ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކުރަން ހުށަހެޅުމުން އެ މައްސަލަ ބަލައިގަނެވޭނެ ކަމަށް ނިންމާފައިވާ ކަމަށާއި އެކަމަކު އެ މައްސަލަ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް ފައިސާ ދައްކާފައި ނުވާތީ މައްސަލަ ކުރިއަށް ނުގެންދެވިފައިވާ ކަމަށް އެނގިއްޖެ އެވެ.
"އަވަސް" އަށް އެނގިފައިވާ ގޮތުގައި ނަޝީދުގެ ގާނޫނީ ޓީމަށް ކޯޓުން ވަނީ މައްސަލަ ބަލައިގަނެވޭނެ ކަމަށް އަންގައިފަ އެވެ. ނަމަވެސް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ކުރިއަށް ގެންދާނީ އެ ކޯޓެއްގެ ގަވާއިދުގައި ބުނާ ގޮތަށް އެ މައްސަލައެއް ބަލައިގަނެ ރަޖިސްޓްރީ ކުރުމަށް ފަހު އެވެ. ހައި ކޯޓުގައި މައްސަލައެއް ރަޖިސްޓްރީ ކުރުމަށް 300ރ. ދައްކަން ޖެހެ އެވެ.
ޓެރަރިޒަމްގެ އަމަލެެއް ހިންގުމުގެ ތުހުމަތުގައި ނަޝީދު ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެ މަނިކުފާނުގެ އަނބިކަނބަލުންގެ ގެ ކަަމަށްވާ ޔާގޫތު ގޭގައި ހުންނަވަނިކޮށެވެ. އެ ދުވަހު ނަޝީދު ހައްޔަރު ކުރި ކޯޓު އަމުރު ބާތިލް ކުރަން ހުށަހަޅާފައިވާ މައްސަލަ ކޯޓަށް ބަލައިގަނެވޭނެ ކަމަށް ނަޝީދުގެ ގާނޫނީ ޓީމަށް ހައި ކޯޓުން ތަކުރާރުކޮށް އަންގާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް މައްސަލަ ރަޖިސްޓްރީ ކުރުމަށް ފައިސާ ދެއްކުމަށް ވަކީލުންނަށް އެންގުމަށް އެ ބޭފުޅުންނާ ނުގުޅޭ ކަމަށްވެ އެވެ.
ނަޝީދުގެ މައްޗަށް ދައުވާ ކުރަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކަމަށް ވާއިރު ކުރިން މި މައްސަލާގައި ކޮށްފައި ވަނީ ކުށް ނުކުރާ މީހަކު ގާނޫނާ ހިލާފަށް ހައްޔަރު ކުރުމުގެ ދައުވާ އެވެ. ނަމަވެސް ފަހުން ދައުވާ އަނބުރާ ގެންގޮސް ޓެރަރިޒަމްގެ ދައުވާ ކުރުމުން އެގޮތަށް ދައުވާ ބަދަލު ނުކުރެވޭނެ ކަމަށް ބުނެ ހައި ކޯޓަށް ހުށަހެޅި މައްސަލަ ވަނީ ބަލައި ނުގަނެވޭނެ ކަމަށް ކޯޓުން ނިންމައިފަ އެވެ.
މީގެ އިތުުރުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރުގެ އިސްތިއުނާފް މައްސަލަ އާއި ދުސްތޫރީ މައްސަލައަކާއި ބެލެނިވެރިކަމުގެ އިހުތިސާސްގެ ދަށުން ވެސް ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލަތައް ބަލައި ނުގަނެވޭނެ ކަމަށް ކޯޓުން ވަނީ ނިންމައިފަ އެވެ.