ލައިފްސްޓައިލް

ތައްޔާރީ މަހުގެ ނުރައްކާ ނޭވާހިއްލާ މީހުންނަށް ވަރަށް ބޮޑު

Dec 21, 2016

ނޭވާހިއްލުމުގެ ސިއްހީ މައްސަލައާ އެކު ދިރިއުޅެމުން އަންނަ މީހަކު ތައްޔާރީ މަހުގެ ބާވަތްތައް ނެގުމަކީ އެމީހެއްގެ ހާލު އިތުރަށް ގޯސްވެ އެހެން ސިއްހީ ނުރައްކާތަކަށް ހުށަހެޅިދާނެ ކަމެއް ކަމުގެ އިންޒާރު ސައިންސްވެރިން ދީފި އެވެ.

ނޭވާލުމުގެ ނިޒާމާ ގުޅޭ ސިއްހީ މައުލޫމާތާއި ދިރާސާތަކަށް އެންމެ މަޝްހޫރު އެއް ޖާނަލް ކަމުގައިވާ ތޮރެކްސްގައި މިއަދު ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނެފައި ވަނީ ނޭވާހިއްލުން ހުންނަ މީހަކު ހަފުތާއެއްގެ މައްޗަށް ތައްޔާރީ ކާނާ ނަގާ މިންވަރު ހަތަރު ކެއުމަކަށް މަދުކުރަން މަޖުބޫރު ކަމަށެވެ. ހަފުތާއަކު އެއަށް ވުރެ ގިނައިން ތައްޔާރީ މަހުގެ ބާވަތްތައް ނަގާ ނަމަ ސިއްހަތަށް އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

ތައްޔާރީ މަހުގެ ބާވަތްތަކުން ކެންސަރު ޖެހުމުގެ މަގު ފަހިވާ ކަމުގެ އިންޒާރު ވެސް ސައިންސްވެރިން ކުރިން ވަނީ ދީފަ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ސިއްހީގޮތުން ގެއްލުންދޭ މާއްދާއަކީ ތައްޔާރީ މަހުގެ ބާވަތްތައް ދިގު މުއްދަތަކަށް ހަލާކުނުވެ ހުންނާނެ ގޮތް ހެދުމަށް މި މަސްތައް ތައްޔާރުކުރުމުގެ މަރުހަލާގައި ބޭނުންކުރާ ނައިޓްރައިޓް އެވެ. ނައިޓްރައިޓް އަކީ ސޮސެޖާއި ސަލާމީ އަދި ހޭމް ފަދަ ތައްޔާރީ މަހުގެ ބާވަތްތަކުގައި ބޭނުންކުރަމުން އަންނަ މާއްދާއެކެވެ.

ތަޖުރިބާކާރުން ލަފާދޭ ގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެދޭ ނަމަ ތައްޔާރީ މަހުގެ ބާވަތްތައް ވީހާ ވެސް މަދުކުރަން ޖެހެ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 70 ގްރާމަށް ވުރެ ގިނަ ނޫން މިންވަރެއް ތައްޔާރީ މަހުގެ ބާވަތްތަކުން ނެގިދާނެ ކަމަށް ލަފާ ދެ އެވެ. އެއީ ގާތްގަނޑަކަށް ދެ ސޮސެޖުގެ މިންވަރެކެވެ.

ތައްޔާރީ މަހުގެ ބާވަތްތަކުން، ނޭވާހިއްލުމުގެ މައްސަލަ އިތުރަށް ގޯސްކޮށްދޭކަން އެނގިފައި ވަނީ 2003 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ފްރާންސްގައި ގާތްގަނޑަކަށް އެއް ހާސް މީހުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއަކުންނެވެ. މި ދިރާސާގައި ބޭނުންކުރި މީހުންގެ ތެރެއިން ދެބައި ކުޅަ އެއްބައި މީހުންނަކީ ނޭވާހިއްލާ ބަލި ހުންނަ މީހުންނެވެ.

ދިރާސާއިން އެނގުނު ގޮތުގައި، ގަވާއިދުން ތައްޔާރީ މަހުގެ ބާވަތްތައް ނެގި، ނޭވާ ހިއްލާ މީހުންގެ ސިއްހީ މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.