ވިޔަފާރި

މި މަހުގެ 29 ވަނަ ދުވަހު އެމްއެމްއޭ އާއި ބޭންކްތައް ބަންދު

މި މަހުގެ 29ވާ ބުރާސްފަތި ދުވަހަކީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބަންދު ދުވަހެއް ކަމަށް ކަނޑައަޅައި އެ އޮތޯރިޓީއިން އެކަން މިއަދު އިއުލާންކޮށްފި އެވެ. އަދި އެ ދުވަހު ރާއްޖޭގައި ހިދުމަތްދެމުން އަންނަ ހުރިހާ ބޭންކްތަކެއް ވެސް ބަންދުވާނެ އެވެ.

އެ އޮތޯރިޓީއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރު އެމްއެމްއޭއިން ބެންކިންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެންމެ ފަހު ދުވަހަކީ މި މަހުގެ 28 ވާ ބުދަ ދުވަސް ކަމަށެވެ. އެހެންކަމުން 29 ވާ ބުރާސްފަތި ދުވަހަކީ ބެންކިން ހިދުމަތްތައް ބަންދު ދުވަހެއް ކަމަށް ވެސް މަރުކަޒީ ބޭންކުން ބުންޏެވެ. ކޮންމެ މީލާދީ އަހަރެއްގެ ވެސް އެންމެ ފަހުގެ ވޯކިން ޑޭގައި ބޭންކްތައް ބަންދު ކުރެ އެވެ. އެގޮތަށް ހަމަޖައްސަނީ، އެމްއެމްއޭ އާއި ބޭންކްތަކުގެ އަހަރީ ހިސާބުތައް ނިންމުމުގެ ގޮތުންނެވެ.

މިއަހަރުގެ އެންމެ ފަހުގެ ވޯކިން ޑޭ ދިމާވަނީ ބުރާސްފަތި ދުވަހަކަށް ކަމަށްވުމުން ބޭންކްތައް ދެން ހުޅުވޭނީ އާ އަހަރުގެ ބަންދު ނިމި، އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

އެމްއެމްއޭއިން މިހެން ބުނެފައިވާ އިރު، ބޭރަށް ފުރާ މީހުންނަށް ޑޮލަރު ވިއްކުން ވަނީ އެ އޮތޯރިޓީއަށް ބަދަލުކޮށްފަ އެވެ. އެގޮތުން އަންނަ ޖެނުއަރީ މަހު ހަތް ވަނަ ދުވަހާ ހަމަޔަށް ޑޮލަރު ވިއްކާނީ އެމްއެމްއޭއިންނެވެ.