އެމްއެމްއޭ

އީފާސް މެދުވެރިކޮށް ކްރެޑިޓް ރިޕޯޓަށް މިހާރު ހުށަހެޅޭނެ

އެމްއެމްއޭއިން ފަރުދުންނާއި ކުންފުނިތަކަށް ދޫކުރާ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅޭ ގޮތް ހަމަޖައްސައިފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރެޑިޓް އިންފޮމޭޝަން ރިޕޯޓް ހޯދުމަށް އީފާސް މެދުވެރިކޮށް މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހުށަހެޅޭ ގޮތަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މިބަދަލާ އެކު ކްރެޑިޓް ރިޕޯޓަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް ދެން ބަލައިގަންނާނީ ކްރެޑިޓް ބިއުރޯގެ ވެބްސައިޓުން، އީފާސް މެދުވެރިކޮށް އަދި އީފާސް ވެރިފައިޑް އެކައުންޓުތަކުން ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމާ ގުޅިގެން ކްރެޑިޓް ރިޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ އޮންލައިން ވީޑިއޯ ވެރިފިކޭޝަން ހެދުން މާދަމާއިން ފެށިގެން ހުއްޓާލުމަށްވެސް އެމްއެމްއޭ އިން ނިންމާފަ އެވެ.

ކްރެޑިޓް ރިޕޯޓަށް އީފާސް ޑިޖިޓަލް އައިޑީ މެދުވެރިކޮށް ހުށަހެޅުމުން މަސައްކަތު ތިން ދުވަހުގެ ތެރޭގައި ރިޕޯޓު ދޫކުރާނެ ކަމަށްވެސް އެމްއެމްއޭ އިން ބުނެ އެެވެ.

"ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި އީފާސްގެ ލޮގިން މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުމަށް އިލްތިމާސް ކުރަމެވެ." އަލަށް ގެނައި ބަދަލާއެކު ރައްކާތެރިވުމަށް ސަމާލުވުމަށް އެދި އެމްއެމްއޭ އިން ބުނެފައިވެ އެވެ.