ކަނޑުމަތީގެ ހާދިސާ

ދެ ޑިންގީޖެހި ބަޔަކަށް އަނިޔާވެއްޖެ

Dec 21, 2016

ބ. ގޮއިދޫ އާއި ފެހެންދޫ ދެމެދުދަތުރު ކުރި ދެ ޑިންގީ ޖެހި ބަޔަކަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

ގޮއިދޫ ކައުންސިލް މެންބަރު އިބްރާހިމް އިލްޔާސް "އަވަސް" އަށް ވިދާޅުވީ އެ ހާދިސާ ހިނގި އިރު އެއް ޑީނގީގައި ތިބީ ދެ ފަތުރުވެރިން ކަމަށާއި އަނެއް ޑީނގީގައި ތިބީ ދިވެހިން ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"އެއް ޑިންގީއެއީ ފަތުރުވެރިން ގޮވައިގެން އަނެއް ޑިންގީގައި ދިޔައީ ވެލި ބަރުކޮގެން. މި ހާދިސާ ހިނގީ ފަޅު ތެރޭގަ. ބޭރުފުށުން އެހާ ބޮޑު އަނިޔާއެއް އެމީހުންނަށް ލިބިފައެއް ނެތް،" ކައުންސިލަރު ވިދާޅުވި އެވެ.

އެ ރަށު ސިއްހީ މަރުކަޒުން ބުނީ ހަތަރު ފިރިހެނަކަށް ފަރުވާ ދެމުން އަންނަ ކަމަށާއި އަދި ބައެއް މީހުންނަށް ސީރިޔަސް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އެ މަރުކަޒަކުން ނުދެއެވެ.