ލައިފްސްޓައިލް

2016 ގައި ނަން ހިނގި ބޮޑެތި ވަރިތައް!

Dec 31, 2016

ލޯބީގެ ކަނޑަށް ބެހިގެންގޮސް ޖަޒުބާތު މުޅި ސޯޝަލް މީޑިއަށް އޮއްސާލައިގެން ލޯބީގެ މާތައް ފޮޅުވަމުން ދިޔަ ނަމަވެސް ހުރިހާ ލޯތްބަކީ ދާއިމަށް ދެމި އޮންނަ ލޯތްބަށް ނުވެދާނެ އެވެ. މާމުއި ހަނދުގެ ދުވަސްތައް ނުނިމެނީސް ކެހިދީފައި ފިލާވެސް ފާނެ އެވެ. އެއްކޮށް އެތަށް އަހަރެއް ވޭތުކޮށްފައި ވެސް ވަކިވެދާނެ އެވެ.

މިދިޔަ 2016 ވަނަ އަހަރަކީ ވެސް އެފަދަ އެތަށް މަލެއް ފޮޅުވުމަށްފަހު ވަރިއާ ހަމައަށް އެތަށް ބަޔަކު ދިޔަ އަހަރެކެވެ. އޭގެތެރެއިން ވެސް ފާހަގަކޮށްލެވޭ މިލިއަން ޑޮލަރުގެ އަގުބޮޑެތި ވަރިތަކެއް އެބަހުއްޓެވެ. ހާއްސަކޮށް ހޮލީވުޑްގެ ވަރިތައް ފާހަގަކޮށްލެވެ އެވެ.

ލީވް ޝްރައިބާ އަދި ނޯމީ ވޮޓްސް

ލޯބި ލޯބިން 11 އަހަރު އުޅުމަށްފަހު މި ދެމީހުން ވަރިވެފައިވަނީ ސެޕްޓެމްބަރ 26 ވަނަ ދުވަހު އެވެ. ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. މިދެމީހުންނަށް ވަރިވިގެން މުދާ ބެހިއިރު ކޮންމެ މީހަކަށް 13 މިލިއަން ޑޮލަރު ލިބިފައިވެ އެވެެ. ވަރިވިކަން އިއުލާންކޮށް ނެރެފައިވާ ސްޓޭޓްމަންޓްގައި ލެއިވް އަދި ނޯމީ ބުނެފައިވަނީ މިއީ އެންމެ ރަނގަޅުގޮތް ކަމަށް ފެންނާތީ ދެމީހުން ވެސް ވަކިވާން ނިންމީ ކަމަށެވެ.

ޓޯބީ މެގުއާ އަދި ޖެނިފާ މެޔާސް

ސްޕައިޑަ މޭން އިން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޓޯބީ އާއި އޭނާގެ ގަހަނާ ޑިޒައިން ކުރާ އަނބިމީހާ ޖެނިފާއާ ބައްދަލުވެ ޑޭޓް ކުރަން ފަށާފައިވަނީ 2003 ވަނަ އަހަރު އެވެ. އަދި މިދެ މީހުން ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރެވެ. ކައިވެންޏަށް ނުވަ އަހަރުވީ އިރު، ދެ ކުދިން ލިބިފައިވެ އެވެ. އެއީ ރޫބީ 9، އާއި އޯޓިސް 7، އެވެ. މި ދެމީހުން ވަރިވެފައިވަނީ އޮކްޓޯބަރ 18 ވަނަ ދުވަހު އެވެ.

ބްރެޑް ޕިޓް އަދި އެންޖެލީނާ ޖޯލީ

މިއީ މިއަހަރު އެންމެ ބާރަށް ދެކެވުނު ވަރީގެ ވާހަކަ އެވެ. ބްރެންޖެލީނާގެ ނަމުން މަޝްހޫރުވެފައިވާ ހޮލީވުޑްގެ އޭލިސްޓް ކަޕްލް ވަރިވެފައިވަނީ ސެޕްޓެމްބަރ 20 ވަނަ ދުވަހު އެވެ. 2004 ވަނަ އަހަރުން ފެށިގެން ޑޭޓް ކުރަން ފެށި ބްރެންޖެލީނާގެ ޖޯޑު ކައިވެނި ކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. ވަރިވިއިރު އެ ދެމީހުންގެ ހަ ކުދިން ތިއްބެވެ. އެއީ އެޑޮޕްޓްކޮށްފައިވާ ތިން ކުދިން ލައިގެންނެވެ. ވަރިކުރުމުން ޕްރިނަޕްގެ ދަށުން އެންޖެލީނާ އަށް 130 މިލިއަން ޑޮލަރު އަދި ބްރެޑް ޕިޓަށް 200 މިލިއަން ޑޮލަރު ލިބެ އެވެ. މިއީ އެ ދެމީހުންގެ ނަންމަތީގައި ހުރި ގެތަށް ނުލައި ލިބޭނެ ވަރެވެ.

ޖޯނީ ޑެޕް އަދި އެމްބާ ހާޑް

"ދި ރަމް ޑައަރީސް" ސެޓުން ލޯބީގެ މާތަށް ފޮޅުވަން ފެށި ޖޯނީ ޑެޕާއި އެމްބާ 14 އަހަރު އެއްކޮށް އުޅުމަށްފަހު ވަރިވިކަން އިއުލާންކޮށްފައިވަނީ އޮގަސްޓް 16 ވަނަ ދުވަހު އެވެ. ޖޮނީ ޑެޕްގެ ފަރާތުން އެމްބާ އަށް އަނިޔާ ކުރާ މައްސަލަ އާއި ގުޅިގެން ދެމީހުން ވަރިވިއިރު ދަރިއަކު ނެތެވެ. ޕައިރޭޓްސް އޮފް ދި ކެރީބިއަންގެ ތަރި ޖޯނީ ޑެޕް އާއި އެމްބާ 2015 އަހަރުގެ ފެބްރުއަރީ މަހު ކައިވެނި ކުރި އިރު ޕްރި ނަޕް އެގްރިމެންޓް ހަދާފައެއްނުވެ އެވެ. ނަމަވެސް އެމްބާ ވަނީ ވަރިއަށްފަހު 23 މިލިއަން ޑޮލަރު ހޯދަން ޑެޕް އާއި ދެކޮޅަށް ދައުވާ ކޮށްފަ އެވެ.

މާކް އެންތަނީ އަދި ޝެނޮން ދި ލިމާ

މަޝްހޫރު ލަވަކިޔުންތެރިޔާ މާކް އެންތަނީ އާއި ވެނެޒުއޭލާގެ މޮޑެލް ޝެނޮންގެ ވަރިއަކީ ވެސް 2016 ވަނަ ފާހަގަކޮށްލެވޭ މަޝްހޫރު ވަރި އެކެވެ. 2014 ވަނަ ކައިވެނި ކުރި މި ދެމީހުން އޭގެ ދެއަހަރު ފަހުން ޑިސެމްބަރު މަހު ވަރިވެފައިވަނީ 17 ވަނަ އެނުއަލް ލެޓިން އެވޯޑް ހަފްލާގައި މާކް އެންތަނީގެ ކުރީގެ ލޯބިވެރިޔާ ޖެނިފާ ލޮޕޭޒް އާއި ދެމީހުން މާ ގައިގޯޅިކޮށް އުޅުނު މައްސަލައާއި ގުޅިގެން ކަމަށް މީޑިއާ ރިޕޯޓް ތަކުގައި ބުނެފައިވެ އެވެ. ޝެނޮންގެ ކުރިން މާކް އެންތަނީ ވަނީ ދެ ކައިވެންޏެއް ކޮށްފަ އެވެ. އެ ކައިވެނިތަކަށް ފަސް ކުދިން ލިބިފައިވެ އެވެ.

ކްލޯއި ކާޑޭޝިއަން އަދި ލަމަރ

ކާޑޭޝިއަން އާއިލާގެ މެމްބަރުންނަކީ އަބަދުވެސް މީޑިއާ ތަކުގެ ސުރުޚީ ތަކުން ޖާގަ ހޯދުމަށް ކެއްމަދުވެފައިތިބޭ ބައެކެވެ. އެގޮތުން 2016 ވަނަ އަހަރު ވެސް އެއާއިލާގެ ތެރެއިން ވަރިއެއް ވަނީ ފެންމަތިވެފަ އެވެ. ކްލޯއީ އާއި އޭނާގެ ފިރިމީހާ ނެޓްބޯޅަ ކުޅުންތެރިޔާ ލަމަރ ރަސްމީކޮށް ވަރިވެފައިވަނީ ޑިސެމްބަރ ނުވަ ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން ވެސް ކްލޯއީ ވަނީ ވަރިވާން މަސައްކަތްކޮށްފަ އެވެ.