީ ރާއްޖެއަށް އާއްމުކޮށް އެންމެ ހޫނު ގަދަވާ ދުވަސް ވަރެވެ. ނަމަވެސް މި ދުވަސްވަރު މެންދުރުގެ އަވިގަދަ ވަގުތުތަކުގައި ވަނީ ދިލަ ހޫނެކެވެ. މޫސުމާ ބެހޭ މައި އިދާރާއިން ބުނި ގޮތުގައި މި ހިނގާ މާޗް މަސް އެހެން އަހަރުތަކަށް ވުރެ ހޫނު ގަދަކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ދުވަސްވަރު މި ހިނގާ މާޗް މަހު އެހެން އަހަރުތަކާ ބަލާއިރު ހޫނުމިން 0.4 ސެލްސިއެސް މަތިކަމަށް ދައްކަ އެވެ.

"އެންމެ ގަދަކޮށް ހޫނުމިން މި އުޅެނީ 32.5 ޑިގްރީ ސެލްސިއެސްގައި،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޫނު ގަދަކަމަށް ދެއްކި ނަމަވެސް އެވްރެޖުކޮށް ހޫނުމިން އުޅެނީ 29 ޑިގްރީ ސެލްސިއެސް އާއި 29.5 ޑިގްރީ ސެލްސިއެއްއާއި ދެމެދުގައި ކަމަށެވެ.

މިއީ ހޫނުގަދަ ދުވަސްވަރަކަށް ވުމާ އެކު މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހެ އެވެ. ހާއްސަކޮށް ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވާން ޖެހެ އެވެ. މި ގޮތުން އަވީގެ ދޯދިތަކުން ލޮލަށް ލިބޭ ގެއްލުމުން ސަލާމަތްވުމަށް އަވިއައިނު ބޭނުން ކުރުމާއި، ގިނައިން ދިޔާތަކެތި ބޭނުން ކުރުމަށް ވެސް ސަމާލުވާން ޖެހެ އެވެ. އަދި އަވިން ހަންގަނޑު ސަލާމަތް ކުރުމަށް ސަން ލޯޝަން ފަދަ ތަކެތި ބޭނުން ކުރުން ވެސް މުހިންމެވެ.

މި ދުވަސްވަރު ކަރަންޓް ބޭނުންކުރާ މިންވަރު މަދު ކުރުމަށާއި ކަރަންޓް ހަރަދު ކުޑަކުރެވެން ހުރި ވަސީލަތްތަކުގެ ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ސްޓެލްކޯއިން ބުނީ އަހަރުގެ އެހެން މަސްތަކާ އަޅާބަލާއިރު ފެބުރުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އަންނަ ދުވަސްވަރަކީ ރާއްޖޭގެ ފިނިހޫނުމިން އަހަރުގެ ތެރޭގައި އެންމެ މަތިވާ ދުވަސްވަރު ކަމަށެވެ. އަދި ބުނެފައި ވަނީ މި މުއްދަތުގައި ކަރަންޓް ބޭނުންކުރާ ވަރު އިތުރުވުމުގެ ސަބަބުން ކަރަންޓް އުފައްދާ ފޯރުކޮށްދިނުމަށް އަހަރުގެ އެހެން މަސްތަކުގައި ކަރަންޓް އުފައްދާ މިންވަރާ އަޅާބަލާއިރު 8.5 ޕަސެންޓް އިތުރަށް ކަރަންޓް އުފައްދަންޖެހޭ ކަމަށެވެ.