ބޭރު ކުޅިވަރު

ބީންހެކާގެ ބަލިނުވުމުގެ ރެކޯޑާ ޒިދާން އަރާ ހަމަ ކޮށްފި

Dec 8, 2016

ބުރޫޝިއާ ޑޯޓަމަންޑާ ދެކޮޅަށް ރޭ ކުޅުނު މެޗު އެއްވަރުވެ ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ހޮލެންޑްގެ ލިއޯ ބީންހެކާ ހަދާފައިވާ ބަލިނުވުމުގެ ރެކޯޑާ ޒިދާން އަރާ ހަމަކޮށްފިއެވެ.

ދެ ފަހަރެއްގެ މަތިން ރެއާލްގެ ކޯޗް ކަން ކުރި ބީންހެކާ 1988/1989 ވަނަ އަހަރު ވަނީ ބަލި ނުވެ 34 މެޗް ފުރިހަމަ ކޮށްފައެވެ. އޮކްޓޯބަރު، ދޭކުން 1989 ގެ އޭޕްރީލް ނުވަޔަކަށް ވަނީ ބީންހާކާގެ ސްކޮޑް ވަނީ 25 މެޗުން މޮޅުވެ ނުވަ މެޗުން އެއް ވަރު ކޮށްފައެވެ.

ބީންހެކާއަށް ވުރެ ޒިދާންގެ ސްކޮޑުން ޖެހި ލަނޑުގެ އަދަދު ގިނައެވެ. ޒިދާންގެ ޓީމުން ޖަހާފައިވަނީ 95 ގޯލެވެ. ބައިކޮޅަށް ވެދެފައިވަނީ 32 ގޯލެވެ.

މި އަންނަ އާދިއްތަ ދުވަހު ޑިޕޯޓިވޯ ލަކަރޫނިއާއާ ދެކޮޅަށް ކުޅޭ މެޗުން ޒިދާން އަށް ކުލަބުގެ ރެކޯޑް ހެދޭނެ އެވެ. އެއާއެކު ސްޕެއިންގެ ބަލިނުވުމުގެ ރެކޯޑް މުގުރާލުމުގެ ވިސްނުންވެސް ޒިދާންގެ އަމާޒުގައި އޮންނާނެ އެވެ. ސްޕެއިންގައި ބަލި ނުވުމުގެ ރެކޯޑް އޮތީ ވާދަވެރި ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭގެ އަތުގައެވެ. އޭނާ ވަނީ ބަލިނުވެ 39 މެޗް ފުރިހަމަ ކޮށްފަ އެވެ.

ޔޫރަަޕްގައި ބަލިނުވުމުގެ ރެކޯޑް އޮތީ ޔުވެންޓަސް އަށް ޗެލްސީގެ މިހާރުގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ކޯޗްކޮށް ދިންއިރު އެވެ. އޭނާ ވަނީ ޔުވެންޓަސްއާ އެކު ބަލި ނުވެ 43 މެޗް ފުރިހަމަކޮށްފަ އެވެ.