ދުނިޔެ

ޔޫކޭގެ ބޮޑުވަޒީރުގެ ހަރުވާޅުގެ އަގު 1000 ޑޮލަރަށް، މައްސަލަ ހޫނު ވެއްޖެ

Dec 14, 2016
3

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޓެރީސާ މޭ 1000 ޑޮލަރަށް ވުރެ އަގުބޮޑު ހަރުވާޅު ތުރުކުރެއްވުމުން، ފާޑު ކިޔުންތައް ކުރިމަތިވެ ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ސަންޑޭ ޓައިމްސް އަށް ދެއްވި އިންޓަވިއުގެ ފޮޓޯ ޝޫޓް އައުޓަށް ތައްޔާރުވެގެން ވަޑައިގެންނެވި މޭ، ތުރުކުރައްވައިގެން ހުންނެވީ 1700 ޑޮލަރުގެ އަގު ބޮޑު ފަޓްލޫނެކެވެ.

އެ މައްސަލަ އިނގިރޭސި ރައްޔިތުންގެ މަޖިލީހުގައި ވަނި ފެންމަތި ކޮށްފައެވެ.

އެކަމާ ބެހޭގޮތުން މަޖިލީހުގައި ވާހަކަ ދެއްކި ބައެއް މެންބަރުން ވިދާޅުވެފައިވަނީ އާންމުންނާ މުހާތަބު ކުރެއްވުމަށް މޭ ވަޑައިގެންނެވީ ރައްޔިތުންނާ އެކަށޭނެ ފެންވަރެއްގައި ނޫން ކަމަށެވެ.

ޗޮކްލެޓް ކުލައިގެ، ވިދާ ހަރުވާޅަކީ އިނގިރޭސި މަޝްހޫރު ފެޝަން ޑިޒައިނާ އާމަންޑާ ވޭކަލީ ފަރުމާ ކުރެއްވި ފަޓުލޫނެކެވެ.

ރައްޔިތުންނާ އެކަށޭނެ ފެންވަރެއްގައި ނޫން ކަމަށް ކުރެއްވި ތުހުމަތައް މޭ ވަނީ އިންކާރު ކުރައްވާފައެވެ.

ކުރިގެ އެޑިއުކޭޝަން މިނިސްޓަރު ނިކީ މޯގަން ވިދާޅުވީ މޭ އަށް ދަންފަތީގެ އާއިލާގެ ފެންވަރު އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

އަގުބޮޑު އަންނައުނެއް ތުރުކުރައްވައިގެން ފާޑު ކިޔުން އަމާޒުވި ހަމަ އެކަނި ބޮޑުވަޒީރަކީ މޭ އެއް ނުނެވެ. ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަންވެސް 54000 ޑޮލަރުގެ އަގުބޮޑު ކޯޓަކާއި ހަރުވާޅު ތުރުކުރެއްވުމުން އޭނާއަށް ވެސް ވރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.