ހަބަރު

މުޒާހަރާގައި ބައިވެރިވެގެން ދެ ކުންފުންޏެއްގެ މުވައްޒަފުންތަކެއް ވަކިކޮށްފި

ފެބުރުއަރީ 27 ވަނަ ދުވަހު ޖޭޕީ-އެމްޑީޕީ އިން ބޭއްވި މުޒާހަރާ އާއި އެމްޑީޕީން މިހާރު ހިންގާ މަގުމަތީގެ އެކި ހަރަކާތްތަކުގައި ބައިވެރިވި، ކަމުގެ ތުހުމަތުގައި ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.

ވަޒީފާއިން ވަކި ކުރި ބައެއް މީހުން އާންމު ކުރި ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައިވާ ގޮތުގައި އިއްޔެއިން ފެށިގެން އެ މީހުން ވަޒީފާއިން ވަކި ކުރީ، ވަޒީފާޔާ ބެހޭ ގާނޫނާ ހިލާފަށް އަމަލުކޮށްފައި ވާތީ އެވެ. އަދި ވަޒީފާއިން ވަކި ކުރި ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ އަސާސީ މުސާރަ ވަކިކުރި މުވައްޒަފުންނަށް ދޭނެ ކަމަށް ވެސް އެ ޗިޓްގައިވެ އެވެ.

އެނގިފައިވާ ގޮތުގައި ސްޓެލްކޯ އިން ވެސް 11 ވަރަކަށް މުވައްޒަފުން ވަކި ކުރަން ނޯޓިސް ފޮނުވި އެވެ.

އެމްޑަބްލިއުއެސްސީ އިން ހަތަރު ވަރަކަށް މުވައްޒަފުން ވަކި ކުރަން ނޯޓިސް ފޮނުވި އެވެ. އަދި ބައެއް މުވައްޒަފުންނަށް ނަސޭހަތް ދިނުމަށް ފަހު އިންޒާރު ދީފައިވާ ކަމަށް ވެސް ވަކިކުރި ބައެއް މުވައްޒަފުން ބުންޏެވެ.

އެ މުވައްޒަފުން ވަކިކުރި މައްސަލައިގައި، ބަހެއް ހޯދުމަށް އެ ކުންފުނިތަކަށް ގުޅި ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ކުންފުނިތަކުން އެކަމާ ގުޅޭ ގޮތުން ކޮމެންޓެއް ނުދިނެވެ.

ވަޒީފާޔާ ބެހޭ ގާނޫނުގައިވާ ގޮތުން ދުރާލައި ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކި ކުރުމުގެ ހައްގު ވަޒީފާ ދޭ ފަރާތަކަށް ލިބެނީ ކުންފުނިން އެކުލަވާލާފައިވާ މަސައްކަތުގެ ސުލޫކާއި އަހުލާގީ މިންގަޑުން ބޭރު އަމަލެއް ހިންގުމާއި ކުންފުންޏަށް ގެއްލުމެއް ވާނެ ކަމަށް ބެލެވޭ ހާލަތުގަ އެވެ.

ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިވެގެން މީގެ ކުރިން ވެސް ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިކޮށްފައިވެ އެވެ. ނަމަވެސް ސިޔާސީ ޕާޓީއެއްގައި ބައިވެރިވުމާއި ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރުމަކީ ގާނޫނު މަނާކުރާ ކަމެއް ނޫނެވެ.