ރާއްޖެ ކުޅިވަރު

"އަސާސީ ގަވައިދަށް ގެންނަ ބޮޑެތި ބަދަލުތަކާއެކު ދިވެހި ފުޓްބޯޅަ އަށް އިތުރު ކުރިއެރުން ލިބޭނެ"

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވައިދަށް ގެންނަ އިސްލާހުތަކާއެކު، ދިވެހި ފުޓްބޯޅަ އަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އަސާސީ ގަވައިދު ޑްރާފްޓްކުރުމުގެ މަސައްކަތުގައި ބައިވެރިވާ ފީފާގެ އޮފިޝަލެއް ކަމަށްވާ އުރުގުއޭގެ ޕްރީވޯ ކޮރޯވާ ބުނެފި އެވެ.

އެފްއޭއެމްގެ އަސާސީ ގަވައިދު ޑްރާފްޓްކުރުމުގެ ގޮތުން ހިޔާލު ހޯދުމާއި މަޝްވަރާ ކުރުމުގެ ގޮތުން، ފުޓްބޯޅައިގެ ސްޓޭކްހޯލްޑަރުންނާއެކު ހޯމަަ ދުވަހާއި އަންގާރަ ދުވަހު ކުރުނބާ އައިލެންޑް ރިސޯޓުގައި ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި ކޮރޯވާގެ އިތުުރުން ފީފާގެ އެހެން އޮފިޝަލަކާއި އޭއެފްސީގެ އޮފިޝަލެއް ބައިވެރިވި އެވެ.

"އަސާސީ ގަވައިދު އިސްލާހުކުރުމަކީ ފީފާ އިން ދުނިޔޭގެ އެހެން ގިނަ ގައުމުތަކެއްގައި ވެސް މިހާރު ކުރަމުންދާ ކަމެއް. ފީފާ އިން ބޭނުންވަނީ ފުޓްބޯޅައިގެ ހުރިހާ ސްޓޭކް ހޯލްޑަރުންގެ ހިއްސާ އޮންނަ، އަސާސީ ގަވައިދެއް ހެދުން،" މިއަދު ހެނދުނު އެއާޕޯޓުގައި މީޑިއާއާ ވާހަކަދައްކަމުން ކޮރޯވާ ބުންޏެވެ. "މި ބަދަލުތަކާއެކު ދިވެހި ފުޓްބޯޅަ އަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ގަބޫލްކުރަން."

ކޮރޯވާ ވިދާޅުވީ އަސާސީ ގަވައިދަށް ގެންނަން އެންމެ ބޮޑު އެއް ބަދަލަކީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މެމްބަރުންގެ އަދަދު އިތުރުވުން ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ނުވަ ޒޯނުގެ ތެރެއިން ކޮންމެ ޒޯނެއް ވެސް ކޮންގުރެސްގައި ތަމްސީލްކުރާ ގޮތަށް ގަވައިދު ބަދަލުކުރާނެ ކަމަށެވެ.

"މިހާރު އެފްއޭއެމްގެ އިންތިހާުބުގައި މި ވޯޓު ލަނީ 13 ކްލަބު. މިއީ މާލެ އަށް ނިސްބަތްވާ ކްލަބުތައް. އެކަމަކު ގަވައިދަށް ގެންނަ ބަދަލުތަކާއެކު، 44 ފަރާތަށް ވޯޓުގައި ބައިވެރިވެވޭނެ. މީގެ ބޭނުންވަނީ ފުޓްބޯޅައިގައި ހިއްސާ އޮންނަ ގިނަ ފަރާތްތަކަށް ފުރުސަތު ދީ، މުޅި ރާއްޖެ އަށް މިކަން ފަތުރާލުން،" ކޮރޯވާ ވިދާޅުވި އެވެ. "މުޅިން ގަވައިދު ފައިނަލެއް ނުވޭ. އެކަމަކު މި ބަދަލުތަކުގެ ތެރެއިން ރެފްރީޒް އެސޯސިއޭޝާނާއި ވިމެންސް ފުޓްބޯލް އެސޯސިއޭޝަނާއި ކޯޗާސް އެސޯސިއޭޝަންގެ ކޮންގުރެސްގައި ތަމްސީލްކުރާ ގޮތަށް ހިޔާލު ދީފައިވަނީ."

ފުޓްބޯލް އެސޯސިއޭޝަންގެ ހިންގުން ނޯމަލައިޒޭޝާން ކޮމެޓީއާ ފީފާ އިން ހަވާލުކުރިއިރު، އެ ކޮމެޓީ އަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެފްއޭއެމްގެ އަސާސީ ގަވަިދު އިސްލާހުކުރުން ހިމެނެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބު ބޭއްވުމުގެ ކުރިން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް ފުރިހަމަ ކުރުމަށް އެފްއޭއެމް އިން މަސައްކަތްކުރަމުންދާ ކަމަށެވެ.

"ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭ ކުރު މުއްދަތެއްގެ ތެރޭގައި. އިންތިހާބުގެ ކުރިން އެ ހުރިހާ ކަމެއް ފުރިހަމަކުރަން އަޅުގަނޑުމެންގެ ވަރަށް ބުރަކޮށް މަސައްކަތްކުރަން،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ އަސާސީ ގަވައިދު ޑްރާފްޓްކުރުމާ ގުޅޭ ގޮތުން ހިޔާލު ހޯދައި، މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ. އަދި ގަވައިދު ފައިނަލް ކުރުމުގެ ކުރިން އިތުރު ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ.