ލައިފްސްޓައިލް

ކައިވެނި ކުރާއިރު މި ކަމަށްވެސް ތައްޔާރުވާތި!

Dec 16, 2016
1

"އެންޑް ދޭ ލިވްޑް ހެޕިލީ އެވަ އާފްޓާ" ކައިވެންޏާ ހިސާބުން ފިލްމު ނިންމާލުމަށްފަހު އަރުވަނީ މިހެންނެވެ. ކުޑައިރު ބެލި ފިލްމު ތަކުން ފެށިގެން ޒުވާން އުމުރަށް އަޅައި މީހަކާ އިންނަ އުމުރަށް އެޅިއިރު ބެލި ފިލްމުތަކުންވެސް ފެންނަނީ މި މަންޒަރެވެ. ކީ ވާހަކަތަކުގައިވެސް ނިމެނީ އެހެންނެވެ. އެތައް އޮޅިގަނޑެއް ގިރާކޮށް އެތައް ކަންތައްތަކެއް ކުރިމަތިވުމަށްފަހު ކައިވެނި ކުރާ ހިސާބުން ދެން އުޅެނީ އުފާވެރި ދިރިއުޅުމެކެވެ. އެއްވެސް މައްސަލައެއް ނުޖެހި ވާހަކަ ނިމެނީ އެވެ. ދިރިއުޅުމުގެ މާބޮޑު ތަޖުރިބާއެއް ނެތުމުން ގަބޫލު ކުރެވުނީވެސް މިހެންނެވެ. ކައިވެނި ކުރުމުން ހުރިހާ ކަމެއް ހައްލުވާނެ ކަމަށެވެ.

އެކަމަކު ހިތަށް އަރަ އެވެ. "ދޭ ލިވްޑް ހެޕިލީ އެވަ އާފްޓާ" އަންނަ ކަމަށްވަންޏާ ކައިވެނިތައް ރޫޅެނީ ކީއްވެ ހެއްޔެވެ؟ ނުލިބުނު ޖަވާބެއްގެ ގޮތުގައި އެ ސުވާލު ބޭއްވުމަށްފަހު ހެޕިލީ އެވަ އާފްޓާ ހޯދަން ކައިވެނިކުރީ އެވެ. އެކަމަކު ހެޕިލީ އެވަ އާފްޓާއެއް ނަ އެވެ. އަހަރު ނުވަނީސް ކައިވެނި ރޫޅުނީ އެވެ.

ބައިވެރިޔާ ގެއްލިދާނެ ކަމުގެ ބިރު އެބައޮތް

އަބަދުވެސް ހީކުރަމުން އައީ ކައިވެނި ކުރާ ހިސާބުން ބައިވެރިޔާ އަމިއްލަ މިލްކަކަށް ވީ ކަމަށެވެ. މަރުވަންދެން އެކީގައި އުޅޭނެ ކަމަށެވެ. ރައްޓެހިވެގެން އުޅުނުހެން ދުއްވަން ގޮސް ރެސްޓޯރެންޓް ތަކަށް ކާން ގޮސް އުޅޭ އުޅުމަށް ނިމުން އައީ ކަމަށް ހީކުރީމެވެ. ނިދާ ވަގުތުތައް ހަމައެކަނި އޭނައާ އެކު ހޭދަކޮށްލުމުން ހުރިހާ ކަމެއް ހައްލުވާނެ ކަމަށް ކުރެވުނު ހީ އަކީ ކުށް ހީ އެކެވެ.

ބައިވެރިޔާގެ ލޯބި ލިބޭނީ ކުރިންވެސް މަސައްކަތް ކުރިހެން މަސައްކަތް ކޮށްގެންނެވެ. ހަދިޔާތައް ދީ ދުއްވާލަން ގޮސް ގިނަ ވަގުތު އެކީގައި ހޭދަކޮށްގެންނެވެ. ނޫނީ ބައިވެރިޔާ ގެއްލިދާނެ އެވެ. ކައިވެނި ކުރިއަސް ބައިވެރިޔާގެ ފަރާތުން ބޭނުންވާ އަޅާލުމާއި ލޯބި މަދެއް ނުވާނެ އެވެ. ވިއްޔާ ވާނީ އިތުރެވެ. އެހެންވީމަ އެ ލޯތްބާއި އަޅާލުން ނުލިބޭނަމަ އެ ހޯދަން ބައިވެރިޔާ މަސައްކަތް ކުރާނެ އެވެ. އެހެން މީހެެއްގެ ފަރާތުން ވިޔަސް އެވެ.

ކުދި ކުދި ކަންތައްތަކުން ލޯބި ދައްކައިދީ

އޮފީސް ނިންމާފައި ގެއަށް އަންނަ އިރު ވަރުބަލިވެފައި، ހިންހަމަނުޖެހިފައި ހުންނަ މޫނެއް އަނބިމީހާ އަށް ދެއްކުމުގެ ބަދަލުގައި ކޮންމެސް ކަހަލަ ހަދިޔާއެއް ހިފައިގެން އަންނާށެވެ. އެއީ މަލެއް ކަމަށްވިޔަސް ނުވަތަ ކާ އެއްޗެއް ވިޔަސް އެންމެ ރަނގަޅުވާނެ އެވެ. ކިތަންމެ ކުޑަ އެއްޗަކަށްވިޔަސް ނުވަތަ ލޯބިން ބަލައިލިޔަސް އަނބިމީހާ އުފާވާނެ އެވެ. ހަދިޔާއެއް ދެވެން ނެތްނަމަ ތައުރީފްކޮށްލިއަސް އެދުވަހު އެއްކޮށް އޭނަ ހުންނާނީ އުފަލުންނެވެ.

އޭނާގެ އުފަންދުވަސް ފަދަ ދުވަސް ދުވަހު ތަފާތު ކަމެއް ކޮށްލާށެވެ. އެދުވަސް ހާއްސަކޮށްލަން ވާނެ އެވެ. ކައިވެނީގެ އަހަރީ ދުވަސް ފަދަ ދުވަސްތަކެވެ. އެކަހަލަ ކުދި ކުދި ކަންތައްތައްވެސް ނުކޮށްދެވޭނަމަ ކައިވެނި ތިދަނީ އަދި ރަނގަޅު މިސްރާބަކަށް ނޫނެވެ. ފަހަރުގައި ބައިވެރިޔާ ނުބުނެ ހުރެދާނެ އެވެ. އަމިއްލަ އަށް ވިސްނޭތޯ އެވެ. ހާއްސަކޮށް ކައިވެނީގެ ކުރީކޮޅު މިކަންތައްތަކަށް ސަމާލުކަން ދޭންވާނެ އެވެ. ތި އޮޑި ބެހުމުގެ ކުރިން ރަނގަޅު މިސްރާބަށް އަމާޒު ހިފުން މުހިންމެވެ.

އެއްވެސް މީހަކު ފުރިހަމައެއް ނުވާނެ، އެކަން ހަނދާން ނެތުނަ ނުދޭތި

ކިތަންމެ ގިނަ ދުވަހަކު ރައްޓެހިވެގެން އުޅުނަސް ބައިވެރިޔާ ދަހެއް ނުވާނެ އެވެ. އޭނާގެ ގޮތް އެނގޭނީ ކައިވެނިކޮށް އެކީގައި ދިރިއުޅެން ފެށުމުންނެވެ. ކުރިން ނުފެންނަ އެތައް ކަމެއް ކައިވެނީގެ ފަހުން ފެންނާނެ އެވެ. އެކަންކަން ހައްލުކުރަން ޖެހޭނީ ވާހަކަ ދައްކައިގެންނެވެ. ވާހަކަ ދައްކައިގެން ހައްލުނުވާނެ ކަމެއް ނޯންނާނެ އެވެ. އަމިއްލަ ގައިގައި ހުރި އުނި ސިފައެއް އެއްވެސް މީހަކަށް އެހެން މީހަކު ބުނެ ނުދެނީހެއް ނޭނގޭނެ އެވެ. އެހެންވީމަ ވާހަކަ ދައްކައިގެން އެކަންކަން ރަނގަޅު ކުރާށެވެ. ވަގުތާއި ހާލަތުވެސް މުހިންމެވެ. އެކަމަށް އެންމެ އެކަށީގެންވާ ވަގުތެއްގައި އެވާހަކަ ބުނަން ހަނދާން ކުރަންވާނެ އެވެ.

ކައިވެނި ކުރާއިރުވެސް އަނެކާއަކީ ތިބާ ފަދައިން އިންސާނަކަށް ވީތީ އުނި ސިފަތައް ހުންނާނެ މީހެއް ކަން ދަންނަންވާނެ އެވެ. ކުރިން ފެންނަހެން އަންހެން ކުއްޖާ އަބަދު ފެންނާނީ ފެންވާރާ ރީތިވެގެން ހުއްޓައެއް ނޫނެވެ. ފެން ނުވަރާ މޭކަޕް ނުކޮށް ހުންނައިރު އެންމެ ހިތް އެދޭހާ ރީތި ނުވެދާނެ ކަން ދަންނަންވާނެ އެވެ.

މައްސަލައެއް ޖެހުމުން ދެ މީހުން އަނގައިން ނުބުނެ ކިތަންމެ ގިނަ ދުވަހެއް ވަންދެން ހުއްޓަސް އެކަން ހައްލެއް ނުވާނެ އެވެ. ކޮންމެވެސް އެކަކު ގޮތްދޫކޮށް މާފަށް އެދެން ޖެހޭނެ އެވެ. ގަބޫލުކުރަންވީ އެއްޗަކީ ތިއީ އެއް ޓީމަކަށް ކުޅޭ ދެ ކުޅުންތެރިންކަމެވެ. ދެ މީހުން ދެކޮޅަށް ކުޅެގެން ކާމިޔާބު ނުކުރެވޭނެ ކަމެވެ.