މިއީ ރާއްޖޭގައި އެއް ޒަމާނެއްގައި ނިކަން އާންމުކޮށް ކެއުމަށް ބޭނުންކުރި އެއްޗެކެވެ. ޒަމާން ބަދަލުވަމުންގޮސް މިހާރު ވަރަށް "ތަދު" އެއްޗަކަށް މިވަނީ ވެފަ އެވެ. އެކަމަކު ދަނޑުވެރި ރަށްރަށުގައި މިހާރުވެސް ބޯށި ލިބެން އެބަހުއްޓެވެ. މާލޭގެ މާރުކޭޓުންވެސް ލިބެން އެބަހުއްޓެވެ. ނަމަވެސް އެހާ އަގުހެވެއް ނޫނެވެ. ތަދު އެއްޗަކަށް ވީމަކަމަށްވެސް ވެދާނެ އެވެ.
ކެއުމުގައި ބޯށި ބޭނުންކުރަމުން އައީ މާބޮޑު ސިއްހީ ފައިދާތަކެއް އެއިން ލިބޭކަން އެނގިހުރެ އެއް ނޫނެވެ. މީރުވެފައި އޭރު ފަސޭހައިން ލިބޭތީ އާވެސް އެކުގަ އެވެ. ނޭނގި ނަމަވެސް ބޭނުންކުރެވުނު ބޯށި އަކީ ހަށިގަނޑަށް ވަރަށް ގިނަ ފައިދާތަކެއް ލިބިދޭ އެއްޗެކެވެ.
ބޯށީގައި ހުންނަ އެތަނޯލްގެ ސަބަބުން ހަނގަނޑުގައި އިންފެކްޓްވެފައި ހުންނަ ތަންތަން އަދި ގައިގައި ހުންނަ ފާރުގަނޑުތައް ނިކަން އަވަހަށް ފަސޭހަކޮށްލަ އެވެ. އެތަނޯލް އަކީ ހަށިގަނޑަށް ބޭނުންނޫން ބެކްޓީރިއާތައް މަރާލައި މެލޭރިއާ ކަހަލަ ބަލިތަކުން ދުރުކޮށްދޭ މާއްދާއެކެވެ.
ޒުވާންކަން ދެމެހެއްޓޭނެ
ބޯށީގައި ހިމެނޭ ވިޓަމިން ސީ އަދި ޓެނިސް އާ ފްލެވޮނޮއިޑްސް އަކީ އެންޓިއޮކްސިޑެންޓް މާއްދާތަކެކެވެ. އެންޓިއޮކްސިޑެންޓް މާއްދާތަކަކީ ސްޓްރެސް ހުންނަ މިންވަރު ދަށްކޮށްދީ ޒުވާންކަން ދަމަހައްޓައިދޭ މާއްދާ އެކެވެ. އަދި މިއީ މެގްނީޝިއަމް އިން މުއްސަނދިވެފައިވާ އެއްޗަކަށްވާތީ ހަށިގަނޑު ރިލެކްސްވެ އަރާމު ނިންޖަކަށްވެސް މަގުފަހިކޮށްދޭ ކަމެކެވެ. ސްޓްރެސް ކުޑަކޮށްދިނުމަށް އެންމެ މުހިންމު ކަމަކީވެސް އަރާމު ނިންޖެވެ.
ރާއްޖޭގައިވެސް ހިތުގެ ބަލިތަކަކީ މިހާރު ވަރަށް ގިނަވެފައިވާ ބައްޔެކެވެ. ދިރިއުޅުމުގައި ގެންގުޅެވުނު ނުރަނގަޅު އާދަތަކެއްގެ ސަބަބުންނާއިވެސް އެކީގަ އެވެ. ބޯށީގައި ހިމެނޭ ޕޮޓޭޝިއަމްގެ ސަބަބުން ހިތުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހިތުގެ ބަލިތަކުން ދުުރުކޮށްދެ އެވެ. އަދި މިއީ ހަށިގަނޑުގެ ބްލަޑް ޕްރެޝާވެސް ދަށްކޮށްދޭ ކަމެކެވެ. ބްލަޑް ޕްރެޝާ މައްޗަށް ދިއުމަކީ ހިތުގެ ބަލިތައް ޖެހެން މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ.
މައްސަރު ކަންތަކުގައި މައްސަލަތައް ދިމާވާ އަންހެނުންނަށްވެސް އެންމެ ރަނގަޅު ފަރުވާއަކަށްވެސް ބޯށި ވާނެ އެވެ. އާންމުކޮށް އެމައްސަލަތައް ދިމާވަނީ ޕްރޮޖެސްޓްރޯން ހުންނަ މިންވަރު ދަށްވުމުގެ ސަބަބުންނެވެ. ބޯށީގައި ހުންނަ މާއްދާތަކުގެ ސަބަބުން ޕްރޮޖެސްޓްރޯން މިންވަރު އިތުރުކޮށްދީ ހޯމޯންތައް އިތުރުކޮށްދީ މައްސަރު ކަންތަކަށް ހައްލެއް ލިބެ އެވެ.
ބޯށި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ކެއުމެއް
މިއީ ބޯށި ބޭނުންކޮށްގެން ތައްޔާރުކުރެވިދާނެ ސެލެޑެކެވެ. ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ.
ބޭނުންވާ ތަކެތި:
- 2 ބޯށި
- 1 ސައިސަމްސާ ބަޓަރު
- 1 ފިޔާ
- 1/2 ޕައުންޑު ޕްރޯން
- 5 ސައިސަމްސާ އަލްމަންޑްސް
- 1 ސައިސަމްސާ ލުނބޯ ހުތް
- ލޮނު، އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް:
މި ސެލެޑް ތައްޔާރުކުރަނީ ހެނދުނަށް ކަމަށްވާނަމަ ދަންވަރު ގަޑީގައި ބޯށި ކޮށާލާފައި ފެން ތައްޓެއްގެ ތެރެއަށް އަޅާލާފައި ބަހައްޓާށެވެ. ބޯށިކޮޅު ފެނުގެ ތެރެއަށް އެޅުމުގެ ކުރިން ސައިސަމްސަލެއްގެ ވިނީގާ ބޯށުކޮޅުގެ ތެރެއަށް އެއްކޮށްލަންވާނެ އެވެ. ދެން ޕްރޯން ކޮޅުގެ ތެރެއަށް ބަޓަރާއި ލޮނު އަދި އަސޭމިރުސް އަޅައިގެން ކައްކާލާ ރޯފިލުވާލަން ވާނެ އެވެ. އަދި އެއަށްފަހު އޭގެ ތެރެއަށް އަލްމަންޑްކޮޅު ގާނާލާފައި އަޅާލާށެވެ. އެއަށްފަހު ބޯށިކޮޅާއި ރަނގަޅަށް ޕޭސްޓްކޮޅު އެއްކޮށްލާ މޮޑެލާށެވެ. އަދި ކުޑަކޮށް ފިނިކޮށްލާށެވެ.