ބޮލީވުޑް

ސައިފް އާއި ކަރީނާ ދަރިފުޅާއެކު ފެނިލައިފި

Dec 24, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު އަލަތު ދަރިފުޅު އަންގާރަ ދުވަހު ވިހެއުމައްފަހު އިއްޔެގެ މެންދުރުގެ ވަގުތެއްގައި ވަނީ ތުއްތު ތައިމޫރް އަލީ ޚާން ޕަތައުޑީ ގޮވައިގެން ގެއަށް ގޮސްފަ އެވެ.

ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އަންގާރަ ދުވަހުގެ ހެނދުނު 7:30 ހާއިރު ކަރީނާ ވިހާފައިވާއިރު، އޭނާގެ ދަރިފުޅުގެ ފޮޓޯއެއް ފެންނާނެ އިރަކަށް އެތައް ބަޔަކު އައީ އިންތިޒާރުކުރަމުންނެވެ.

ކަރިނާގެ އަތުތެރޭގައި ތުއްތު ތައިމޫރު އޮތް ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވާނެ ފެށުމާއެކު އޭނާ އާއި ސައިފް އަލީ ޚާން ނެރުނު ސްޓޭޓްމަންޓެއްގައި ވަނީ ދައުރުވަމުންދާ ފޮޓޯ އަކީ ތައިމޫރްގެ ފޮޓޯއެއް ނޫންކަމަށް ބުނެފަ އެވެ.

ނަމަވެސް އިިއްޔެ ހޮސްޕިޓަލުން ދޫކޮށްލުމުން ދަރިފުޅި ގޮވައިގެން ކަރީނާ އާއި ސައިފް، ބަންދްރާގައި ހުންނަ އެމީހުންގެ އެޕާޓްމަންޓައް ވަނުމުގެ ކުރިން ވަނީ އެގޭ ދޮށަށް އެއްވެ ތިބި ނޫސްވެރިންނާއި ފޮޓޯގްރާފަރުންނަށް އެމީހުންގެ ތުއްތު ދަރިފުޅު ދައްކާލާފަ އެވެ. އެ ދެތަރިން ތައިމޫރް އާއެކު ފޮޓޯ އަށް ހުއްޓި، ފޮޓޯ ނަގާފައިވާއިރު، މީގެކުރިން ކަރީނާ އާއި ތައިމޫރްގެ ދައުރުވަމުން އައި ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއް ވަނީ އެނގިގެން ގޮސްފަ އެވެ.

ތައިމޫރް އުރައިގެން ސައިފް ހުރި އިރު، ކަރީނާ އޭނާ ކައިރީގައި މަޑުކޮށްލައިގެން ހުރިއިރު ދެތަރިން ވަނީ ނޫސްވެރިންނަށް ހަނާ ވެސް އަޅާފަ އެވެ.

ބަނޑުބޮޑުއިރު ވެސް ކަރީނާ ވަރަށް ހަރަކާތްތެރިކޮށް ފެނިގެން ގޮސްފައިވާއިރު، އޭނާ ވަނީ ބަނޑުބޮޑުވެ، ދަރިން ލިބުމަކީ ކެރިއަރު ހުއްޓާލަން ޖެހޭވަރުގެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ. އިއްޔެ ދަރިފުޅު ގޮވައިގެން ގެއަށް އެނބުރި ދިޔައިރު ވެސް ކަރީނާގެ އަދިވެސް ބޮޑު ބަނޑެއް ހުރިއިރު، އެ ފޮރުވާކަށް އޭނާ މާބޮޑު މަސައްކަތެއް ވެސް ނުކުރެ އެވެ.

ގާތްގަނޑަކަށް ހަތަރު އަހަރެއްހާ ދުވަހު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ކަރީނާ އާއި ސައިފް ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ކައިވެންޏަށް ހަތަރު އަހަރުވީ ފަހުން ކަރީނާ އާއި ސައިފް އަށް ކުއްޖަކު ލިބުނުއިރު، މީގެކުރިން ކައިވެންޏެއްކޮށް ސައިފް އަށް ވަނީ ސާރާ އާއި އިބްރާހީމް ކިޔާ ދެކުދިން ލިބިފަ އެވެ.

މިއަހަރުގެ މެދުތެރޭގައި ނިކުތް "އުޅްތާ ޕަންޖާބް" އިން ފެނިގެން ގޮސްފައިވާ ކަރީނާ ދެން އެންމެ އަވަހަށް ކުޅޭނެ ފިލްމަކީ އަންނަ އެޕްރީލްގައި ޝޫޓިން ފަށާ "ވީރް ދި ވެޑިން" އެވެ.

ކަރީނާ އާއި ސައިފް އެމީހުން ދަރިފުޅަށް ތައިމޫރުގެ ނަމުން ނަން ދިނުމާއެކު ޓްވިޓާގައި އިންޑިއާ މީހުން ހީވީ ކެކި އަރައިގަތް ހެންނެވެ. ބައެއް މީހުން ވަނީ ޓާކް-މޮންގޯލްގެ އަނިޔާވެރި ވެރިއެއްގެ ގޮތުގައި ހުރި މީހާގެ ނަމަކީ ވެސް އެ ނަމަށް ވުމުން، އެފަދަ އަނިޔާވެރި ގިނަބަޔަކު އެއްވެސް ހައްގަކާ ނުލާ މަރާފައިވާ މީހެއްގެ ނަމުން ދަރިފުޅަށް ނަން ކިޔުމުން ސައިފް އާއި ކަރިނާ އަށް ފާޑުކިޔާފަ އެވެ.

ނަމަވެސް ބައެއް މީހުން ވަނީ ތައިމޫރު އެ ނަމަކީ ސައިފްމެންގެ ޝާހީ އާއިލާއާ ވަރަށް ގުޅޭ ރީތި ނަމެއް ކަމަށް ބުނެފަ އެވެ. އަދި ކަރީނާގެ ބޮޑުބޭބެ، އެކްޓަރު ރިޝީ ކަޕޫރު ވެސް ވަނީ ކަރީނާ އާއި ސައިފް އެމީހުންގެ ދަރިފުޅަށް ތައިމޫރްގެ ނަނުން ނަން ދިނުމުން ފާޑުކިޔަން ނުޖެހޭނެ ކަމަށް ބުނެފަ އެވެ.