އެމްއެންޑީއެފް

ގޭޖް ފަޔާ އިން އެމްއެންޑީއެފަށް އަލިފާން ނިވާ ހަދިޔާކޮށްފި

ގޭގައި ބޭނުންކުރެވޭ ކަހަލަ ނެނޯ ޕާޓިކަލްސް އަލިފާން ނިވާ ރާއްޖެ ތައާރަފްކޮށް އެފަދަ އާލާތްތައް އެމްއެންޑީއެފް އަށް ހަދިޔާކޮށްފި އެވެ. އެތަކެތި އެމްއެންޑީއެފް އަށް ހަދިޔާކޮށްފައިވަނީ ގޭޖް ފަޔާ ސޭފްޓީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.

ރާއްޖެއަށް އަލަށް ތައާރަފްކޮށް އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވަނީ ދެ ސައިޒެއްގެ އަލިފާން ނިވާ އެވެ. އެއީ އެފްއެސް 500 ގެ އަލިފާން ނިވާ އަދި އެފްއެސް 800 ގެ އަލިފާން ނިވާ އެވެ. މި އަލިފާން ނިވާ އާއެކު 1،500 ގެ އަދި 2،000 ރުފިޔާގެ ހޯމް ޕެކޭޖެއް ވެސް އެ ކުންފުނިން ވަނީ ހަދިޔާކޮށްފަ އެވެ. މި ހޯމް ޕެކޭޖުގެ ތެރޭގައި ފަޔާ ބްލޭންކެޓު އަދި ގޭސް ޑިޓެކްޓާ ހިމެނެ އެވެ.

މި ގޭސް ޑިޓެކްޓާ އަކީ އަމިއްލައަށް އެކްޓިވޭޓް ކުރެވޭ އެއްޗެކެވެ. އަދި ބޭނުން ނޫންނަމަ އަމިއްލައަށް އެކްޓިވޭޓްވާ ގޮތަށް ތައްޔާރުކޮށްފައިވާ ޑިޓެކްޓާ އެކެވެ.

ފަޔާ ސޭފްޓީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝާމީ އާދަމް ވިދާޅުވީ މި އަލިފާން ނިވާ އަކީ އަންހެނުންނަށް ވެސް ބޭނުން ކުރެވޭ ކަހަލަ އަލިފާން ނިވާ އެއް ކަމަށާއި ސާވާ ރޫމްގެ ކޮމްޕިއުޓަރުތަކުގައި ވެސް ހަރުކުރެވޭނެ ކަމަށެވެ.

"މި ފަޔަ އެކްސްޓިންގުއިޝާއިން މީހުންނަށް ވެސް އެއްޗަކަށްވެސް ގެއްލުމެއް ނުވާނެ، ކޮންމެ ޕެނަލެއްގެ އެތެރޭގައި އަދި ސާވާ ރޫމްގެ ކޮމްޕިއުޓާ ތެރޭގައި ހަރުކުރެވޭނެ،" ޝާމީ ވިދާޅުވި އެވެ.

ޝާމީ ވިދާޅުވީ މި އަލިފާން ނިވާއިން މުޅިތަނުގައި ފެންބޮޑު ކޮށް ނުލައި ބޭނުންވާ ތަނަށް އަމާޒުކޮށް އަލިފާންގަނޑު ނިއްވާލެވޭނެ ކަމަށާއި އަލިފާން ރޯވެފައި ހުރީ ކޮންކަހަލަ މައުދަނެއްގައިތޯ ވެސް ބަލަން ނުޖެހޭނެ ކަމަށެވެ.

"މި ފަޔަ އެކްސްޓިންގުއިޝާތައް ރިސޯޓުތަކަށް ހާއްސަކޮށް އެފޯޑް ކުރެވޭނެ. މީގެ ޓެސްޓުތައް ވެސް އަޅުގަނޑުމެން ކުރިން އެމްއެންޑީއެފް އާއި ގުޅިގެން، މުޅި ސިސްޓަމްގެ ޓެސްޓިން ވެސް އަންނަ ހަފްތާގައި ކުރިއަށް ގެންދާނެ އަދި އެކި ކްލާސްތަކުގެ އަލިފާން ނިއްވަން ވެސ މި ބޭނުންކުރެވޭނެ. މިފަދަ އެހެން ސާމާނު ފަދައިން ރޯވެފައި ހުރީ ކޯއްޗެއްގައިތޯ ބަލާކަށް ނުޖެހޭނެ،" ޝާމީ ވިދާޅުވި އެވެ.

ފަޔާ ސޭފްޓީ އިން ހަދިޔާ ކުރި ތަކެއްޗާއި ހަވާލުވުމަށްފަހު ފަޔާ އެންޑް ރެސްކިއު ކޮމާންޑިން އޮފިސާ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އަމާޒަކީ ރާއްޖެއަކީ އަލިފާނުގެ ނުރައްކާތަކުން ސަލާމަތްވެ އަމާން އޮމާން އުފާވެރި މާހައުލެއްގައި ދިރިއުޅެވޭ ތަނަކަށް ހެދުން ކަމަށެވެ.

ގޭޖް ފަޔާއިން ރާއްޖެ އެތެރެކޮށް ވިއްކާ އަލިފާން ނިވާ އާންމުކޮށް ވިއްކަން ފަށާނީ އަންނަ މަހުގެ ތެރޭގަ އެވެ. ނަމަވެސް މިހާރުވެސް ރިސޯޓުތައް ފަދަ ތަންތަނަށް ވިއްކާ ކަމަށް އެކުންފުނިން މައުލޫމާތު ދެ އެވެ.