ވިޔަފާރި

މިއަހަރު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވެއްޖެ

Dec 22, 2016
1

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަށް ވުރެ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ މި އަހަރަކީ އެކި ގޮތް ގޮތުން ދުނިޔޭގެ ޓޫރިޒަމަށް ގިނަ ގޮންޖެހުންތައް ހުރި އަހަރެއް ނަމަވެސް، މި އަހަރު ޒިޔާރަތް ކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިމަހުގެ ނިޔަލަށް ބެލިނަމަވެސް އިތުރުވެފައިވާ ކަމަށެވެ.

"މި އަހަރާއި މިދިޔަ އަހަރުގެ ކުރީކޮޅު ދަތިތަކެއް ކުރިމަތިވި. ޔޫރަޕްގައި ވެސް ޓެރެރިޒަމްގެ އެތައް ގިނަ މައްސަލަ ތަކެއް ދިޔަ. މިޑުލް އީސްޓް [މެދުއިރު މަތީގައި] ހިނގާ ހަނގުރާމައިގެ އިމްޕެކްޓް ވެސް އައި. މީގެ އިތުރުން ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ކުރެވުނު މަސައްކަތްތައްތަކާ އަސްލުގައި އުނގަދޫ އަހަރެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މި ގޮތުން ޖެހުންތައް ހުރި ނަމަވެސް މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ޒިޔާރަތް ކުރި ޓޫރިސްޓުނަށްވުރެ އިތުރުވެފައިވާ ކަމަށެވެ.

"މި އަހަރުގެ އާލީ ޑިސެމްބަރު [ޑިސެމްބަރު ކުރީކޮޅު] މިވަނީ މިދިޔަ އަހަރަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފި ރާއްޖެ އަަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީ އާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން މި އަހަރު ވެސް ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. މިގޮތުން މި އަހަރު ރާއްޖެ އިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާކަމަށްވާ އައިޓީބީ ބާލިންގެ ފެއާގެ ހޮސްޓް ކަންޓްރީއެއްގެ ގޮތުގައި ބައިވެރިވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ މި އަހަރު 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށް އަންދާޒާ ކޮށްފަ އެވެ.