ލައިފްސްޓައިލް

ބައްޕަގެ ފިޔަވަޅު މަތިންނެއް ނޫން، މަންމަގެ ފިޔަވަޅުމަތިން

Dec 8, 2016

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ފިރިހެން ދަރިއަކު ބޮޑުވެގެން ވާން ޖެހޭނީ ފުޓްބޯޅައިގެ ލެޖެންޑަކަށް ކަމަށް ބައެއް މީހުން ބުނެ އެވެ.

ނަމަވެސް އިނގިރޭސި ވިލާތުގެ މަޝްހޫރު ކުރީގެ ފުޓްބޯޅަ ތަރި، ޑޭވިޑް ބެކަމްގެ ފިޔަވަޅުމަތިން ކުރިއަށް ދިއުމުގެ ބަދަލުގައި އޭނާގެ 11 އަހަރުގެ ފިރިހެން ދަރިފުޅު، ކްރޫޒް ބެކަމް އިހްތިޔާރުމިކުރީ ހަމަ އެވަރަށް މަޝްހޫރު މަންމަ، ވިކްޓޯރިއާ ބެކަމްގެ ފިޔަވަޅުތަކެވެ.

ކުރީގެ މަޝްހޫރު ގާލްސް ބޭންޑް، ސްޕައިސް ގާލްސްގެ ތަރި، ވިކްޓޯރިއާގެ ފިޔަަވަޅުމަތިން ގޮސް ކްރޫޒް ބެކަމް މި ވަނީ އޭނާގެ ފުރަތަމަ ލަވަ އާންމުންނާ ހަމަ އަށް ގެނެސްދީފަ އެވެ. "އިފް އެވްރިޑޭ ވޯސް ކްރިސްމަސް" ގެ ނަން ދީފައިވާ މި ސިންގަލް ޔޫކޭގެ ރޭޑިއޯތަކުން ޖަހަން ފަށާފައިވާއިރު މި ލަވައިން ލިބޭ ފައިސާ ހޭދަކުރުމަށް ނިންމާފައި ވަނީ ކުޑަކުދިންނާއި ޒުވާނުންނަށް އެހީތެރިވާ ޗެރިޓީއަކަށެވެ.

ކްރޫޒް ބެކަމްގެ މެނޭޖަރަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަށް ތަރިއަކަށް ހަދައި އޭނާ ވެސް މެނޭޖުކުރަމުން އަންނަ ސްކޫޓާ ބްރައުން އެވެ.

ލަވައިގެ ދުނިޔެ އަށް ރަސްމީކޮށް ތައާރަފްވުމާ އެކު ކްރޫޒް ބެކަމްގެ އިންސްޓަގްރާމް އެކައުންޓެއް ވެސް ވަނީ ހުޅުވައިފަ އެވެ. އެކި ކަވާ ލަވަތައް ވެސް މި އެކައުންޓް މެދުވެރިކޮށް އޭނާ ޕްރޮމޯޓްކުރަމުން އަންނައިރު ކާޓާ ފެމިލީގެ "ވެން އައި އޭމް ގޯން" ގެ ކަވާއެއް ވެސް ކްރޫޒް އާންމުކޮށްފައިވެ އެވެ.

ބެކަމް އާއި ވިކްޓޯރިއާ އަށް ހަތަރު ކުދިން ލިބިފައިވާއިރު ކްރޫޒް އަކީ އޭގެ ތެރެއިން ތިން ވަނަ ފިރިހެން ދަރިފުޅުގެ އިތުރުން ތިން ވަނަ އަށް އެންމެ ދޮށީ ކުއްޖާ އެވެ. ތިން ފިރިހެން ކުދިންނަށް ފަހު އެންމެ ހަގަށް އަންހެން ކުއްޖަކު ލިބިފައިވާއިރު ދޮށީ ފިރިހެން ދަރިފުޅު، ބްރޫކްލިން ބެކަމް އަކީ މިހާރު ވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ފަށައިފަ އެވެ.

މީގެ އިތުރުން މި ތިން ބެއިންނަކީ ވެސް ބައްޕަ، ބެކަމް ފަދައިން މޮޑެލިންގެ ދާއިރާގައި ވެސް މަޝްހޫރު ތިން މޫނެވެ.