މިއަދަކީ ހުކުރު ދުވަހަށްވާތީ ތިއުޅެނީ ޕްލޭންތައް ކޮށްލައިގެންނެވެ. ހެނދުނު ހަޔަކުން ރޭގަނޑު ދެއެއް ތިނެއް ޖަހަންދެން ކުރާނެ ކަންތައް ލިޔެ ނިންމާލާ ހުރިހާ ތައްޔާރެއް ވެގެންނެވެ. ކުރިއަށް އޮތް ހަފްތާގައި ބިޒީވާނެކަން އެނގޭތީ އެވެ. އާއިލާ އާއި ރައްޓެހިންނަށް ހަފްތާގެ ތެރޭގައި ނުދެވޭ ވަގުތު އެންމެ ދެ ދުވަސް ތެރޭ ދެވޭނެ އޮންނާނީ ތިކަހަލަ ގޮތެކެވެ. އެއޮއް އުނދަގުލުން އާދަކުރި ނިދުމުގެ އާދައަށް ބަދަލު ގެންނަން ނިންމާލައިގެން ހުރިއިރު ހަފްތާ ފެށުނީމަ ނިދަން އުޅެން ޖެހޭނެ ހާލުވެސް އެނގިހުރެ އެވެ.
ހަފްތާގެ އެހެން ދުވަސްތަކުގައި ކަމެއް ނެތަސްވެސް ނުނިދިގެންޖެހެނީ އެނދުމަތީ ފުރޮޅި ފުރޮޅި އޮންނާށެވެ. ނޫނީ ސޯޝަލް މީޑިއާގެ ތެރެއަށް ބޯކޮށްޕައިގެން އޮންނާށެވެ. ލޮލަށް ނިދި އަންނަނީ ފަތިސްވެ އިރު އަރަން ކައިރިވެފަ ހުއްޓަ އެވެ. ދެ ގަޑިއިރު ނިދާލާފައި ދުވަހުގެ މަސައްކަތް ފަށަން ޖެހެނީ ނިދިހަމަ ނުވެ ވަރުބަލިކަމާއެކީ އެވެ. އެންމެ ފަހުން އުނދަގޫވެގެން އެއް ގަޑިއަކަށް ނިދަން އާދަކުރީ އެވެ. އެތައް ދުވަހެއްގެ މަސައްކަތުންނެވެ. އެކަމަކު އަނެއްކާވެސް ތިއުޅެނީ އެ އާދަ ދޫކޮށްލާށެވެ. މިދިޔަ ހަފްތާގެ ބަންދުގައިވެސް ނިދާ ގަޑިއަށް ބަދަލުތަކެއް ގެނެސްގެން ހަފްތާގެ ފުރަތަމަ ދެ ރޭ އުޅެން ޖެހުނީ ނުނިދިގެންނެވެ.
އަވަހަށް ނިދާފަ އަވަހަށް ހޭލާ
މިއީ މިހާރު އެއްކޮށް ނެތިގޮސްފައިވާ އާދަ އެކެވެ. އަވަހަށް ހޭލާފައި އަވަހަށް ނިދުމެވެ. ބައެއް މީހުން ތިބެނީ ހަފްތާ ބަންދުކޮށް އެއްކޮށް ނިދަން ނިންމައިގެންނެވެ. ނޫނީ ބުރާސްފަތި ދުވަހުގެ ރޭ ލަހުން ނިދާފައި ހުކުރު ދުވަސް އެއްކޮށް ނިދަން އޮންނާށެވެ. އަނެއްކާވެސް ހުކުރު ދުވަހު ލަހުން ނިދާފައި ހޮނިހިރު ދުވަހު އެއްކޮށް ނިދަން އޮންނާށެވެ. އަނެއްކާވެސް ނިދުމުގެ ސައިކަލް އަށް އެއައި ބަދަލުގެ ސަބަބުން ހަފްތާގެ ތެރޭގައި ނިދަން އުނދަގޫވެ ނުނިދުމުގެ މައްސަލަ ކުރިމަތިވެ އެވެ. އެގޮތަށް ނިދުމުން ހަށިގަނޑަށް ނިދި ބޭނުންވާ ގޮތަށް ނިދި ނުލިބޭ ކަމަށް ސައިންސްވެރިން ބުނެ އެވެ.
ހަފްތާ ބަންދު ތެރޭގައި ލަހުން ނިދުމުގެ ސަބަބުން ދަންވަރު ގަޑީގައި ބަނޑުހައިވުމާ ކުރިމަތިވެ އެވެ. އާންމުކޮށް އެވަގުތުތައް ހޭދަކުރެެވެނީ ރައްޓެހިންނާ އެކުގައި ކަމަށްވުމުން ހައްލެއް ގެންނަނީ ބޮޑު ކެއުން ގަނޑަކުނެވެ. ކެއުމަށްފަހު ވަރުބަލިވުމުންނާ އެކީގައި މާ ގިނައިރުތަކެއްނުވެ ނިދެނީ އެވެ. ގިނައިން ކައިގެން ނިދުމުގެ ސަބަބުން އެތަކެތި ރަނގަޅަށް ހަޖަމުވާނެ ފުރުސަތެއް ނުލިބެ އެވެ. އެހެންވުމުގެ ސަބަބުން މެއިން ދިލަ ނެގުމުގެ މައްސަލަ އަދި ވައިގެ މައްސަލަތައް ވެސް ކުރިމަތިވެ އެވެ. މީގެއިތުރުން ކާއިރު ކާބޯހައިޑްރޭޓްސް ހުންނަ ކާނާ ކާ މިންވަރު މަދުކުރަންޖެހެ އެވެ. އަދި އިރުއޮއްސުމަށްފަހު ކާ މިންވަރު މަދުކުރަން ޖެހެ އެވެ. ވީހާވެސް ލުއިކޮށް ރޭގަނޑު ކެއުމަށް ޑޮކްޓަރުންވެސް އިލްތިމާސްކުރެ އެވެ.
ނިދެނީ ސްމާޓް ދުނިޔެއެއްގައި އުޅެނިކޮށް
މަސައްކަތާ ދުރުގައި ހުންނަން ލިބުނު ދެ ދުވަހު ދެން ބޭނުންވަނީ ސީރީޒް ބަލާށެވެ. އެހެންކަމުން ރޭގަނޑުގެ ގިނަ ވަގުތު ހޭދަވަނީ ޓީވީ ނުވަތަ ލެޕްޓޮޕަށް ބަލަން އޮއްވަ އެވެ. ފޫހިވެގެން ދެން އަތް ލެވެނީ ފޯން ނުވަތަ ޓެބްލެޓުގަ އެވެ. ކޮންމެސް ގޭމެއް ކުޅެލަނީ އެވެ. ނޫނީ ސޯޝަލް މީޑިއާ ތެރެއަށް ސިކުނޑި ހުސްކޮށްލަނީ އެވެ. މިހެންވުމުގެ ސަބަބުން ސިކުނޑިއަށް އަރާމުކޮށްލާނެ ވަގުތެއް ނުލިބެ އެވެ.
ނިދާ ވަގުތު ފޯނާއި ލެޕްޓޮޕް ފަދަ ތަކެޔި ބޭނުންކުރުމަކީ ނިންޖާ ދުރުކޮށްދޭ އެއްޗެހިތަކެކެވެ. ނިންޖާ ދުރުކޮށް އެހެން ކަންކަމަށް ޝައުގުވެރިކަން ދަމައިގަނެ އެވެ. ނިދަން އުނދަގޫ މީހުން ނިދުމުގެ ގަޑިއެއް ނުވަތަ ދެ ގަޑިއިރު ކުރިން ފޯނު ދުރުގައި ބާއްވަން ސައިންސްވެރިން އިލްތިމާސްކުރަނީ އެހެންވެ އެވެ.