ހަބަރު

ޗައިނާ ފްލެޓްތައް ބޮލަށް ވެއްޓެނީ!

Mar 12, 2015
7

ހުޅުމާލޭގައި އެންމެ ފަހުން މީހުން އާބާދުވީ ޗައިނާގެ އެހީގައި އަލަށް އިމާރާތް ކުރި، 1000 ފްލެޓްގަ އެވެ. އެ ފްލެޓްތަކުގެ މަސައްކަތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެށި ނަމަވެސް ޕްރޮޖެޓް ނިމި، އެތަނަށް މީހުން ބަދަލު ވެވުނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި 2013 ވަނަ އަހަރުއެވެ. އޭގެ ފަހުން ދެ އަހަރު ދުވަސް ފާއިތުވީ އިރު، އެތަނުގައި ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ކަމުގެ ޔަގީންކަން ކުޑަވެއްޖެ އެވެ. ސަބަބަކީ އެ ފްލެޓްތަކުގައި ވަރަށް ބޮޑަށް ރެނދުލައި ހަލާކުވެފައިވުމެވެ.

އެންމެ ފުރަތަމަ ޗައިނާ ޓައުންއިން ފްލެޓް ލިބިގެން، އެތަނަށް ދިރިއުޅުން ބަދަލު ކުރި މީހަކު މިއަދު ބުނީ، ތަޅުދަނޑި ލިބިގެން އެތަނަށް ދިޔައިރު ވެސް ފްލެޓްގެ ސީލިންގްގައި ވަރަށް ބޮޑަށް ރެނދު ހުރި ކަމަށެވެ. އަދި އެކަމާ ޝަކުވާ ކުރުމުން އެ ރެނދުތައް ބައްދައިދިން ކަމަށެވެ. ނަމަވެސް އަނެއްކާ ވެސް ފްލެޓްގެ އެކި ތަންތަނުގައި ރެނދުލައި ތަށި މުށިތައް ވެސް ވަނީ ނެއްޓިފަ އެވެ. އަދި ފާހާނެ ސީލިންގްގައި ރެނދުލާފައި ހުރި ތަނުން ފެން ލީކްވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލަ ބޮޑީ އެންމެ ފަހުން ހެދި ފްލެޓްތަކުގަ އެވެ.

މިއީ ހަމައެކަނި އެ ފްލެޓްގެ އެކަނި ހާލެއް ނޫނެވެ. މުޅި އިމާރާތުގެ ބޭރުގައި ވެސް ވަނީ ރެނދު އަޅައިފާވާއިރު ހަމަ އެގޮތަށް ގިނަ ފްލެޓްތަކުގެ ފާރުތަކާއި ސީލްންގް އަދި ތަށިމުށިތައް ނެއްޓި ގާތްގަނޑަކަށް ހުރިހާ ފްލެޓެއް ވެސް ވަނީ މަރާމާތު ކުރަން ޖެހިފަ އެވެ. އެކަމަކު އެކަން ކުރަން ވަނީ ބޮޑު ދަތިތަކެއް ކުރިމަތިވެފަ އެވެ.

"މިހެން މިކަން އޮތަސް ބަރާބަރަށް 25 އަަހަރު ވަންދެން ހަމަ ކުއްލި ދައްކަ ދައްކައި ތިބެން މިޖެހެނީ. އެކަމަކު މިތަނުގައި ތިބެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް. އެޗްޑީސީ އިން ބުނަނީ އެގްރިމެންޓްގައި އޮންނަ މަރާމާތުކޮށްދޭން ޖެހޭ މުއްދަތު ހަމަވެއްޖޭ. ދެން އެކަން ކުރަން ޖެހޭނީ އަމިއްލައަށޭ. އެކަމަކު ކުލި ދައްކަމުން ތަން މަރާމާތު ކުރުމަށް އަޅުގަނޑުމެންގެ ތަނަވަސްކަމެއް ނެތް،" ދެ ދަރިންނާއެކު ހުޅުމާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އޭނާ ބުންޏެވެ.

ޗައިނާ ފްލެޓްތަކަށް ބައެއް މީހުން އެތަންތަނަށް ދިޔައީ، މާލޭގައި ހުރި އެ މީހުންގެ ބިންކޮޅު ވެސް ދޫކޮށްލައިފަ އެވެ. އަދި ދަރިން ތިބި ސްކޫލްތަކުން ކަނޑާލައިގެން ހުޅުމާލެ ސްކޫލްތަކަށް ވެސް ކުދިން ތިބީ ބަދަލުކޮށްފަ އެވެ. އެކަމަކު ފްލެޓްތައް ވީރާނާ ވާން ފެށުމުން އެ މީހުންގެ ދިރިއުޅުން ވެސް ދެން އޮމާންކޮށް ދާނެ ކަމުގެ ޔަގީންކަމެއް ނެތެވެ. މިކަމަށް އެޗްޑީސީ އިން ކޮންމެހެން ވެސް ހައްލެއް ހޯދައިދޭން ޖެހޭ ކަމަށް އެތަނުގައި ދިރިއުޅޭ މީހުން ތިބީ ގަބޫލުކޮށްގެންނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ އެހާ އަވަހަށް ފްލެޓްތަކުގައި ރެނދުލައި ހަލާކު ވަނީ ކޮން ސަބަބަކާ ހުރެކަން ދަންނަވަން ނޭނގޭ ކަމަށާއި މުޅި ޕްރޮޖެކްޓް ހިންގީ ހައުސިން މިނިސްޓްރީ އިން ކަމަށެވެ. އަދި ފްލެޓްތަކަށް މިހާރު ލިބިފައި ހުރި ގެއްލުން ބަލައި އެ ތަންތަން މަރާމާތު ކުރެވޭނެ ގޮތްތަކަކާ މެދު ކޮންޓްރެކްޓަރާ މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

"އިންޖިނިއަރިން ޕޮއިންޓް އޮފް ވިއުއިން އެއްޗެއް ދަންނަވަން އިނގޭނީ ހައުސިން މިނިސްޓްރީއަށް. ހަމައެކަނި އަޅުގަނޑުމެން ކުރި ކަމަކީ އެ ފްލެޓްތަކަށް މީހުން ވެއްދުން. އެތާ މައްސަލަތައް ދިމާވާން ފެށުމުން ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އެކަން ހައްލު ކުރަން މަސައްކަތް މި ކުރަނީ،" ސައިމަން ވިދާޅުވި އެވެ.

ޗައިނާ ފްލެޓްތަކުގައި އެތައް ހާސްބަޔަކު ވަޒަންވެރިވެފައި ތިބިއިރު، އެ ފްލެޓްތަކުގެ ހާލަތު ދިރިނޫޅެވޭ ވަރަށް ދިޔުމުގެ ކުރިން މި ވަނީ އަވަސް ހައްލެއް ހޯދަން ޖެހިފަ އެވެ. އެހެން ނޫނީ އެކަން ވެސް އެންމެ ފަހުން ބޮޑު މައްސަލަ އަކަށް ވެދާނެ އެވެ.