ގައުމީ ފިލްމު އެވޯޑްސްގެ ނޮމިނޭޝަންސްތައް ރޭ އިއުލާނުކުރިއިރު ޖުމްލަ 19 ނޮމިނޭޝަނާ އެކު މި ރޭހުގެ ކުރީގައި އުޅެނީ ހުސެއިން ނޫރައްދީނާއި އަހުމަދު އިކްރާމް ޕްރޮޑިއުސްކޮށްފައިވާ 2011 ވަނަ އަހަރުގެ ފިލްމު "ލޫދިފާ" އެވެ.
އެވޯޑް ހަފުލާތަކުގައި ކާމިޔާބު ކަމަށް މަޝްހޫރު ޑައިރެކްޓަރު މޫމިން ފުއާދުގެ މި ފިލްމު އެންމެ މޮޅު ފިލްމުގެ އެވޯޑަށް ވާދަކުރާއިރު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށް މި ފިލްމުން މޫމިން ވެސް ވާދަކުރެ އެވެ. އޭގެ އިތުރުން އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އާއި ސިނެމެޓޯގްރެފީ އަދި ޓެކްނިކަލް އެހެން މުހިންމު އެވޯޑްތަކަށް ވެސް މި ފިލްމު ވަނީ ނޮމިނޭޓްވެފަ އެވެ.
މި ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ އިސްމާއިލް ރަޝީދު އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރާއިރު ފިލްމުގައި ބަތަލާއެއްގެ ރޯލު ކުޅެފައިވާ މަރިޔަމް އަފީފާ އަކީ އެންމެ މޮޅު ބަތަލާގެ އެވޯޑަށް ވާދަކުރާ ތަރިއެކެވެ. މޯލްޑިވްސް ފިލްމު އެވޯޑްސްގައި ވެސް ގިނަ އެވޯޑްތަކެއް ކާމިޔާބުކޮށްފައިވާ "ލޫދިފާ" މިފަހަރުގެ ނޮމިނޭޝަންތަކުގައި ލައްވައިނުލީ ހަމައެކަނި ކޮރިއޯގްރެފީ އާއި ލަވަތަކުގެ ދެ ތިން ކެޓަގަރީއެއްގަ އެވެ.
މި ފިލްމު ފަހަތުން ނޮމިނޭޝަންސް ރޭހުގެ ދެ ވަނާގައި އޮތީ 16 ނޮމިނޭޝަނާ އެކު އެވޯޑްތަކަށް ވާދަކުރާ "ފަތިސްހަނދުވަރުގެ ފެށުން" އެވެ. ޑާކް ރެއިން އެންޓަޓެއިންމަންޓްގެ މި ފިލްމު އެންމެ މޮޅު ޑައިރެކްޝަން އަދި ސްކްރީންޕްލޭ އަށް ވާދަކުރާއިރު ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ ޔޫސުފް ޝަފީއު އާއި ފާތިމަތު ފަރީލާ އެމީހުންގެ ކެޓަގަރީތަކުން އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަކުރެ އެވެ.
"ލޫދިފާ" އާއި "ފަތިސްހަނދުވަރު" ފަހަތުން އެންމެ މޮޅު ފިލްމުގެ އެވޯޑަށް ދެން ވާދަކުރަނީ ޑައިރެކްޓަރު އަބްދުލް ފައްތާހުގެ "ލަވްސްޓޯރީ" އާއި ޑައިރެކްޓަރު ހުސެއިން މުނައްވަރުގެ "ސަޒާ" އަދި ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ "އިނގިލި" އެވެ. ރަވީގެ ފިލްމު 12 އެވޯޑަށް ވާދަކުރާއިރު ރަވީގެ ނަން އެކަނި ވެސް ޖުމްލަ 8 އެވޯޑަށް ނޮމިނޭޓްވެފައިވެ އެވެ.
ފިލްމު "ސަޒާ" ޖުމްލަ 14 އެވޯޑަށް ވާދަކުރާއިރު ހިތްގައިމު ލަވަތަކަށް މަޝްހޫރުވި "ލަވްސްޓޯރީ" އަށް ވެސް 14 ނޮމިނޭޝަންސް ލިބިފައިވެ އެވެ.
މި ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ ފިލްމު އެވޯޑްސް އަކީ މި ސިލްސިލާގެ ހަތް ވަނަ އެވޯޑް ހަފުލާ އެވެ. މިފަހަރުގެ ހަފުލާގައި އެވޯޑްތައް މި ދެނީ 2011 ވަނަ އަހަރާއި 2013 ވަނަ އަހަރާ ދެމެދު ސިނަމާތަކަށް ނެރެފައިވާ ފިލްމުތަކަށެވެ.