ލައިފްސްޓައިލް

މިއީ އާދައިގެ ކަމެކޭ ހިތާ ދޫކޮށްލާ ވަރުގެ ކަމެއް ނޫން!

Dec 20, 2016

ދިރިއުޅުމަށް އަންނަމުން ދިޔަ ބަދަލުތަކުގެ ސަބަބުން ކޮންމެ މީހަކު ވެސް އެމީހެއްގެ ވަގުތު ފުރާލަނީ ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުންނެވެ. ބާކީ އޮންނަ ވަގުތަކީ ނިދާލުމަށް ހޭދަ ކުރާ ވަގުތެވެ. ކުޑަތަންކޮޅެއްގެ ތެރޭ ދަތިހާލުގައި އެތަށް ބައެއްގެ ތެރޭ އުޅެން ޖެހުމުން ގިނަ ފަހަރަށް އޮންނަނީ ބޭރަށް ނުކުމެ ހިތްހަމަ ޖައްސާލަން ދާނެ ތަނެއް ވެސް ނެތިފަ އެވެ.

ބައްޔެއްގެ އަސަރު ބޭރުފުށުންފެނި ސިއްހަތުގެ އެލާމް ނާޅާހާ ހިނދަކު ކޮންމެ މީހަކަށް ވެސް ހީވެފައި އޮންނަނީ ތިމަންނަ ހުރީ ފުރިހަމަ ސިއްހަތެއްގަ އެވެ. މިގޮތުން ބައެއް ކަންކަމަކީ ކުޑަ ކަމެކޭ ހިތާ ދޫކޮށްލާ އެތަށް ކަމެއްގެ އަސަރު ފަހުން ބޮޑުވެ، މީހާ އުމުރު ދުވަހު ބޭސްކުރަންޖެހޭ ހާލަތަށް ބަދަލުވެ އެވެ. އެހެންކަމުން އަހަރެމެންގެ ދިރިއުޅުމުގައި އަޅާނުލައި ފަރުވާ ކުޑަނުކުރަންޖެހޭ ކަންތައްތަކެއްވެ އެވެ.

އެކަހެރިވުން

ދިރިއުޅުމުގެ ވަކިހިސާބަކުން މީހާކުރާ އުއްމީދުތައް ހާސިލްނުވުމުން މާޔޫސްވާ ގޮތްދިމާވެ އެވެ. އަދި އެދަތިތައް ހުރަސްކޮށް ކުރިއަށް ދިއުމަކީ އެންމެން ކުރާ ކަމެއްނޫނެވެ. ބައެއް މީހުންނަކީ އެ މާޔޫސް ކަމުގައި އުމުރު ހޭދަކުރާ މީހުންނެވެ. މިދަފަ މީހުން ދިރިއުޅުންމަތިން ފޫހިވެ އެކަނިވެރިކަން ބައިވެރިޔަކަށް ހަދަ އެވެ. މިއީ ނޭންގިނަމަވެސް މީހާ ޑިޕްރެޝަންއަށް ދާން ދިމާވާ އެއް ސަބަބެވެ. މިފަދަ މީހުން މީހުންނާއި ވާހަކަދައްކާ ބޭރަށް ނުކުމެ އުޅުމާއި ދުރުވެ، ކިތަންމެ ކުޑަ ކަމެއް ދިމާވާއިރަށް ދެރަވެ މާޔޫސްވާ ގޮތްދިމާވެ އެވެ. މިިކަމަކީ އަޅާނުލާ ދޫކޮށްލާވަރުގެ ކަންތައްތަކެއް ނޫނެވެ. މިއީ ބަލީގެ ކުރީކޮޅު އަވަހަށް ފަރުވާ ހޯދަންޖެހޭ ކަމެކެވެ. ފޫނުބެއްދޭ ވަރުގެ ދެރަކަމަކާ ދިމާވެދާނެ އެވެ.

ލަހުން ވާހަކަ ދެއްކުން

އާންމުކޮށް މީހުން ވާހަކަ ދައްކާ ސްޕީޑަށް ވުރެ، މާ ލަސްލަހުން ވާހަކަ ދެއްކުމަކީ ވެސް ބައެއް ފަހަރަށް މައްސަލައެއް ނޫން ކަމަށް ހީވެފައި އޮތަސް މިއީ ސިކުނޑިއަށް ސްޓްރޯކެއް ނުވަތަ ޓިއުމަރެއްގެ ސަބަބުން ދިމާވެދާނެ ކަމެއްކަމަށް ސިއްހަތާއި ބެހޭ މާހިރުން ވިދާޅުވެ އެވެ. ނުވަތަ މިއީ އަނގައިގެ މަސްތަކުގެ ބާރު ކެނޑުން ދައްވާން ފެށުމުން ވެސް ދިމާވެދާނެ ކަމެކެވެ. ވީމާ މިކަމަކީ ފަރުވާ ކުޑަކުރާވަރުގެ ކަމެއްނޫނެވެ.

ވަރުބަލިވުން

ބުރަ މަސައްކަތުގައި ދުވާލު ހޭދަ ކުރުމަށްފަހު ގެއަށް އައިސް ވަންނަ އިރު، ވަރުބަލިވެފައި ހުރުމަކީ އާންމު ކަމެކެވެ. ނަމަވެސް މުޅި ދުވަހު މީހާ ވަރުބަލިވެފައި ހުރުމަކީ ވިސްނާލަންޖެހޭ ކަމެކެވެ. މިއީ ނާރުގެ މައްސަލައަކާ ހެދި ދިމާވެދާނެ ކަމެކެވެ. އަދި މިހެން ވާނަމަ އަވަހަށް ފަރުވާ ހޯދަންޖެހެ އެވެ.

އާދަޔާ ޚިލާފަށް ގިނައިން އަތުން ދާހިތްލުން

މިއީ ބައެއް ފަހަރަށް ހާސްވެ ނުވަތަ ކަންބޮޑުވާނަމަ ދިމާވެދާނެ ކަމެކެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގިނައިން އަތުން ދާހިތްލާނަމަ ޑޮކްޓަރަށް ދައްކަންވާނެ އެވެ. ސަބަބަކީ މިއީ ބައެއް ފަހަރަށް ތައިރޮއިޑާ ގުޅުންހުރި ކަމަކަށްވެދާނެތީ އެވެ.

ގަދަޔަށް ކެއްސުން

މިއީ ގިނަފަހަރަށް ފަރުވާ ކުޑަކޮށްލެވޭ އެއް ކަންތަކެވެ. އާދަޔާ ޚިލާފަށް ގިނައިން ކެއްސުމަކީ އާދައިގެ ކަމެކޭ ގިނަ ފަހަރު ހީކުރެވުނަސް މިއީ ފަރުވާ ކުޑަކުރާވަރުގެ ކަންތައް ތަކެއް ނޫނެވެ. އާންމުކޮށް ގިނައިން ކެއްސާނަމަ ލަސްނުކޮށް ފަރުވާ ހޯދަން ވާނެ އެވެ.

ބަރުދަން ލުއިވުން

ބަރުދަން އިތުރުވެގެން ލުއިކުރަން ކުރާ ޑައިޓަކާ ނުލައި ކުއްލިއަކަށް ބަރުދަން ލުއިވުމަކީ މައްސަލައެކެވެ. ސަބަބަކީ މިއީ ހަށިގަނޑުގައި ހުރި ސެލްތަކަކަށް މައްސަލައެއް ދިމާވެގެން ނުވަތަ ކެންސަރުގެ އަލާމާތަކާ ގުޅިގެން ވެސް މިފަދަ ކަމެއް ވެދާނެތީ އެވެ.

ސިސްޓް ނުވަތަ ގޮށް ނެގުން

ވައިނުސާފު ވުމުގެ ސަބަބުން ނުވަތަ މާގިނައިން ޖަންކް ފުޑް ކާނަމަ މިފަދަ ކަމެއް ދިމާވެދާނެ އެވެ. ނަމަވެސް މާގިނަ ދުވަސް ވަންދެން ގައިގަ ހަން ހަލާކުވެފައި ފުއްޕާފައި ހުންނަ ގޮތަށް ގޮށް ނަގާފައި ހުރުމަކީ ސީރިއަސް ކަމެކެވެ. މިއީ ބައެއް ފަހަރަށް ކެންސާ ސެލް އުފެދުމަށް ދިމާވާ ކަމެކެވެ.