ވިޔަފާރި

ގިނަ ކުދިންތަކަކާއެކު އޭޑީކޭ "ރަންދޫނި" ހަވީރު ބާއްވައިފި

Dec 23, 2016

ކުޑަކުދިންނަށް ހާއްސަކޮށް އޭޑީކޭ ޖެނަރަލް ޓްރޭޑިންއިން ތައާރަފްކުރި "ރަންދޫނި" ބްރޭންޑްގެ ދަށުން ފުރަތަމަ ހަރަކާތް މިއަދު އާޓިފިޝަލް ބީޗްގައި ބާއްވައިފި އެވެ. މި ބްރޭންޑަކީ ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ހިންގުމަށް ތައާރަފްކުރި ބްރޭންޑެކެވެ. މިއަދު ހަވީރު އާޓިފިޝަލް ބީޗްގައި ބޭއްވީ ކުޑަކުދިންގެ ހަވީރެކެވެ.

"ރަންދޫނި ކުޑަކުދިންގެ ހަވީރު" ގެ ނަމުގައި ކުރިއަށް ދިޔަ މި ހަރަކާތުގައި ގިނަ ކުޑަ ކުދިންތަކެއް ބައިވެރިވެފައިވެ އެވެ. މިއަދު ހަވީރު ހަތަރަކުން ހަޔަކަށް ކުރިއަށް ދިޔަ މި ހަވީރުގައި ކުޑަ ކުދިންނަށް ކުޅޭވޭނެ ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ކުޅިވަރުގައި ބައިވެރިވި ކުދިންނަށް ވަނީ ހަދިޔާ ދީފަ އެވެ.

ކުޅިވަރުތަކުގެ އިތުރުން ހަވީރަށް ގޮސް، ފޮޓޯއެއް ނަގައި، "ރަންދޫނި" ހޭޝްޓެގް ޖެހުމަށްފަހު ސޯޝަލް މީޑިއާގައި އެ ފޮޓޯ ޕޯސްޓްކުރި ކުދިންނަށް ވެސް ވަނީ ހަދިޔާ ދީފަ އެވެ. އަދި ލަވަ އާއި މަދަހަ އަދި ގުރުއާން ކިޔަވައިގެން ކުދިން ވަނީ ހަވީރުގައި ހަދިޔާ ހޯދާފަ އެވެ.

މީގެއިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއެކު ކުދިންނަށް ދުވުމުގެ ފުރުސަތު ވެސް މި ހަރަކާތުގެ ތެރޭގައި ވަނީ ދީފަ އެވެ.

ހަވީރުގައި އޭޑީކޭއިން ވިއްކާ ބްރޭންޑްތަކުގެ ތަކެތި ގަންނަން ވެސް ލިބެން ހުއްޓެވެ. އަދި ކޮންމެ އެއްޗަކުން ވެސް 20 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ވަނީ ދީފަ އެވެ.

"ރަންދޫނި" ބްރޭންޑްގެ ދަށުން ފުރަތަމަ ހަރަކާތް މިއަދު ބާއްވާފައިވާއިރު ކުރިއަށް ވެސް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ދަނީ ވިސްނަމުންނެވެ. އެގޮތުން އެ ބްރޭންޑްގެ ދަށުން އެވޯޑެއް ތައާރަފްކުރުމަށް ވެސް ވަނީ ވިސްނާފަ އެވެ. އޭގެ އިތުރަށް ތަފާތު އިވެންޓްތައް ވެސް ބާއްވާނެ އެވެ.

އޭޑީކޭއިން މިހާރު ވެސް ގެންދަނީ "ޑްރައިޕާސް މެގަޕެކް" ހާއްސަ ޕްރޮމޯޝަނެއް ހިންގަމުންނެވެ. އެ ޕްރޮމޯޝަން އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން ޑްރައިޕާސްގެ މެގަ ޕެކް ނެޕީ ޕެކެޓެއް ގަނެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް އެޕާޓްމަންޓަކާއި އިތުރު އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު އޭޑީކޭއިން ވަނީ ހުޅުވާލާފަ އެވެ.

އޭޑީކޭ ޖެނެރަލް ޓްރޭޑިން އަކީ ގިނަ ބްރޭންޑުތަކެއް ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ ފިހާރަ އެކެވެ. އެގޮތުން ޑްރައިޕާސް ބްރޭންޑުގެ ތަކެއްޗާއި މާސްޓަ ޝެފް ބްރޭންޑުގެ ބާސްމަތީ ހަނޑޫ ފާހަގަކޮށްލެވެ އެވެ. އޭގެ އިތުރަށް އައިމީ ނޫޑުލްސް އާއި ބޭޑް ލެބް ބްރޭންޑްގެ ތަކެއްޗާއި ޓްވިސްޓް ޖޫހާއި ލީގޯ ޗިޕްސް އަކީ އޭޑީކޭއިން ވިއްކާ މަގުބޫލު ތަކެއްޗެވެ.