ރައްޓެހިންނާއެކު ކޮފީތަކަށް އަރައި ޒުވާނުން ނިކަން ފޯރިލާފައި އޯޑަރު މިކުރާ އެކައްޗަކީ ކަޅު ކޮފީ އެވެ. ހާއްސަކޮށް އަންހެން ކުދިންނާއެކު ކޮފީތަކަށް އަރާފައި ކޮފީ ބޯ ފިިރިހެނުން ގިނަ އެވެ. ކޮންމެ ދުވަހަކު ތިން ހަތަރު ތަށި ކަޅު ކޮފީ ބޯއިރު މިއީ ހަށިގަނޑަށް ކިހާ ވަރަކަށް ފައިދާ ނުވަތަ ގެއްލުން ހުރި އެއްޗެއްތޯ އަމިއްލަ ނަފްސާ ސުވާލު ކުރަނީ ކިތައް މީހުން ހެއްޔެވެ؟ ނޫނީ މިއީ "ގަދަ" ކަން ދައްކާލަން ކޮށް އުޅޭ ކަމެއް ހެއްޔެވެ.
ކޮފީއަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެއްކަން ގިނަ މީހުން ދަނެ އެވެ. ކޮފީ ބޯ މީހުންގެ ތެރެއިން ގިނަ މީހުން ކޮފީ ބޮނީވެސް ކިރު އަޅައިގެންނެވެ. ބައެއް ސިއްހީ މާހިރުން ވިދާޅުވަނީ ކޮފީ އިން ލިބެން ޖެހޭ ފައިދާ ބޮޑަށް ލިބެނީ ކަޅުކޮފީ ބުއިމުން ކަމަށެވެ. އާންމުކޮށް ދުވާލަކު ދެ ތަށި ކަޅު ކޮފީ ބޯ މީހަކީ ނިކަން ހަނދާން ގަަދަ ބައެއް ކަމަށްވެ އެވެ. އެއީ ކޮފީގައި ހިމެނޭ ކެފެއިންގެ ސަބަބުންނެވެ. އާންމުކޮށް ދުވާލަކު ދެ ތަށި ކަޅުކޮފީ ބޯ ނަމަ އުމުުރުން ދުވަސް ވުމުން ހަނދާން ނެތޭ ނެތުމަށް ލަސްކަމެއް އަންނާނެ ކަމަށްވެސްވެ އެވެ.
ކޮފީގައި ހިމެނޭ ކެފެއިންއަކީ ހަށިގަނޑަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. އެއީ ހަނދާން ގަދަވުމުގެ އިތުރަށް ކަންކަމަށް ދޭ ސަމާލުކަން އިތުރުކުރުވާ މާއްދާ އެކެވެ. އެކަމަކު ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ މާގިނައިން ކެފެއިން ހަށިގަނޑަށް ކެފެއިން އެތެރެވާ ނަމަ މީގެ އިދިކޮޅު ދިމާވުންވެސް އެކަށީގެންވެ އެވެ. ކަންކަން ހަނދާންނެތި ސަމާލުކަން ދެވޭ މިންވަރު ކުޑަވެގެންދެ އެެވެ.
ބަރުދަންވެސް ލުއިކޮށްލެވޭނެ
ބަރުދަން ކުރަންޖެހޭ މަސައްކަތް ނިކަން ބައިވަރެވެ. ވަކި ހާއްސަ ޑައިޓެއް ގެންގުޅެން ޖެހެ އެވެ. ހާއްސަ ކަސްރަތުތަކެއް ކުރަން ޖެހެ އެވެ. ކިތަންމެ ފޯރި ދައްކާފައި އެކަން ފެށިއަސް ހަފްތާއަކަށްފަހު "ވައި" ވަނީ އެހެންވެ އެވެ. ކަޅުކޮފީ އަކީ ލޯ ކެލޮރީ އެއްޗެއް ކަމުން ކޮފީ ބުޔަސް ހަށިގަނޑަށް އިތުރަށް ހަކުރު އެތެރެ އެއް ނުވެ އެވެ. މީގެ އިތުރުން ކަޅު ކޮފީ އަކީ ކަސްރަތު ކުރުމަށްވެސް އެހީއެކެވެ. ކަސްރަތު ކުރުމުގެ ގަޑިއެއްހާއިރު ކުރިން ކޮފީ ބުއިމަކީ ކަސްރަތު ކުރުމަށް އިތުރު އެހީތެރިކަމެއް ލިބި ކަސްރަތު ކުރުމުގެ ސަބަބުން ގައިގެ މަސްތަކަށް ލިބޭ ގެއްލުންވެސް ކުޑަކޮށްދެ އެެވެ.
މީގެ އިތުރުން ކޮފީ އަކީ މިހާރު އެންމެ ބާރަށް ފެތުރެމުންދާ ހިތުގެ ބަލިތަކަށްވެސް ފަރުވާ އެކެވެ. މަދުވެގެން ދުވާލަކު އެއް ތަށި ކަޅުކޮފޯ ބޯ ނަމަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކަށް ސްވެޑެންގައި ކޮށްފައިވާ ދިރާސާއަކުން ދައްކަ އެވެ.
ޓައިޕް ޓޫ ޑައިބެޓިސް އަށްވެސް މިއ ފަރުވާ އެކެވެ. ހާވާޑް ސްކޫލް އޮފް ޕަބްލިކް ހެލްތު އިން ހަތަރު އަހަރުވަންދެން ކުރިއަށް ގެންދިޔަ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުގައި ކަޅު ކޮފީ އިން ޓައިޕް ޓޫ ޑައިބެޓިސް ޖެހޭ މިންވަރު 11 ޕަސަންޓު ދަށްކޮށްދެ އެވެ. ނަމަވެސް މާގިނައިން ކޮފީ ބުއިމަކީވެސް ޑައިބެޓިސް އަށް މަގުފަހިވާ ކަމެއް ކަމަށްވާތީ ކަސްރަތު ކުުރުމަށްވެސް ސިއްހީ މާހިރުން އިލްތިމާސްކުރައްވަ އެވެ.