ލައިފްސްޓައިލް

އަވަހަށް ކައިވެނިކުރަން ބޭނުން ނަމަ ތުނބުޅި ބަހައްޓާ

Dec 9, 2016
1

ލޯބިވާ އަންހެން ކުއްޖާއާއެކު ހަޔާތެއް ފަށައި ކައިވެނި ކުރަން ބޭނުންވާނަމަ ކުރަން ޖެހެނީ ކޮން ކަމެއް ހެއްޔެވެ؟ ގިނަ ފިރިހެނުން ހިތަށް އަރާނެ ސުވާލެކެވެ. އެކި ގޮތްގޮތުން އެކަމަށް ތައްޔާރުވާން ޖެހޭއިރު ސައިންސުވެރިން މިވަނީ ކައިވެންޏަކާމެދު ވިސްނާނަމަ ތިމާގެ ސިފައަށް އިސްކަންދޭން ޖެހޭކަން ހާމަކޮށްފަ އެވެ. ތުނބުޅި ބަހައްޓަން ޖެހޭ ކަމަށް ބުނެފަ އެވެ.

އޮސްޓްރޭލިޔާގެ ޔުނިވާސިޓީ އޮފް ކްއީންލޭންޑްގެ ރީސާޖަރުންތަކެއް ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ތުނބުޅި ބަހައްޓާފައި ތިބޭ ފިރިހެންނާމެދު އަންހެނުން ދެކޭ ގޮތް ވަރަށް ތަފާތެވެ. އަންހެނުން ގަބޫލުކުރާ ގޮތުގައި ތުނބުޅި ބަހައްޓާ ފިރިހެނުންނަކީ އެ ބަޔަކާއެކު ލޯންގް ޓާމް ރިލޭޝަންޝިޕަކަށް ދެވިދާނެ ބައެކެވެ.

އެ ދިރާސާއިން އެނގުނު ކަމަށް ބުނެފައިވަނީ އަންހެނުން ދެކޭ ގޮތުގައި ތުނބުޅި ބަހައްޓާ ފިރިހެނުންނަކީ ތުނބުޅި ނުބަހައްޓާ ފިރިހެނުންނާ އަޅާބަލާއިރު ހަރުދަނާ އަދި ތަސައްރަފު ފުދިފައިވާ މީހުން ކަމަށެވެ.

ޔުނިވާސިޓީ އޮފް ކްއީންލޭންޑްއިން މީގެކުރިން ވެސް ތުނބުޅިއާ ގުޅޭ ވަރަށް މަޝްހޫރު ދިރާސާއެއް އާންމުކުރި އެވެ. އެއީ ތުނބުޅި ބެހެއްޓުމަކީ ޒުވާންކަމާއި ރީތިކަން ދައްކުވައިދީ، ސިއްހަތައް ފައިދާތަކެއް ލިބޭ ކަމެއް ކަމަށް ބުނެ އާންމުކުރި ދިރާސާ އެވެ.

އެ ދިރާސާގައި ބުނެފައިވަނީ ބޮޑު ތުނބުޅިއެއް ބެހެއްޓުމުގެ ސަބަބުން 95-90އާ ދެމެދު ޔޫވީ ރޭއިސް މޫނަށް އެޅުން ހުއްޓޭ ކަމަށެވެ. އަދި ތުނބުޅި ބެހެއްޓުމަކީ ކެންސަރުން ވެސް ދުރުކޮށްދޭ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. އޭގެއިތުރަށް މީހާގެ އުމަރަށްވުރެ ޒުވާން ކަމަށް ދައްކާ، މީހާގެ ފިރިހެންވަންތަ ކަމާއި ފިރިހެންވަންތަ ރީތިކަން ތުނބުޅީގެ ސަބަބުން ލިބޭ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.