ލައިފްސްޓައިލް

ފޫހިވަނީތަ؟ ރުޅި ނުވެ ހައްލުކުރޭ

Dec 9, 2016

ރައްޓެހިވެގެން އުޅޭއިރު ކޮންމެވެސް އެއް ވަގުތެއްގައި މި ސުވާލު ހިތަށް ނާރާ މީހަކު ވަރަށް މަދުވާނެ އެވެ. "އަހަރެން ހިތްހަމަ ޖެހޭ ބާވަ އެވެ؟" ކިތަންމެ ލޯބިން އުޅުނު ނަމަވެސް ގިނަ ބަޔަކަށް މިއީ ދިވާމާ މައްސަލައެކެވެ. ރައްޓެހިވެގެން އުޅެން ފޫހިވުމެވެ. ވަކިވާން ބޭނުން ނުވި ނަމަވެސް ހަމަ ފޫހިވަނީ އެވެ. އުފާވާކަމުގެ އިހުސާސް ނުވަނީ އެވެ. އެކުގައި އުޅޭ ހިތް ނުވަނީ އެވެ.

މިހެން ދިމާވުމުން ރުޅިވާންވީބާވަ އެވެ؟ ނޫނެކެވެ. އެހެނެއް ނޫނެވެ. އެމީހަކީ ތިމާ ލޯބިވާ މީހާނަމަ ރުޅި ނުވާށެވެ. ފޫހިވާ ސަބަބުތައް ހޯދައި އެކަމަށް ހައްލު ހޯދާށެވެ. މިއީ އެންމެންނަށް ވެސް ދިމާވާ ކަމެކެވެ. ތިމާއަށް ވެސް ދިމާވާނެ އެވެ. ހާސް ނުވާށެވެ. ހައްލަކީ އެމީހަކު ހޯދުމުން ލިބޭ އެއްޗެކެވެ.

ފޫހިވާން މެދުވެރިވާ ސަބަބުތައް ވަރަށް ގިނަ އެވެ.

މިސާލަކަށް ކޮންމެ ދުވަހަކުވެސް އެއް ރޫޓިންގައި ދެމީހުންނަށް ކަންތައްތައް ކުރެވޭނަމަ ފޫހިވެދާނެ އެވެ. އެއް ގަޑިއެއްގައި މެސެޖްކޮށް، ގުޅައި، އެއް ސުވާލުތަކެއް ކޮށް، އެއް ވާހަކަތަކެއް ދައްކަން ޖެހޭނަމަ ފޫހިވާނެ އެވެ. މިކަމަށް އޮތް ހައްލަކީ ރޫޓިން ބަދަލުކޮށްލުމެވެ. ރޫޓިން ބަދަލު ނުކުރެވޭނަމަ ހަފުތާއަކު އެއް ފަހަރު ނޫނީ މަހަކު އެއް ފަހަރު ނަމަވެސް ކޮންމެ ވެސް އެކްސައިޓިން ކަމެއް ކޮށްލުމެވެ. ދެމީހުން އެކީ ޗުއްޓީއެއް ހޭދަ ކޮށްލުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ހަފުތާއަކު އެއް ފަހަރު ވަރުގަދަ ޑިނާއަކަށް ބޭރަކަށް ދިޔުމަކީ ވެސް ވަރަށް ރަނގަޅު ކަމެކެވެ.

އެކުގައި މަސައްކަތްކުރާ ނޫނީ ކިޔަވާ ރައްޓެއްސަކާ މާ ގާތްވުމަކީ ވެސް ލޯބީގެ ގުޅުމަށް އަސަރު ކޮށްފާނެ ކަމެކެވެ. ބައިވެރިޔާއާއެކު ހޭދަކުރާ ވަގުތަށްވުރެ އޭނާއާއެކު ހޭދަކުރެވޭ ވަގުތު އިތުރުވެ ތިމާގެ ކަންކަން އޭނާއަށް މާބޮޑަށް ހިއްސާކުރެވެ އެވެ. އޭނާއާ ދެމެދު ހާއްސަ ގުޅުމެއް އުފެދެ އެވެ. އޭގެ ސަބަބުން ބައިވެރިޔާއާ ދުރުވެވެ އެވެ. ބައިވެރިޔާއަށް ވަގުތު ނުވާތީ އެއްކަހަލަ ރައްޓެއްސާއާ މާ ގާތްވެވެނީ އެވެ.

ތިމާގެ ވާހަކަތައް ބައިވެރިޔާއަށް ނުކިޔައިދޭތީ އޭނާއަށް ވެސް ރުޅި އާދެވި، ފޫހިވެ އެވެ. ބައިވެރިޔާއަށްވުރެ ރައްޓެހިން އިސް ކުރާނަމަ އެހެން ވާނެ އެވެ. އޭގެ ހައްލަކީ ބައިވެރިޔާ ކިތަންމެ ބުރަވި ނަމަވެސް އޭނާއާ ހިއްސާކުރަން ޖެހޭ ވާހަކަތައް އެހެން މީހުންނާ ހިއްސާ ނުކުރުމެވެ. ނޫނީ، ބައިވެރިޔާއާ ހިއްސާ ކުރުމަށްފަހު އެހެން މީހުންނާ ހިއްސާކުރުމެވެ. ބައިވެރިޔާ އިސްކުރަން ޖެހޭނެ އެވެ. އޭނާ ވެސް ހިތް ރުހޭނީ އޭރަށެވެ.

ހަމަ ގައިމު ވެސް ތިމާދެކެ ލޯބިވާ މީހެއްނަމަ ކިތަންމެ ބުރަކޮށް އުޅެމުން ވެސް ތިމާގެ ވާހަކަތައް އަޑުއަހަން ކުޑަ ވަގުތު ކޮޅެއް ނަމަވެސް ހޯދާނެ އެވެ.

އެހެންނަމަވެސް ރައްޓެހިންނާއެކު ވެސް ވަގުތު ހޭދަކުރަން ޖެހޭނެ އެވެ. އަބަދު ބައިވެރިޔާއަށް އުދަނގޫކޮށް، އަބަދު ދެ މީހުން އެކުގައި އުޅެންވެއްޖެނަމަ އެއީ ވެސް ފޫހިވާނެ ކަމެކެވެ. މުޅި ދުވަހު ރައްޓެހިންނާއެކު އުޅުމަށްފަހު ވެސް ދުވަސް ބައިވެރިޔާއެކު ނިންމާލާށެވެ. ބައިވެރިޔާއާއެކު ދުވަސް ފަށާށެވެ. ދިރިއުޅުން އުފާވެރި ވާނީ ހުރިހާ ކަމެއް ވެސް "ބެލެންސްކޮށް" ގެންގޮސްގެންނެވެ.

ދައްކާނެ ނުވަތަ މަޝްވަރާކުރާނެ ވާހަކައެއް ނެތި، ފޫހިވުމަކީ ވަރަށް އާންމު ކަމެކެވެ. އެހެނަސް އެހެން ދިމާވަނީ ވާހަކަ ހުސްވެގެން ނޫނެވެ. ގަބޫލުކުރެވޭ ކުށް ހީއެއްގެ ސަބަބުންނެވެ. މިއަދު ލާނީ ކޮން ހެދުމެއް ހެއްޔެވެ؟ އަހަރެންނަށް އެ ހެދުން ކަމުދާނެ ހެއްޔެވެ؟ މިއީ ވަރަށް އާދައިގެ ސުވާލުތަކެކެވެ. ފަހަރެއްގައި ބޭކާރު ސުވާލެވެ. އެއީ ދެން ބައިވެރިޔާއާ ސުވާލުކުރާ ވަރު ކަމެއް ހެއްޔެވެ؟

އާނއެކެވެ. ކިތަންމެ ކުޑަ ވާހަކައެއް ވިޔަސް ހިއްސާކުރާށެވެ. އަހާށެވެ. އެ ވާހަކައެއް ދިގުލައި ދެ މީހުންގެ ދެމެދުގައި އެތައް ގިނަ ވާހަކަތަކެއް ދެއްކުމުގެ ފެށުމަކަށް އެ ވެދާނެ އެވެ. ކުދި ކުދި ވާހަކަ ވެސް އަހާނަމަ ބައިވެރިޔާ ވެސް ހިތްހަމަ ޖެހޭނެ އެވެ. އުފާވާނެ އެވެ. އޭނާއަކީ މުހިންމު މީހެއް ކަމުގެ އިހުސާސް ވެސް ކުރެވޭނެ އެވެ.

ބައިވެރިވާގެ މިޒާޖުގެ ސަބަބުން ވެސް ފޫހިވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ މީހަކީ ވެސް ތަފާތު މިޒާޖެއްގެ ތަފާތު މީހެކެވެ. އެހެންކަމުން ލޯބިވެރިޔާގެ މިޒާޖަށް ފެތި، އެ މިޒާޖު ދެކެ ލޯބިވުމަކީ ތިމާގެ ކަމެކެވެ. އެކަމާ ފޫހިވެގެންވާނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެ އެވެ.