އިނގިރޭސި ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވިތާ 67 ދުވަސް ފަހުން، ފެންމަތިވި ޑިސިޕްލިން މައްސަލައަކާ ގުޅިގެން ކޯޗު ކަމުން ދުރު ކުރި ސެމް އެލަޑައިސް ތިން މަސް ފަހުން ކޯޗިން އަށް އެނބުރި އައިސް ކްރިސްޓަލް ޕެލަސް އާއި ހަވާލު ވެއްޖެ އެވެ.
އޭނާގެ "ޑްރީމް ޖޮބް" ގެ ގޮތުގައި ސިފަ ކުރި އިނގިރޭސި ގައުމީ ޓީމު ކޯޗު ކަމުން ވަކި ކުރި އެލަޑައިސް ކްރިސްޓަލް ޕެލަސްގެ ކޯޗު ކަން ހަވާލު ކުރީ ކުރިން ހުރި ކޯޗު އެލަން ޕާޑިއު މިދިޔަ ބުރާސް ފަތި ދުވަހު ވަކި ކުރުމަށް ފަހު އެވެ.
އެލަޑައިސްއާ ކޯޗުކަން ހަވާލުވިއިރު އޭނާ އަށް އެންމެ ބޮޑު މަސައްކަތަކަށް ވާނީ މިވަގުތު ރެލިގޭޝަން ޒޯނާ ގާތުގައި އޮތް ޓީމު ރަނގަޅު ހަލަތަކަށް ގެނައުމެވެ.
ކްރިސްޓަލްގައި އެލަޑައިސް ބަދަލު ކުރާނީ ކޮންކަމެއް
ކްރިސްޓަލް ޕެލަސްގެ ޗެއާމަން ސްޓީވް ޕެރިޝް، އެޓީމަށް މި ސީޒަން ފަށައި ދިނީ އެޓީމުގެ ހަޔާތުގައި އައި "އަގުބޮޑު" ބަދަލުން ނެވެ. ނަމަވެސް އެކަން ހާސިލު ނުވުމުން ޕެރިޝްގެ ވިސްނުން އެހެން ގޮތަކަށް ވަނީ ބަދަލު ކުރަން ޖެހިފަ އެވެ. ނުވަތަ ޖެހޭނީ ކުރިން ގެންދިޔަ ގޮތަށް ބަދަލު ކޮށްލާށެވެ.
"އަހަރެމެން ކޮޅަށް ގިނަ ގޯލް ތަކެއް ވަދެއްޖެ. އެހެންވީމަ އެލަޑައިސް އަށް ކުރަން ޖެހޭ ކަމަކީ ޑިފެންސިވް ބެކްބޯން އަށް އިތުރު ބާރެއް ގެނައުން. ކޯޗިން ކެރިއާ ގައި އޭނާގެ މާޒީގައި އެކަން ފެންނަން އެބައޮތް،" ޕެރިޝް ބުންޏެވެ.
ސީޒަންގެ މެދުތެރެއިން ޕެލަސްއާ ހަވާލުވާން ޖެހުމުން އެލަޑައިސް އަށް އޮތީ ތަފާތު ގޮންޖެހުމެކެވެ. އޭނާ އަކީ ކުޑަ ބަޖެޓަކުން ޓީމުތައް ހަމަޔަކަށް އެޅުވުމުގައި ކުޅަދާނަ ކޯޗެކެވެ. ނިއުކާސަލް އާއި ބްލެކްބާން ރޯވާސް އާއި ވެސްޓްހޭމްގައި އޭނާ ވަނީ ކުޑަ ބަޖެޓަކުން ރަނގަޅު ހިސާބަކަށް ގެންގޮސް ދީފަ އެވެ.
ކްރިސްޓަލްގެ ދަނޑު ސެލްހާސްޓް ޕާކްގައި އެލަޑައިސް ދިޔައިރު މިއަހަރަކީ އެޓީމުގެ އެންމެ ދަށް އެއް އަހަރެވެ. އަދި ލީގްގެ 17 ވަނަ އިގައި އޮތް ޓީމު އެންމެ ޕޮއިންޓެއް ފަހަތަށް ވެއްޓިޖެ ނަމަވެސް ރެލިގޭޓް ވެދާނެ ކަމުގެ ބިރު އެބަ އޮތެވެ. އަދި މިހާތަނަށް އެޓީމު ކޮޅަށް 32 ލަނޑު ވަދެފައިވުމުން ޑިފެންސިވް ޕްލޭންގައިވެސް މި އަހަރުވީ އެޓީމަށް ފެއިލްވި އަހަރަކަށެވެ.
އެލަޑައިސް އަށް އޮތީ އަނެއްކާވެސް ކްރިސްޓަލް އަކީ ބަލި ކުރަން އުނދަގޫ ޓީމަކަށް ހެދުމެވެ. އޭނާގެ ޓެކްޓިކަލް ބަދަލުގެ ތެރެއިން ވަރުގަދަ ފައުންޑޭޝަނެއް އެޅުމެވެ. އެކަމަށް ޓަކައި އޭނާ ބޭނުންވާ ކަހަލަ ތަޖުރިބާކާރު ޑިފެންޑަރެއްވެސް އެޓީމު ގައި އެބަ ހުއްޓެވެ. ޑިފެންޑަރު ސްކޮޓް ޑޭން އަކީ އޭނާގެ ޕްލޭންގައި މުހިންމު ކުޅުންތެރިޔަކަށް ވެގެންދާނެ އެވެ.
ސަންޑަލޭންޑްގައި އޭނާ ތަޖުރިބާ ކުރީ މިފަދަ ހާލަތެކެވެ. ބަލި ކުރަން އުނދަގޫ ޓީމެއްގެ ގޮތުގައި ސަންޑަލަންޑް ހެދުމަށް 6 މިލިއަން ޔޫރޯ ދިނުމަށްފަހު އޭނާ ގެނައި ތަޖުރިބާ ކާރު ޑިފެންޑާ ލެމިނަ ކޯނޭ އާއި ޖަރުމަންގެ ބަޔާން މިޔުނިކުގެ މިޑްފީލްޑާ ޔަން ކާޗިފް އެވެ. އެފަހަރު ސީޒަންގެ މެދަކާ ހަމަޔަށް ގޮސް އޮއްވައި އޭނާ ސަންޑަލަންޑް ސަލާމަތް ކުރީ ޖެނުއަރީ ޓްރާންސްފާ ޕީރިއަޑްގައި ގެނައި މި ދެ ކުޅުންތެރިންނާއެކު ޓީމުގެ ޓެކްޓިކްސް އަށް ގެނައި ބަދަލު ތަކުން ނެވެ.
މިހުރިހާ ކަމަށް ބަލާއިރު އެލަޑައިސް އަކީ ކްރިސްޓަލް ޕެލެސް މިވަގުތު އޮތް ހާލަތުން ނަގައި ގަތުމަށް އެންމެ އެކަށޭނެ ކޯޗް ކަމަށް ވެދާނެ އެވެ.