ވިޔަފާރި

މުޅި ރާއްޖެއަށް 4ޖީ ދޭން ދިރާގުން ނޮކިޔާ އަދި ހުއާވޭއާ ގުޅިއްޖެ

Dec 15, 2016
1

ދިރާގުން މުޅި ރާއްޖެއަށް 4ޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނޮކިޔާ އަދި ހުއާވޭ ކުންފުންޏާއެކު އެއްބަސްވެއްޖެ އެވެ. އެ އެއްބަސްވުމުގެ ދަށުން، އަންނަ އަހަރު ނިމުގެ ކުރިން ދިރާގުގެ 4ޖީގެ ހިދުމަތް މުޅި ރާއްޖެއަށް ދޭނެ އެވެ.

ހުއާވޭ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް ޓަކައި އެންމެ ޒަމާނީ މުއާސަލާތީ ނެޓްވޯކްތައް ގާއިމް ކުރަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. މަޝްހޫރު ފޯނު އުފައްދާ ކުންފުނި، ނޮކިޔާގެ މިހާރުގެ އަމާޒު ހުރީ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމުގެ ވިޔަފާރިއަށެވެ.

"މިފަދަ ތަޖުރިބާކާރު އަދި އެންމެ ފަހުގެ ޒަމާނީ އުސޫލުތަކުގެ މަތިން ހިދުމަތް ފޯރުކޮށްދޭ ދެކުންފުންޏަކާއި އެކު ސޮއިކުރުން ރަމްޒުކޮށްދެނީ ދިރާގުން ދިވެހިރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމަށް ދޭ އިސްކަމެވެ،" ދިރާގުން ބުންޏެވެ.

ދިރާގަކީ ރާއްޖެ އާއި ބޭރު ދުނިޔެ އިންޓަނޭޝަނަލް ސަބްމަރިން ކޭބަލެއް މެދުވެރިކޮށް ގުޅުވާލަދިން އެންމެ ފުރަތަމަ ކުންފުންޏެވެ. އެގޮތުން ރާއްޖޭގެ އެންމެ ފުރަތަމަ ސަބްމެރިން ކޭބަލް، ލަންކާ ޓެލެކޮމް އާ ގުޅިގެން 2006 ވަނަ އަހަރުގެ ތެރޭގައި ގާއިމް ކުރީ ދިރާގުންނެވެ.

އޭގެއިތުރުން 2007 ވަނަ އަހަރު ތްރީ އެންޑް ހާފް ޑިގްރީ ޗެނަލް ހުރަސްކޮށް (ގދ އަތޮޅުން ލ އަތޮޅަށް) ރާއްޖޭގައި އެތެރެއިން އެތެރެއަށް އެޅި ފައިބާ އޮޕްޓިކް ސަބްމެރީން ކޭބަލެއް އެޅީ ވެސް ދިރާގެވެ. އަދި މިކޭބަލުން ހިދުމަތް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެހެނިހެން މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް ހުޅުވާލައި އެފުރުސަތު ވެސް ދިނެވެ.

ދިރާގުގެ ބްރޯޑްބޭންޑުގެ ހިތުމަތާއި މުއާސަލާތީ އެހެނިހެން ހިދުމަތްތައް ފުޅާކޮށް، ޒަމާނީކޮށް، ހަލުއި ކުރުމުގެ ގޮތުން އެންއީސީ ކުންފުންޏާ އެކު ހެދުނު އެއްބަސްވުމެއްގެ ދަށުން ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް ނެޓްވޯކެއް ދިރާގުން 2012 ވަނަ އަހަރުގެ ތެރޭގައި ގާއިމްކޮށް ނިންމި އެވެ.

މިހާރުވެސް ރާއްޖޭގެ އާބާދީގެ 60 ޕަސެންޓަށް 4ޖީ އެލްޓީއީގެ ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ. ރާއްޖެއަށް 4ޖީގެ ހިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ހިދުމަތް ފުޅާކުރުމުގެ މަޝްރޫއު ގެދަށުން މިހާރު ދިރާގުން ވަނީ ހއ. ދިއްދޫ، އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިއްނަވަރު، ރ.ދުވާފަރު، ލ.މަތިމަރަދޫ، ލ.ތުންޑި، ނ.ވެލިދޫ، ދ.ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.