ލައިފްސްޓައިލް

ބޭސް ގުޅަތައް ދޫކޮށްލާ، މިއޮތީ ހައްލު!

Dec 22, 2016

ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެންމެން ވެސް ބޭނުންވެ އެވެ. ނަމަވެސް ކިރިޔާ ބޮލުގައި ނުވަތަ ބަނޑުގައި ރިއްސާލާއިރަށް ވެސް ކާލެވޭނީ ކޮންމެ ވެސް ކަހަލަ ޕެއިން ކިލާ ބޭސް ގުޅައެކެވެ. މިއީ ބައެއް މީހުންގެ ކަށީގައި ވަރަށް ބޮޑަށް ހިފާފައި ހުންނަ އާދަ އެކެވެ. އަވަހަށް ތި އާދަ ދޫކޮށްލާށެވެ. ސަބަބަކީ ބޭހަކީ ވަގުތީ ގޮތުން މައްސަލަ އަށް ހައްލު ހޯދައިދޭނެ އެއްޗެކެވެ. ތި ކާ ބޭސްތަކުގެ ބަދަލުގައި ހަށިގަނޑަށް ފައިދާ ހުރި ކާނާ ބޭނުން ކުރާށެވެ.

ނިއުޓްރިޝަނިސްޓެއް ކަމަށްވާ ސުޖެތާ ޝެޓީ ވިދާޅުވެފައިވަނީ ނިއުޓްރިއަންޓްސް އާއި ވިޓަމިންސް އަދި މިނަރަލްސް ހިމެނޭ ތަރުކާރީ އާއި މޭވާ ގަވައިދުން ބޭނުން ކުރާނަމަ ހަށިގަނޑު ބޭހާއި ދުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކެއުމުގައި ހިމަނަންޖެހޭ ސިއްހަތަށް ފައިދާ ހުރި ބައެއް ކާނާ އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

ބްލެކް ބީންސް

މިއީ ސިއްހަތު ރަނގަޅު ހިތެއް ބޭނުންނަމަ ކޮންމެ ހެން ވެސް ބޭނުން ކުރުން ވަރަށް މުހިންމު އެއްޗެކެވެ. ބްލެކް ބީންސްގައި ގިނަ އަދަދަކަށް ފެޓް، ފައިބާ، މިނަރަލްސް، ވިޓަމިންސް، އެންޓިއޮކްސިޑަންޓްސް އަދި ޕްރޮޓިންސް ހިމެނެ އެވެ. ބްލެކް ބީންސް ބޭނުން ކުރާނަމަ ހިތަށް ނުރައްކާވާ ކޮލެސްޓްރޯލް ލެވެލް ދަށްކޮދެ އެވެ. އަދި ހިތުގެ މަސައްކަތް ވަރުގަދަކޮށް އިތުރުކޮށްދިނުމަށް ވެސް ބްލެކް ބީންސް އެހީތެރިވެދެ އެވެ.

ކައްޓަލަ

ފަލަމަޑީގެ އާއިލާއަށް ނިސްބަތްވާ ކައްޓަލައަކީ ނިއުޓްރިއަންޓްސް ޕެކެކެވެ. ކައްޓަލައިގެ އެތެރޭގެ އިތުރުން ތޮށިގަނޑުގެ ބޭރުގައި ވެސް ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްސް ހިމެނެ އެވެ. މީގެ އިތުރުން ވެސް ހަށިގަނޑަށް ބޭނުންވާ އެތައް ބައިވަރު ނިއުޓްރިއަންޓްސް އެއް ކައްޓަލައިގަ ހިމެނެ އެވެ. ބަރުދަން ލުއި ކުރަން ޑައިޓް ކުރާ ފަރާތްތަކުން، ޑައިޓް ތަކުގައި ކައްޓަލަ ހިމެނުމަކީ ޑައިޓަށް އިތުރުފައިދާ ތަކެއް ކުރާނެ ކަމެއްކަން ޔަގީނެވެ.

ބިސް

ބިހަކީ ހަށިގަނޑުގެ ބަރުދަން އިތުރުވިޔަނުދީ ބެލެންސްކޮށް ދިނުމުގެ އިތުރުން ހަށިގަނޑު ވިހަ މާއްދަކުން ދުރުކޮށްދިނުމަށް ވެސް އެހީވެދޭ އެއްޗެކެވެ. އަދި ދުވާލަކު މަދުވެގެން ދެ ބިސް ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. ބިހުގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭއިރު، ވިޓަމިން އޭ، ބީ ސިކްސް، ޑީ، ކޭ، އީ، އަދި ވިޓަމިންސް އާއި މިނިރަލްސްގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ގިނަ ވިޓަމިންސް ތަކެއް ވެސް ހިމެނެ އެވެ.

ދޮންކެޔޮ

މިއީ އަހަރެމެން އެންމެ އާންމުކޮށް ފަސޭހައިން ކާލުމަށް ބޭނުންކުރާ އެއް މޭވާ އެވެ. ގިނަ އަދަދަކަށް ޕޮޓޭސިއަމް ހިމެނޭ ދޮންކޭލަކީ ބަނޑު ހަރުވުން ފަދަ މައްސަލަތަކުން ދުރުކޮށްދޭ އެއްޗެކެވެ. އަދި ހިތުގެ މައްސަލަތަކާ ވެސް ދުރުކޮށްދެ އެވެ.

ބީޓް ރޫޓް

ބީޓް ރޫޓަކީ ހަށިގަނޑުގައި ހުންނަ ވިހަތައް ސާފުކޮށްދިނުމުގެ އިތުރުން ކެންސަރު ޖެހުމާއި ދުރުކޮށްދޭ ތަރުކާރީ އެކެވެ. ބީޓްރޫޓްގައި ގިނަ އަދަދަކަށް ފައިބާ އާއި މިނަރަލްސްގެ އިތުރުން މެގްނީސިއަމް، ޕޮޓޭސިއަމް އަދި ވިޓަމިންސީ ހިމެނެ އެވެ.

ޔޯގަޓް

މިއީ ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާ ހިމެނޭ އަނގަޔަށް މީރު އެކައްޗެވެ. ޔޯގަޓަކީ ހަށިގަނޑުގެ ހަޖަމުގެ ނިޒާމު ފަސޭ ހަކޮށްދިނުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކޮށް ލޭގެ ޕްރެޝަރު ހިފަހައްޓައި ދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.

މި އެއްޗެހީގެ އިތުރުން އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް ސްޕިނިޗް، ތަފާތު ވައްތަރުގެ ނަޓްސް، ހާއްސަކޮށް އަލްމަންޑް، ވޯލްނަޓަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗިއްސެވެ. އަދި މުގުގެ ބާއްވަތްތައް ބޭނުން ކުރުމަކީ ވެސް މީހާ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭ ކާނާ ތަކެވެ.