ކޮފީއެއް ބޯލައިގެން ދުވަހުގެ ކެފެއިން ޑޯޒް ލިބިގަނެވިދާނެ ކަމަށް ބައެއް މީހުންނަށް ހީވެފައި އޮވެދާނެ އެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ކޮފީ އަށް ވުރެން އެސްޕްރެސޯގެ ފައިދާ އަދި ވަކިން ބޮޑު ކަމަށެވެ. ކޮފީއެއްގެ ބަދަލުގައި އެސްޕްރެސޯ ޝޮޓަކުން މުޅި ދުވަހަށް ފުއްދައިލެވިދާނެ ކަމަށެވެ.
އެސްޕްރެސޯގެ ފައިދާތަކަށް ބަލާއިރު މިއީ ހިކެން މަސައްކަތްކުރާ މީހުންނަށް ވެސް މުހިންމު ގިނަ ފައިދާއެއް އޭގައި ހިމެނޭ ބުއިމެކެވެ. އެކަމަކު ކޮންމެ އެއްޗެއްގައި ވެސް ވަކި މިންވަރެއް ހިފެހެއްޓުމަކީ އެންމެ ބުއްދިވެރި ގޮތްކަން ވެސް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.
ހަނދާނުގައި އާރުލައި ވަރުގަދަވުން
ހަނދާން ބަލިވުމާއި ހަވާލުކުރެވޭ މަސައްކަތްތަކުގައި މާ ފަހަތުގައި އުޅެވެނީ ކަމުގައި ވަނީ ނަމަ އެސްޕްރެސޯ ޝޮޓަކުން ދުވަހުގެ މަސައްކަތް ފެށުން ރަނގަޅުވާނެ ކަމަށް ފެނެ އެވެ. އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ކުރިއަށް ގެންގޮސްފައިވާ ދިރާސާއަކުން އެނގިފައިވާ ގޮތުން އެސްޕްރެސޯ ބުއިމަކީ ހަނދާނުގެ ދުޅަހެޔޮކަން ވަރުގަދަކޮށްދޭ ކަމެކެވެ. އަދި ވަކިން ހާއްސަކޮށް ލޯން ޓާމް މެމޮރީ އަށް (ދުރު ހަނދާންތަކަށް) އޭގެ ފައިދާކުރާނެ ކަމެއް ކަމަށެވެ.
ނަމަވެސް މިގޮތަށް ފައިދާކުރަނީ ގަވާއިދުން ވަކި މިންވަރެއް ނަގައިގެން ކަމަށް ދިރާސާ އިން އެނގިފައިވެ އެވެ. އެހެންކަމުން އާދަޔާހިލާފަށް ގިނައިން އެސްޕްރެސޯ ބޮއެގެން ލިބޭނެ މާ ގިނަ ފައިދާތަކެއް ހަގީގަތުގައި ނެތެވެ.
ސަމާލުކަން ދިނުމުގައި ފަސޭހަކޮށްދޭ
ކަމަކަށް ނުވަތަ މަސައްކަތަކަށް ފުރިހަމަ ސަމާލުކަން ނުދެވި، ހިޔާލުގެ ފުސްކަމެއްގައި ހޭކޭހެން ހީވާ ނަމަ އެސްޕްރެސޯ އާއި އޭގެ ކެފެއިން އިން އަނެއްކާވެސް ފަރުވާ ލިބިގަނެވިދާނެ އެވެ. އޭގެ ސަބަބުން ސިކުނޑީގައި އުފައްދައިދޭ ނިއުރޯ ކެމިކަލް ރިއެކްޝަން އަކީ ސަމާލުކަމަށް ފައިދާކުރުވާ ކަމެކެވެ.
ނަމަވެސް މާ ގިނައިން އެސްޕްރެސޯ ބޮއެގެން ނުވާނެ އެވެ. ކެފެއިންގެ މިންވަރު ގިނަވުމަކީ ސަމާލުކަން އެކޮޅުކޮޅުން ޖަހައި މީހާ ވެސް އެކޮޅުކޮޅުން ޖަހައިލަފާނޭ ކަމެކެވެ.
ހިކޭނެ!
މިއީ ޔަގީން ކަމެކެވެ. ކޮފީގެ އެހެން ހުރިހާ ވައްތަރުތަކާ އެސްޕްރެސޯ ތަފާތުވާ ސަބަބަކީ ވެސް މިއީ އެވެ. އެސްޕްރެސޯ އަކީ އޭގައި ކެލޮރީގެ މިންވަރު ވަރަށް މަދު ނުވަތަ އެއްވެސް ވަރަކަށް ނެތް އެއްޗެކޭ ވެސް ބުނެވިދާނެ އެވެ. އެކަމަކު މިގޮތަށް އެސްޕްރެސޯގެ ފައިދާ ބޮވޭނީ ކްރީމް ނުވަތަ ހަކުރު އެއަށް ނާޅައި ބޯ ނަމަ އެވެ.
ލޯ ކެލޮރީ ބުއިމެއްގެ އިތުރުން އެސްޕްރެސޯ އަކީ ކަސްރަތުގައި ބުންވަރު ހިފަހައްޓައިދިނުމަށް ވެސް މުހިންމު ބުއިމެކެވެ. މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އެސްޕްރެސޯ ބޮއެގެން ކަސްރަތުކުރުމަކީ ވަރުބަލިކަން އިހްސާސްވާ މިންވަރު ކުޑަކޮށްދޭ ކަމެއް ކަމަށެވެ.
ސްޓްރޯކު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ
މި ފައިދާކުރަނީ ހަމައެކަނި ކޮފީގެ އެސްޕްރެސޯއަކުން އެކަންޏެއް ނޫނެވެ. ދުވާލެއްގެ މައްޗަށް މަދުވެގެން އެއް ތަށި ކޮފީ ގަވާއިދުން ބޯ ނަމަ، ސްޓްރޯކާއި އެފަދަ ސިއްހީ އެހެން މައްސަލަތައް ޖެހުމުގެ ފުރުސަތު ކުޑަވެ އެވެ.
ހަކުރުބަލީގެ ނުރައްކަލާ ދުރަށް
އެމެރިކާގެ ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކޮފީގެ ވަކި މިންވަރެއް ގަވާއިދުން ބުއިމަކީ ހަކުރު ބަލީގެ އެންމެ އާންމު ވައްތަރު ކަމުގައިވާ ޓައިޕް 2 ޑައިބެޓީސް އިން ސަލާމަތްވެވިދާނެ ކަމެކެވެ. އަދި ދުވާލަކު އެއް ކޮފީ ތައްޓަށް ވުރެ ގިނައިން ބޯ ނަމަ ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ 11 ޕަސެންޓަށް ކުޑަކޮށްދެ އެވެ.