އެމްއެމްއޭ

100 ޑޮލަރުގެ ފޭކު ނޫޓު ދައުރުވާތީ ސަމާލުވާން އެދިއްޖެ

އެމެރިކާ ޑޮލަރުގެ ސައްހަ ނޫން 100 ޑޮލަރުގެ ނޫޓުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މަރުކަޒީ ބޭންކް -- އެމްއެމްއޭ އިން ބުނީ ސައްހަ ނޫން ނޫޓް ތަކަކީ 1996 އިން 2016 އާއި ދެމެދުގެ ތާރީހުގައި ޕްރިންޓްކޮށްފައިވާ ނޫޓު ކަމަށެވެ.

އަސްލު ނޫޓާ ތަފާތު ކަރުދާހެއް ސައްހަ ނޫން ނޫޓުތަކުގައި ބޭނުންކޮށްފައި ހުންނައިރު ސައްހަ ނޫން ނޫޓުތަކުގައި ހުންނަނީވެސް ހުދު ބޯޑަރެކެވެ. އަދި އަސްލު ނޫޓު އައްޔަށް ދިއްކުރުމުން ފެންނަ ބެންޖަމިން ފްރެންކްލިންގެ ފޮޓޯ، ސައްހަ ނޫން ނޫޓަށް އަލިކޮށްފައި ބެލުމުން ތަފާތުތަކެއް ހުރެ އެވެ. އަދި އަސްލު ނޫޓުގެ ވައަތްފަރާތުން ފެންނަން ހުންނަ "USA 100" ލިޔެފައިވާ ސަލާމަތީ ރޮދިފަށް ސައްހަ ނޫން ނޫޓު އައްޔަށް ދިއްކުރުމުން ފެންނާކަށް ނުހުރެ އެވެ.

ސައްހަ ނޫން ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ދިއްލިފައި ހުންނަންޖެހޭ ސަލާމަތީ ރޮދިފަށް ނޫޓުގެ ދެފަރާތުން ދިއްލިފައި ނުހުރެ އެވެ. ސައްހަ ނޫން ނޫޓު އަލްޓްރާ ވައިލެޓް އައްޔަށް ދިއްކުރުމުން ނޫޓުގެ މޫނުމަތީގައި ރަތް އަދި ނޫކުލައިން ދިއްލިފައި ހުންނަންޖެހޭ ސެކިއުރިޓީ ފައިބާ ވެސް ނުހުރެ އެވެ.

މީގެއިތުރުން އަސްލު ނޫޓުގެ ކަނާއަތް ފަރާތުގެ ތިރީގައި ހިމަނާފައިވާ މޫނުމަތީ އަގު، ނޫޓު އަރިކުރުމުން ކުލަ ބަދަލުވި ނަމަވެސް ސައްހަ ނޫން ނޫޓުތަކުގައި އެގޮތަށް ބަދަލެއް ނުވެ އެވެ.

އެމެރިކާ ޑޮލަރުގެ ސައްހަ ނޫން 100 ޑޮލަރުގެ ނޫޓް ދެނެގަންނާނެ ގޮތް ކިޔައިދިނުމަށްފަހު އެމްއެމްއޭ އިން ވަނީ ސައްހަ ނޫން ނޫޓު ބަލައިގަތުމުގައި ސަމާލުވުމަށް އެދިފަ އެވެ. އަދި ބަލައިގަނެވޭ ނޫޓުގެ ސައްހަ ކަމާމެދު ޝައްކުކުރެވޭ އެއްވެސް ނޫޓެއް ފެނިއްޖެނަމަ އެމްއެމްއޭއަށް ގެންގޮސް އެ ނޫޓެއްގެ ސައްހަ ކަށަވަރުކުރުމަށްވެސް އެދިފައިވެ އެވެ.