އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި މިއަދު ލާއޮސްގެ ލާއޯ އެފްސީ އަތުން ފަހަތުން އަރައި 2-1 އިން ނިއު ރޭޑިއަންޓް މޮޅުވެއްޖެ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލާއޯ އިން ލީޑު ހޯދީ 37 ވަނަ މިނިޓުގައި އެ ޓީމުގެ މިޑްފީލްޑަރު މައީޓީ ޖެހި ލަނޑުންނެވެ. ނިއުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ލާއޯގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ ނިއުގެ އުޒްބެކިސްތާން ގޯލްކީޕަރު އަލިޝޭ އަހްމަދޯފްގެ ދިފާއުކުރި ނަމަވެސް، އަހްމަދޯފްގެ އަތުގައި ޖެހިފައި އޭރިޔާ ތެރެއަށް ވެއްޓުނު ބޯޅަ މައިޓީ ވަނީ ގޯލަށް އަމާޒުކޮށްލައިފަ އެވެ.
ފުރަަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި، ނިއުގެ ގޯލަށް ލާއޯ އިން ގިނަ ހަމަލާތަކެއް ފޮނުވާލި އެވެ. ލާއޯގެ ނުރައްކާތެރި ދެ ހަމަލާއެއް ނިއުގެ ގޯލްކީޕަރު އަހްމަދޯފް ވަނީ ދިފާއުކޮށްފަ އެވެ.
އެކަމަކު ދެވަނަ ހާފުގައި ނިއު އިން ވަނީ ކުޅުން ރަނގަޅުކޮށް، މެޗުގެ ނަތީޖާ އެއްވަރުކުރަން މަސައްކަތްކުރި އެވެ. ނަތީޖާއަކާށްވީ 69 ވަަނަ މިނިޓުގައި ނިއުގެ ނައިޖީރިއާ މިޑްފީލްޑަރު ސަންޑޭ ޕެޓްރިކް އޮކޯރޯ މެޗުގެ ނަތީޖާ އެއްވަރުކުރުމެވެ. ނިއުގެ އިނގިރޭސި ފޯވަޑް ޑެވިޑް މޯލީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، އޮކޯރޯ ވަނީ ހުނަރުވެރިކަމާއެކު ތިރިތިރިން ގޯލަށް އަމާޒުކޮށްލައިފަ އެވެ.
ދެ ޓީމު އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، ނިއު އިން ލީޑު ނެގީ 88 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ޖެހި ލަނޑުންވެ. ނިއު އަށް ޕެނަލްޓީއެއް ލިބުނީ އަޑުބަރޭ އަށް ލާއޯގެ ޑިފެންޑަރު ސައިނަކްހޮންވީޖެން ކުރި ފައުލަކަށެވެ.
މެޗުގެ ނިއުގެ ޓީމަށް އެ ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިރުޝާދު ދިން ނަމަވެސް، ލިސްޓުގައި ކޯޗަކަށް ޖަހާފައިވާ ހަސަން ހަމީދު (ޑަކޭ) މެޗަށް ފަހު ބުނީ މެޗުން މޮޅުވީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށެވެ.
"ހޯމްގައި ކުޅޭ ފުރަތަމަ މެޗަށް ވުމުން ޓާގެޓަކަށްވެފައި އޮތީ މޮޅުވެގެން ދަނޑުން ފޭބުން. އިރާދަކުރެއްވިއްޔާ އެކަން ހާސިލްވެއްޖެ،" ޑަކޭ ބުންޏެވެ.
ލާއޯގެ ކޯޗު އިނގިރޭސިވިލާތުގެ ޑޭވިޑް ބޫތު ބުނީ މިއީ ލާއޯގެ އަތުން ގެއްލުނު މެޗެއް ކަމަށާއި ދެވަނަ ހާފުގައި އެ ޓީމުގެ ކުޅުންތެރިން ފަރުވާުކުޑަކޮށްލީ ކަމަށެވެ.
"ފުރަތަމަ ހާފުގައި އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު ދެވަނަ ހާފުގައި ވަރަށް ގިނަ މިސްޓޭކްތައް ހެދި. އަހަރެން އަދި ނުދެކެން ޑިފެންސް އިން އެހާ ގިނައިން ބޯޅަ ގެއްލުވާލި މެޗެއް. މިއީ އަހަރެމެންގެ އަތުން ގެއްލުނު މެޗެއް،" ކުރިން ވެލެންސިއާ އަށް ކޯޗުކޮށްދިން ބޫތު ބުންޏެވެ.
"