ރާއްޖޭގެ އޮސްކާގެ ގޮތުގައި މަޝްހޫރުވެފައިވާ ގައުމީ ފިލްމު އެވޯޑްސް ބޯމަތިވެ ރެޑް ކާޕެޓްގެ މަރުހަބާ އަށް މުނިފޫހިފިލުވުމުގެ މުޅި ދާއިރާ ތައްޔާރުވެފައި އޮތަސް މިއަށްވުރެ މަޝްހޫރު އަދި އެ ވާހަކަ އަށް ވުރެ ބޮޑު ސަމާލުކަމެއް އަތުލައިގަނެގެން އުޅޭ އެހެން މައްސަލަގަނޑެއް ފިލްމީ ދާއިރާގައި އެބައޮތެވެ.
ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ނިކަން ފަހުރުވެރިކަމާއެކު އިހަށް ދުވަހު އިއުލާނުކުރި "ބީ" އެކޭ ކިޔުނު ފިލްމެއްގެ ނަން އެހެން ބަޔަކު "ނަގައިގެން" އުޅޭ މައްސަލައަކީ ހުއްޓުމެއް ނެތި މިވީ ދުވަސްތަކުގައި ޕްލޭވެފައި ހުރި "ޑްރާމާ" އެވެ. ސަމާސާއިން ފާޑުކިޔާ މީހުން ބުނަނީ ނަހުލާގެ "ބީ" ވަގަށް ނެގުމުން ކުޅޭ ޑްރާމާ އަކީ ނަހުލާގެ ފިލްމަކަށްވުރެން ވެސް އަސަރުގަދަ "ޑްރާމާއެއް" ކަމަށެވެ.
މި މައްސަލައިގެ އަސްލަށް ބަލަނީ ނަމަ، ހަގީގަތުގައި ފެންމަތިވެގެން މި އުޅެނީ ވަރަށް ސީރިއަސް މައްސަލައެކެވެ. ނަހުލާގެ ފިކުރީ މުދަލެއް އެހެން މީހަކު ނަގައިގެން ގެންދިޔައީ އެވެ. އެ ނަން ރަޖިސްޓްރީނުކޮށް އޮތަސް، އެ ނަން ނަމަކަށްވެ، މަޝްހޫރުވެ ބަޔަކަށް އެނގޭވަރުވީ، ފޯފޯ ޓޫ ސިކްސްގެ ޕްރިމިއާ ނައިޓުގައި ނަހުލާ "ބީ" އެއް އިއުލާނުކުރި ހިސާބުންނެވެ.
އެހެންވީމަ "ބީ" އަކީ ހަގީގަތުގައި ވެސް ނަހުލާގެ އޮރިޖިނަލްއެކެވެ. ނަހުލާގެ ބޭބީއެކެވެ.
ނަމަވެސް މި ނަން ގެއްލިއްޖެ ކަމަށް ބުނެ ނަހުލާ ފިލްމީ ދާއިރާ ފޮޅާލަން ނުކުތުމުން ބައެއް މީހުންނަށް މައްސަލައަކަށްވީ "ނަހުލާ ފަކީރެވެ". ވަރަށް ގިނަ މީހުން ބުނާ ގޮތުން ނުވަތަ ގަބޫލުކުރާ ގޮތުން ނަމަ މިއީ ނަހުލާ އަމިއްލަ އަށް ޖައްސައިގެން އުޅޭ ވަރުގަދަ ސްޓަންޓެކެވެ.
އެކަމަކު މި މައްސަލާގައި ސުވާލުކޮށްލުމުން ނަހުލާ ދިނީ ވަރަށް ވެސް ކުރު ޖަވާބެކެވެ.
"ސްޓަންޓެއް ނޫން މިއީ،" އޭނާ ބުނީ މިހެންނެވެ.
"ބީ" އަކީ ކޮބާ؟ "ބީ" ވަގަށް ނެގީ ކިހިނެތް؟
"ބީ" އަކީ ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން ދެން ގެނެސްދޭން އިއުލާނުކޮށްފައިވާ ފިލްމެވެ. ނަހުލާ ލިޔެ ޕްރޮޑިއުސްކުރާ މި ފިލްމަކީ ލޯބީގެ އެންމެ ލޯބި އަދި ހިތި އިހްސާސްތައް ސްކްރީނަށް ބަންޑުންކޮށްލާނެ ފިލްމެއް ކަމަށް އޮތީ މަޝްހޫރުވެފަ އެވެ. ފިލްމުގައި ލީޑް ރޯޅު ކުޅޭނީ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް އައްޒަ އެވެ.
ފޯ ފޯ ޓޫ ސިކްސްގެ ޕްރިމިއާ ނައިޓުގައި މި "ބީ" އެއް އިއުލާނުކުރުމަށް ފަހު ނަހުލާ ގެންދިޔައީ ފިލްމަށް ޒުވާން، ކުޅަދާނަ ޑައިރެކްޓަރަކު ހަމަޖެއްސުމުގެ މަސައްކަތްކުރަމުންނެވެ. އެކަމަކު އޭރު އޭނާ އަށް ނޭނގި އޮތް ކަމަކީ ނުވަތަ ހަނދާން ނައްތާލެވިފައި އޮތް ކަމަކީ، ނަހުލާގެ މި "ޑްރީމް ޕްރޮޖެކްޓް" ގެ ނަން ވަގަށް ނެގުމަށް ބަޔަކު މީހުން ރާވަމުން ދިޔަ ކަމެވެ.
އަރައިގެން އައި އިރާއެކު ނަހުލާ އަށް ނެޝެނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ގުޅި މީހަކު ގުޅާފައި ބުނީ "ބީ" ގެ ނަމުގައި ފިލްމެއް ރަޖިސްޓްރީކުރުމަށް އެހެން ބަޔަކު އެމީހުންނަށް ހުށަހަޅައިފި ކަމަށެވެ.
"ދެން އަޅުގަނޑު ގާތަށް އައީ ހިނި،" މިއަދު އަވަސް އަށް ދިން އިންޓަވިއުއެއްގައި ނަހުލާ ބުނީ މިހެންނެވެ.
އޭނާ ބުނީ ބަޔަކު މީހުން އޭނާގެ ފިލްމުގެ ނަން ނަގަން މަސައްކަތް ކުރިޔަސް ޖެހިލުމެއް ނުވާ ކަމަށާއި ނަން ލިބޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮތް ކަމަށެވެ. ނަމަވެސް ނަހުލާ އަށް ދެން ޚަބަރު ލިބުނީ އެހެން ބަޔަކު އެންމެފަހުން "ބީ" ގެ ނަމުގައި އެންސީއޭގައި ފިލްމެއް ރަޖިސްޓްރީކުރި ކަމެވެ.
އޭރު "ބީ" ގެ ނަން ރަޖިސްޓްރީކުރުމުގެ ފުރުސަތު އެންސީއޭ އިން ނަހުލާ އަށް ވެސް ދީފައި އޮތެވެ. ނަމަވެސް ގަވާއިދުގައި އޮންނަ ގޮތަށް، އެންމެ ކުރިން ފޯމު ހުށަހަޅާ ފަރާތަކަށް އެންސީއޭ އިން އެންމެ ފަހުން އެ ނަން ރަޖިސްޓްރީކޮށްދިނީ އެވެ. މިއީ ނަހުލާ ކިޔައިދިން ގޮތެވެ.
"ދެން އަޅުގަނޑު އެދުނީ "ނަހުލާގެ ބީ" ގެ ނަމުގައި ފިލްމު ރަޖިސްޓްރީ ކުރަން. އެކަމަކު އެންސީއޭ ތެރެއިން އެކަމެއް ވެސް ނުކުރެވުނު. ނަމަވެސް، ބައްޕަ ނުވަތަ އެ ބައްޕަ އަދި ފަތިސްހަނދުވަރު އާއި ފަތިސްހަނދުވަރުގެ ފެށުން ނަމަކަށް ކިޔާ ފިލްމުތައް ވެސް އެބަހުރި ރަޖިސްޓްރީކޮށްދީފައި."
އެހެންވީމަ ނަހުލާގެ މި މައްސަލާގައި އޭނާ މި ވަނީ އިންސާފުން އެއްކިބާކޮށްފައި ހެއްޔެވެ؟ ނުވަތަ މިއީ ހަމަ "ބީ" ގެ ޕްރޮމޯޝަނަލް ކުޅިގަނޑެއް ހެއްޔެވެ؟
"ބީ" ގެ ނަން ބަޔަކު މީހުން ނަގައިގެން އުޅޭ ކަމަށް ބުނެ ހަމަ އަސްލަށް ނަހުލާ ސްޓަންޓެއް ޖެއްސީ ހެއްޔެވެ؟ ސަބަބަކީ އެންމެފަހުން ނަހުލާ އެންމެ ކުރިން ވެސް ބުނަމުން ދިޔަ ގޮތަށް "ބީ" ގެ ނަން މިހާރު ނަހުލާގެ އުނގަށް އެނބުރި އައިސްފައިވާތީ އެވެ.
"ބީ" ހޯދާނަން! "ބީ" ލިބޭނެ! "ބީ" ލިބިއްޖެ!
ނަހުލާ ބުނަމުން ދިޔައީ މިހެންނެވެ. "ބީ" ގެ ނަން ބަޔަކު މީހުން އޭނާގެ އަތުން "ފޭރިގެންފި" ކަމަށް އިއުލާނުކުރި ހިސާބުން ފެށިގެން ނަހުލާ ބުނަމުން ދިޔައީ މިހެންނެވެ. އެނަން އޭނާ އަށް ލިބޭނެ ވާހަކަ އާއި ހޯދާނެ ވާހަކަ އާއި އެނަމުގައި ފިލްމު ވެސް ނެރޭނެ ވާހަކަ އެވެ.
ގަދަ ބަސް ބުނެ ގަދަ ބަސް ކާމިޔާބުކުރާ މީހެއްކަން ނަހުލާ މި ވަނީ ސާބިތުކޮށްދީފަ އެވެ. އެކަމަކު ގެއްލުނު "ބީ" އެނބުރި ނަހުލާގެ އުނގަށް ގޮސް ވެއްޓުމުން އުފެދޭ އެހެން ސުވާލުތަކެއް ވެސް އެބަހުއްޓެވެ؟ އެކަމަކު ދެން ވެސް ނަހުލާ ބުނަން އޮތީ، "މިއީ އިސްޓަންޓެއް ނޫނެކޭ" އެވެ.
އެހެންވީމަ އެންމެފަހުން ނަހުލާގެ ގެއްލުނު "ބޭބީ" އަލުން އޭނާގެ މުށު ތެރެއަށް ދިޔަ ގޮތަށް ބަލައިލަމާ ހިނގާށެވެ.
އެންސީއޭ އިން އަވަސް އަށް މައުލޫމާތު ދީފައިވާ ގޮތުން ނަހުލާ އަށް ވުރެ ކުރިން "ބީ" ގެ ނަމުގައި ފިލްމެއް ރަޖިސްޓްރީކުރި ފަރާތުން އެންމެ ފަހުން ވަނީ އެ ނަން ބާތިލުކޮށް އެ ހުށަހެޅުން އަނބުރާ ގެންގޮސްފަ އެވެ. އެއަށް ފަހު އިއްޔެ ވަނީ އެހެން މީހެއްގެ ނަމަށް އަލުން "ބީ" ރަޖިސްޓްރީކޮށްދީފަ އެވެ.
އެ ނަމަކީ ނަހުލާގެ ނަމެވެ. ނަހުލާ ވަނީ އެކަން އަވަސް އަށް ކަށަވަރުކޮށްދީފަ އެވެ.
ނަހުލާ މިހާރު ބުނަނީ، "ބީ" ގެ ނަން އޭނާ އަށް ވުރެ ކުރިން ރަޖިސްޓްރީކޮށްފައިވަނީ އެ ނަން ރަޖިސްޓްރީކޮށްފައިވާ މީހާ އަށް ވެސް އޮޅުވާލައިގެން ކަމަށެވެ.
"ބީ ރަޖިސްޓްކުރީ ކުރި ކުއްޖާ، އަމިއްލަ އަށް އެ ނަން ދިނީ، ހިތުން ރުހުމުން. އޭނާގެ އަތުގައި ރަޖިސްޓްރީއެއް ވެސް ނެތް. އެކަމަކު ގޮސް އެއްބަސްވީ އެއީ އޮޅުވާލައިގެން ކުރުވި ކަމެއް ކަމަށް،" ނަހުލާ ބުންޏެވެ.
"ފިލްމެއް ހަދާށޭ ކިޔާފައި ފޯމެއް ފުރާށޭ ކިޔައިގެން އޮޅުވާލައިގެން ކުރި ކަމެކޯ އެއީ."
އެހެންވީމަ އެ މީހަކީ ކާކު ހެއްޔެވެ؟ ނަހުލާ އަށް ކެއްސެއް ދިނުމަށް އެހެން މީހެއްގެ ނަމުގައި "ބީ" ރަޖިސްޓްރީކުރުވީ ކާކު ހެއްޔެވެ؟
އެއީ ފޯފޯ ޓޫ ސިކްސްގެ ސެޓުގައި މަސައްކަތްކުރި މީހެއް!
އެ ނަން އެންސީއޭގައި ރަޖިސްޓްރީކުރި މީހަކީ ކާކުކަން ނަހުލާ ބުނާ ގޮތުން ނަމަ އޭނާ އަށް އެނގެ އެވެ. އެއީ ކާކުތޯ ސުވާލުކޮށްލުމުން ނަހުލާ ނަމެއް ނުބުންޏެވެ. ނަމަވެސް އޭނާ ބުނީ މިހެންނެވެ.
"އެއީ ފޯފޯ ޓޫ ސިކްސްގައި، ސެޓް ހަދަން، ބަންގާޅީ މީހުން ބަލަހައްޓަން ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތްކުރުވަން އަޅުގަނޑު ގެނެސްފައި ހުރި ފިލްމީ ދާއިރާގެ މީހެއް. އެކަމަކު އެއީ ފިލްމުގައި ވެސް އަސްލު އެ މަސައްކަތް ކުރި މީހެއް ވެސް ނޫން،" ފޯނުން ވާހަކަ ދައްކަމުން ނަހުލާ ބުންޏެވެ.
"ސްޓަންޓަކަށްވުރެ މިކަން ކުރީ ކާކުކަން ފަޅާ މިއަރަނީ ދޯ. ސްޓަންޓެކޭ ކިޔުމުގެ ބޭނުމެއް ނެތް މިހާރަކު."
ނަހުލާގެ ވާހަކަ ނިންމާލީ މިހެންނެވެ. އެކަމަކު އަދިވެސް މި "ޑްރާމާއެއް" ހަގީގަތުގައި ނުނިމެ އެވެ.
ނަހުލާގެ "ބީ" ގެ ނަން ނެގި މީހަކާއި އެ ބައެއްގެ މަގުސަދަކީ ކޮބައިކަމެއް ވެސް ނޭނގެ އެވެ. އަދި ނަހުލާ ޖެއްސީ ސްޓަންޓެެއް ނޫންކަން ވެސް ކަށަވަރެއް ނުވެ އެވެ.
އެކަމަކު ޔަގީންވާ އެއް ކަމެއް އެބައޮތެވެ. މި "ބީއެއް" ނެގި މައްސަލަގަނޑެއް ހިލިގެން ގޮސް ނަހުލާގެ މި ފިލްމުގެ ޕްރޮމޯޝަން ފަޒާއަށް އަރައިފި ކަމެވެ. އޭނާ ބުނަނީ މިހާރު ވެސް ޕްރިމިއާ ނައިޓްގެ ޝޯ އެއްކޮށް ހައުސްފުލްވެފައިވާ ކަމަށެވެ.
ފިލްމުގެ ޝޫޓިން އަދި ނުވެސް ފަށަ އެވެ.
އެހެންވީމަ، ދުވަސްކޮޅަކަށް "ބީ" އަތުން ބީވެގެން ދިއުމުން ނަހުލާއަށް ވީ ގެއްލުމެއް ހަގީގަތުގައި ނެތެވެ.