ލުނބޮޔަކީ ހަމައެކަނި ކާއެއްޗެހީގައި ހުތް ރަހަ ލައްވާލުމަށް ނުވަތަ ފޭސްމާސްކް ތަކަށް ނުވަތަ ބަރުދަން ލުއި ކުރުމަށް އެކަނި ބޭނުންކުރެވޭނެ އެއްޗެއް ނޫނެ އެވެ. އެއަށްވުރެ އަހަރެމެންގެ އާންމު ދިރިއުޅުމުގައި ކުރާ ކުދިކުދި އަދި މުހިންމު ކަންތައްތަކަށް މާ ބޮޑަށް ވެސް ބޭނުންތެރި އެއްޗެކެވެ.
ޕެސްޓް ކޮންޓްރޯލާ އެއްގޮތަށް
މަދިރި، ކުރަފި ނުވަތަ ހިނީގެ އުނދަގޫ މާބޮޑުވެގެން ފާޑުފާޑުގެ ކެމިކަލްތައް ބޭނުންކުރާނެ ކަމެއް ނެތެވެ. ލުނބޮއެއް ދެ ފަޅި ކޮށްލުމަށްފަހު އޭގެ ތެރެއަށް ހައެއް ނުވަތަ ހަތް ކަރަންފޫ ކޮޅު ޖަހާލުމަށްފަހު ދިރޭ އެއްޗެހި އަރާ ތަނެއްގައި ބަހައްޓާށެވެ. މިއީ ކުޑަކުދިން އުޅޭ ގޭގޭވެސް ގެންގުޅެއް އެންމެ ރައްކާތެރި އެކައްޗެވެ.
ފުރިޖުން ދުވާ ވަސް ފިލުވާލުމަށް
މިއީ ވަރަށް އާންމުކޮށް ދިމާވާ މައްސަލަ އެކެވެ. އެތައް ބައިވަރު ތަފާތު ވައްތަރުގެ ކާ އެއްޗެހި ފުރިޖުގައި ބެހެއްޓުމުން ނުބައި ވަސް ފުރިޖުގައި ހިފާގޮތްވެ އެވެ. އަދި ފުރިޖުސާފުކުރި ނަމަވެސް ވަހުގެ މައްސަލަ ހައްލު ނުވެ ދެ އެވެ. މިހެންވެއްޖެނަމަ ކަފަކޮޅެއް ރަނގަޅަށް ތެމޭވަރަށް ލުނބޮލުގެ ހުތް ކަފަކޮޅުގެ ތެރެއަށް ފެލާލާށެވެ. އަދި އެ ކަފަކޮޅު ފުރިޖުގެ ތެރޭ ބާއްވާށެވެ. މިހެން ހެދުމުން ފުރިޖުގެ ތެރޭ ދުވާ ހުރިހާ ވަހެއް ކަފަކޮޅުގެ ތެރެއަށް ދަމާލާނެ އެވެ.
ބޫޓް ޕޮލިސްއެއް ގޮތަށް
އަވަހަށް ތަނަކަށް ދާއިރު ބޫޓް ޕޮލިސް ނުކޮށް ހުރުމުން ހާސްވާނެ ކަމެއް ނެތެވެ. ލުނބޯ ހުތް ކޮޅެއްގެ ތެރެއަށް ކުޑަ ޒައިތޫނި ތެޔޮފޮދެއް އަޅާލުމަށްފަހު ފޮތިކޮޅަކުން ބޫޓުގައި އުނގުޅާލާށެވެ. މިހެން ހެދުމުން ބޫޓުގެ ކުލަ ރީތިވެ އޮފު ކަމަށް ދައްކާނެ އެވެ.
ގޭތެރޭގެ ވަސް ރަނގަޅު ކުރުމަށް
ގޭތެރޭގައި ނުވަތަ ކޮޓަރިތެރޭގައި ނުބައިވަސް ދުވުމަކީ އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެވެ. ބޭނުންވާ ވަށްތަރެއްގެ މީރުވަސް ދުވާ ތެލެއްގެ ތެރެއަށް ލުނބޯދިޔަ ފޮދެއް އަޅާލާށެވެ. ނޫންނަމަ ރޯސްމެރީ އަދި ލެމަންގްރާސް ފަތުގެ ތެރެއަށް ލުނބޯ ހުތް ފޮދެއް އަޅާލާށެވެ. އަދި އޭސީ ކައިރި ބެހެއްޓުމުން ކޮޓަރި ތެރޭގައި ހެދޭ ނުބައިވަސް ކެނޑޭނެ އެވެ. މީގެ އިތުރުން ވެސް ލުނބޯހުތް ތައްޓަކަށް އެޅުމަށްފަހު އޭގެތެރެއަށް ބޭނުންވާ ވަށްތަރެއްގެ ލެމަންގްރާސް ކަހަލަ ތެޔޮފޮދެއް އަޅާލުމަށްފަހު އޭގެތެރެއަށް ފެންފޮދެއް އަޅާލާށެވެ. އަދި މިކްސް ކޮށްލުމަށްފަހު އެއާފްރެޝްނާއެއް ގޮތަށް ކޮޓަރި ނުވަތަ ގޭތެރޭގެ ވަސް ރަނގަޅު ކޮށްލުމަށް ބޭނުންކުރެވިދާނެ އެވެ.
ތަށި ސާފު ކުރުމަށް
ކޮޕާ ނުވަތަ އެލުމިނިއަމުން ހަދާފައި ހުންނަ ތަށިތެލިފަދަ އެއްޗެހީގައި އުނގުޅޭ ހަޑި ލުނބޯ ބޭނުންކޮށްގެން ފިލުވާލެވިދާނެ އެވެ. ލުނބޯއެކަނި ބޭނުންކޮށްގެން ފިލުވަން އުނދަގޫވާނަމަ ކުޑަ ލޮނެއް ކޮޅެއް ބޭނުންކޮށްލާށެވެ. އަދި މިއީ އާންމުކޮށް ތަށިތެލިފަދަ އެއްޗެހި ދޮވުމަށް ޑިޝްވޮޝާއެއް ބޭނުން ކުރުމުގެ ބަދަލުގައި ވެސް ސާފުކޮށްލަން ބޭނުން ކުރެވިދާނެ ގޮތެކެވެ.
ވަސްފިލުވާލުމަށް
ބައެއް ފަހަރު ކަޓިން ބޯޑުގައި އެއްޗެއް ކޮށާލުމަށްފަހު އޭގެން ވަސްނުފިލައިގެން އުޅެންޖެހެ އެވެ. މިހެންވެއްޖެނަމަ ކަޓިން ބޯޑުގައި ލުނބޯ ކޮޅެއް އުނގުޅާލާށެވެ. އަދި އަތްދޮވުމަށްފަހު ވެސް އަތުން ވަސްނުފިލާނަމަ ވެސް ލުނބޯކޮޅެއް އަތުގައި އުނގުޅާލާށެވެ.
ހެދުުމުގައި ފޫ ޖަހާނަމަ
ހޫނުގަދަވެ ނުވަތަ އެ ހެދުމެއް ނުލައި ގިނަ ދުވަސް ވުމުން ނުވަތަ ގައިގަ އުނގުޅޭ ދާތަށް ހެދުމުގައި ހިކުމުން ހެދުމުގައި ފޫޖަހާ ގޮތްވެ އެވެ. މިހެން ވެއްޖެ ނަމަވެސް ކުޑަ ލޮނުކޮޅެއްގެ ތެރެއަށް ލުނބޯ ހުތްފޮދެއް ފެލާލުމަށްފަހު އެތަނެއްގައި އުނގުޅާލާށެވެ. އަދި ހެދުމުގައި އުނގުޅޭ ލައްފިލުވާލުމަށްވެސް މިހެން ހެދިދާނެ އެވެ. ލައްޖެހިފައި ހުރި ތަނެއްގައި ލުނބޯ އުނގުޅާލުމަށް ފަހު އަވީގައި ހެދުން އަޅުވާލާށެވެ.