ދިވެހި ސިނަމާ

މުއާ އެވޯޑަކަށް ވާދަ ކުރުމަކީ މައްސަލައެއްތަ؟

ފިލްމީ ދާއިރާގައި ރަސްމީކޮށް މަސައްކަތް ކުރިއިރު އަބްދުﷲ މުއާޒު ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން މުއާ އަކީ ވަރަށް ވެސް ބުރަކޮށް އެ ދާއިރާގައި މަސައްކަތްކުރި ހުނަރުވެރިއެކެވެ. މިއަދު އޭނާގެ ރަސްމީ މަގާމު އޮތީ ފިލްމީ ދާއިރާއަކު ނޫނެވެ.

މިއަދު އޭނާ އަކީ ދިވެހި ސިނަމާގެ މައި ބެލެނިވެރިޔާ ނެޝެނަލް ސެންޓަ ފޯ ދި އާޓްސްގެ މުހިންމު ކޯޑިނޭޓަރެކެވެ. އެކަމަކު މިއަދު ވެސް ފިލްމީ ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް އޭނާއަށްވުރެ ބުރަކޮށް މަސައްކަތް ކުރައްވަ އެވެ. އޭރު ވެސް އަދި މިހާރު ވެސް މުއާ ހުންނެވީ ފިލްމީ ދާއިރާގެ އެންމެ ވަފާތެރި އެއް ލޯބިވެރިޔާގެ ގޮތުގަ އެވެ.

ނަމަވެސް ކުޑަކުޑަ މައްސަލައެއް ދިމާވެއްޖެއެވެ. ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރަކަށް އޭނާ ނޮމިނޭޓްވެ ވަޑައިގެންނެވި ހިސާބުންނެވެ. ސުވާލަކީ މިއީ އެވެ؛ މޮޅު ޕާފޯމެންސަކާއެކު އޭނާ ފިލްމު އިނގިލިން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ވާދަ ކުރެއްވުމަކީ މައްސަލައެއް ހެއްޔެވެ؟

ފިލްމީ ދާއިރާގެ ބައެއް މީހުން އެކަން މައްސަލައަކަށްވިޔަސް މުއާ ވިދާޅުވަނީ އެއީ މައްސަލައަކަށް ހަދަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އެކަމަކު މުއާ، މުއާ އަށް ވީމަ ބަޔަކު މީހުން ވާހަކަތަކެއް ދައްކަނީ ކަމަށެވެ.

"ދައްކަން ހުރި ވާހަކަތައް ވަރަށް ގިނަ. އެކަމަކު ވަރަށް ކުރުކޮށް އަޅުގަނޑު ނިންމާލާނީ. މިދިޔަ އަހަރު ބޭއްވި ނެޝެނަލް އެވޯޑްސް ގެނައުމުގައި އިސްކޮށް މަސައްކަތްކުރީ އަޅުގަނޑު އަދި އެފަހަރު ވެސް އަޅުގަނޑު ސަޕޯޓިން އެކްޓަރަކަށް ނޮމިނޭޓްވެ ފިލްމު ނިއުމާ އިން އެވޯޑް ވެސް ލިބުނު،" މުއާ ވިދާޅުވި އެވެ.

"އެ ދުވަހު މުއާޒުގެ ވާހަކައެއް ނުދައްކާ، އެވޯޑަށް ވާދަކުރިޔަސް، އެވޯޑް ލިބުނަސް މައްސަލައަކަށް ނުވިޔޭ އެ ދުވަހު. މިދިޔަ އަހަރު ވެސް ހުރިހާ ކަމެއް ކުރީ އަޅުގަނޑޭ. ކަންދިމާކުރި ގޮތުން އެ ހުރިހާ ކަމެއް ނިމި އެ ހަފުލާގެ 10 ދުވަސް ކުދިން އެފަހަރު އަޅުގަނޑުގެ މަގާމު ގެއްލުނީ،"

މި މޭރުމުން ވާހަކަ ދެއްކެވުމަށް ފަހު މުއާ ކުރެއްވީ ސުވާލެކެވެ.

"ކުރިން މައްސަލައަކަށް ނުވެ މިއަދު މައްސަލައަކަށްވުން މިއީ ކިހިނެތްވާ ކަމެއް ހެއްޔެވެ؟"

"އަޅުގަނޑު ވީމަ މިކަން މައްސަލައަކަށް ހެދުން މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން. ބަލަ އަޅުގަނޑޭ ރާއްޖޭގައި އަލަށް އޮޑިޓް ފާމެއް ބޭނުންކޮށްގެން ވެސް ގައުމީ އެވޯޑްސް ގެނައީ. ކޮބާ އެ ވާހަކަ؟"

މުއާ ވިދާޅުވީ އޭނާ ފިލްމީ ދާއިރާގެ ހައްގުގައި ކުރަމުންދާ މަސައްކަތް ދާއިރާގެ މީހުން ބަލައިގަންނަން ޖެހޭނެ ކަމަށާއި އެ މަސައްކަތް ކޮންމެވެސް ވަރަކަށް އަގުވަޒަންކުރަން ޖެހޭނެ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މުއާ ވަނީ މިފަހަރުގެ ފަނޑިޔާރުންނަށް އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ވެސް ރައްދު ދެއްވައިފަ އެވެ. މުއާ ވިދާޅުވީ މިފަހަރުގެ ބައެއް ޖަޖުންނަކީ ކުރިން ވެސް މަސައްކަތްކުރެއްވި ބޭފުޅުން ކަމަށާއި އޭގެ ތެރޭގައި އެކުވެރިން ހިމެނުން މައްސަލައެއް ކަމަށް ނުބަލާ ކަމަށެވެ.

މުއާގެ މި ހިދުމަތްތެރިކަމަށް އަދި ވަފާތެރިކަމަށް ތައުރީފު އޮއްސަން ފިލްމީ ދާއިރާ އިން މަދު ބަޔަކު ބޭނުންނުވިޔަސް އޭނާގެ މަސައްކަތް ބަލައިގެން ނިކަން ބާރަށް އަތްޖަހަމުން ގެންދާ ބަޔަކު ތިބިކަން ވެސް ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަދި މިރޭގެ ގައުމީ ފިލްމު އެވޯޑްސް ހަފުލާ މުއާ އަށް ހާއްސަވަނީ ހަމައެކަނި އޭނާ އެވޯޑަކަށް ނޮމިނޭޓްވެފައިވާތީކީއެއް ވެސް ނޫނެވެ.