ރިޕޯޓް

ސުވެނިއާ ފެކްޓަރީ: އުފެއްދުންތެރިކަން ބަދަލު ކޮށްލެވޭނެތަ؟

Dec 24, 2016
  • މަސައްކަތް ކުރާނީ ސިނާއީ ލެވަލްގައި
  • ފެކްޓްރީގައި މަސައްކަތް ކުރާނީ ދިވެހިން
  • ސޮފްޓް ޓޯއީސް ފަދަ ތަކެތި އުފައްދާނެ

ރާއްޖޭގެ ސުވެނި ފިހާރަތަކުގައި "މޭޑް އިން މޯލްޑިވްސް" ގެ ނަމުގައި ހަނދާނީ ހަދިޔާ ވިއްކަނީ އެވެ. އެކަމަކު އެ ތަކެއްޗަކީ ދިވެހި އެއްޗިއްސެއް ނޫނެވެ. ރާއްޖޭން ބޭރުން އެކްސްޕޯޓު ކޮށްފައިވާ "ދިވެހި އެއްޗިއްސެވެ" މިކަން މިހެންވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގައި މިތަކެތި ޑިމާންޑާ އެއްވަރަށް ތައްޔާރު ނުކުރެވުމެވެ.

ރާއްޖޭގައި އޮތް މިލިއަން ރުފިޔާގެ ސުވެނި މާކެޓާ ހަމަ އަށް ދިވެހި އުފެއްދުންތައް ނުދިޔައީ އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން އިސް ނަގައިގެން މިކަން ބަދަލު ކޮށްލެވޭތޯ މަސައްކަތް ފަށައިފި އެވެ. މިގޮތުން ހުޅުމާލޭގައި ސުވެނިޔަ ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ. ސުވާލަކީ މި ފެކްޓްރީން ރާއްޖޭގެ ހަނދާނީ ހަދިޔާ މާކެޓަށް ބޭނުންވާ ވަރަށް ތަކެތި އުފެއްދިދާނެ ހެއްޔެވެ؟

"އަޅުގަނޑުމެންގެ މަގުސަދަކީ ރާއްޖޭގައި އުފައްދާ ދިވެހި އުފެއްދުންތަކެއް ފުޅާ ދާއިރާއެއްގައި އުފައްދަން ފެށުން އެކަމަށް މަސައްކަތް ކުރަމުން މިދަނީ،" އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވި އެވެ.

ހުޅުމާލެ، ސިނާއީ ސަރަހައްދުގައި އަޅާ މި ފެކްޓްރީގެ މަސައްކަތް އިކޮނޮމިކް މިނިސްްޓްރީން ދަނީ ކުރަމުންނެވެ. އެސްއެމްއީ އިންޑަސްޓްރިއަލް ޕާކުގައި ފުރަތަމަ އުފައްދާނީ ހަނދާނީ ހަދިޔާ އެވެ. މިގޮތުން ސޮފްޓް ޓޯއީޒްގެ ގޮތުގައި ބޭނުންކުރެވޭނެ ސާމާނު އުފައްދާނެ އެވެ.

މި ފިޔަވަހީގެ ދަށުން ތައްޔާރުކުރާ ބާވަތްތަކުގެ ތެރޭގައި މިހާރު ޓޫރިސްޓު ފިހާރަތަކުން ލިބެން ހުރި ބާވަތްތައް ވެސް ހިމެނެ އެވެ. އަދި ކުޑަ ކުދިން ބޭނުންކުރާ ބައެއް ކުޅޭ އެއްޗިހި ވެސް ހިމެނެ އެވެ. މި ތަކެތި ތައްޔާރު ކުރަނީ ރާއްޖޭގެ މާހައުލުގައި އުޅޭ ތަކެތީގެ ސިފަތަކުގަ އެވެ. މި ތަކެތި އުފައްދަން ބޭނުންވާ ރޯމެޓީރިއަލް ރާއްޖެ އެކްސްޕޯޓު ކުރާނެ ކަމަށް މިނިސްޓްރީން ބުނެފަައިވެ އެވެ. މިގޮތުން ތައްޔާރު ކުރާ ތަކެތީގެ ތެރޭގައި ރާއްޖޭގެ ކަނޑުގެ މާހައުލުން ފެންނަ މަސްތަކުގެ ސިފަތައް ހިމެނެ އެވެ.

ރާއްޖޭގައި އުފެއްދުމުން އަގު ހެޔޮވާނެ

އަބްދުﷲ ވިދާޅުވީ ކުޑަކުދިންނަށް ހާއްސަކޮށްގެން އުފައްދާ ބާވަތްތަކުގެ ފެންވަރު ރާއްޖޭން ބޭރުން އިމްޕޯޓު ކުރާ ތަކެއްޗެކޭ އެއްވަރު ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ތައްޔާރު ކުރުމުން އަގު ހެޔޮވާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ކުޑަކުދިން ބޭނުން ކުރަން ތައްޔާރުކުރާ ސޮފްޓް ޓޯއީޒް ވީމަ. މި އުފައްދާނީ އެންމެ ފެންވަރު ރަނގަޅު މެޓީރިއަލްގައި،" އަބްދުﷲ ވިދާޅުވި އެވެ.

"ރާއްޖޭގައި އުފައްދައިގެން ހުރިހާ ހަރަދެއް ލުމުންވެސް އަގު ހެޔޮކޮށް ވިއްކޭނެ. ގާތްގަނޑަކަށް 20-30 ޕަސެންޓް އަދަދު އަގު ހެޔޮކޮށް ވިއްކޭނެ. މިއީ އަޖުމަ ބަލަންކުރާ ކަމެއް ނޫން. މިކަން ކުރަނީ އިންޑަސްޓްރީ ލެވަލްގައި."

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް 17 މިލިއަން ރުފިޔާގެ ހަނދާނީ ހަދިޔާ ތަކެތި އެތެރެކޮށްފައިވެ އެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ތިބި އުފެއްދުންތެރިންނަށް މިކަމުގެ ފައިދާ ހޯދައި ދިނުމެވެ. މިގޮތުން މި މަސައްކަތް ކުރުމަށް ރާވާފައިވަނީ ހަމައެކަނި މާލެ ސަރަހައްދުގައި އެކަންޏެއްވެސް ނޫނެވެ. މިގޮތުން ރާއްޖޭގެ ހަތަރު ސަރަހައްދުގައި ފެކްޓްރީ ގާއިމް ކުރާނެ އެވެ. މި ފެކްޓްރީތަކުގައި ކާށި ތެލާއި ނާށިން އުފައްދާ ބާވަތްތަކުގެ އިތުރުން ކްލޭ އިން އުފައްދާ ދޯނިވެސް ތައްޔާރު ކުރާނެ އެވެ.

ވަޒީފާތަކެއް އުފެދޭނެ ތަ؟

ދެން އުފެދޭ ސުވާލަކީ މި ފެކްޓްރީތަކުން ކިހާ ވަޒީފާއެއް އުފެދޭނެ ހެއްޔެވެ؟ މި ތަންތަނުގައި މަސައްކަތް ކުރާނީ ދިވެހިން ހެއްޔެވެ؟

އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި، އަބްދުﷲ ވިދާޅުވީ ފެކްޓްރީ ހުޅުވަން ވާއިރަށް ވަޒީފާތަކަށް ބޭނުންވާ ދިވެހިން ތަމްރީން ކުރާނެ ކަމަށާއި ފުރަަތަމަ މަރުހަލާގައިވެސް 50 ވަޒީފާ އުފެދޭނެ ކަމަށެވެ.

"ފުލްޓައިމްކޮށް އެކަންޏެއް ނޫން ވަޒީފާ އުފެދޭނީ. ޕާޓްޓައިމް ވަޒީފާ ތަކެއް ވެސް އުފެއްދޭނެ،" އަބްދުﷲ ވިދާޅުވި އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން އިތުރު ކުރަން ބޭނުންނަމަ މިފަދަ މަސައްކަތްތައް އިންޑަސްޓްރިއަލް ފެންވަރުގައި ކުރަން ޖެހެ އެވެ. ހާއްސަކޮށް މިލިއަން ރުފިޔާގެ ސުވެނި މާކެޓަކީ ދިވެހިންނަށް ބޮޑު އާމްދަނީއެއް ލިބޭނެ ދާއިރާ އެވެ. އެހެންކަމުން ހުޅުމާލޭގައި ހަދާ ފެކްޓްރީން އުފެއްދުންތެރިކަމަށް އުންމީދުތަކެއް އާވާނެ ކަމަށް ބެލެވެ އެވެ.