މިއީ އާންމުކޮށް ކޮންމެ މީހެއްގެ އުމުރުގެ ވެސް ވަކި ހިސާބެއްގައި ދިމާވާ ކަމެވެ. ހާއްސަކޮށް ނިއްކުރީގައި ބިހިނެގުމަކީ ވަރަށް އާންމު ކަމެކެވެ. މިގޮތުން އާންމުކޮށް ނިއްކުރި މަތީގައި ބިހިނަގަން ދިމާވާ ސަބަބު ތަކުގެ ތެރޭގައި ރީތިވުމަށް ބޭނުންކުރާ އެއްޗެއްގެ ސަބަބުން ނުވަތަ ބޮލުން ހަންފޮޅުމުގެ އިތުރުން މޫނުގައި ނަގާ ބިހި ފެޅުމުން ވެސް އިތުރުބިހި މޫނުމަތީގައި ނަގާ ގޮތްވެ އެވެ. އަދި މީހާގެ ގޮހޮރުގައި މައްސަލައެއް އުޅޭނަމަ ވެސް ބިހި ނަގާފާނެ އެވެ. ނޫންނަމަ ސްޓްރެސް ވާނަމަ ނުވަތަ މާބޮޑަށް މޫނު ސްކްރަބްކޮށް ހަދާ ނަމަވެސް ނިއްކުރިމަތީގައި ބިހިނަގާނެ އެވެ.
މޫނުގެ ޓީ ޒޯންގެ ތެރޭގައި ހިމެނޭ ނިއްކުރި މަތީގައި ބިހިނެގި ނަމަވެސް އެކަމާ މާބޮޑަށް ހާސްވާނެ ކަމެއް ނެތެެވެ. ސަބަބަކީ މިއީ ބިހި ފިލުވާލުމަށް އެންމެ ފަސޭހަ ތަނެވެ. ކޮލުގައި ނަގާ ބިއްސައްވުރެ ފަސޭހައިން ނިއްކުރީމަތީގައި ނަގާ ބިހި ދުއްވާލެވޭނެ އެވެ.
ލުނބޯ
މިއީ ނިއްކުރިން ބިހިފިލުވާލުމަށް އެންމެ ފަސޭހަ އެއްގޮތެވެ. ލުނބޯ ހުތް ސީދާ މޫނުގައި އުނގުޅާލާށެވެ. ބިހިތަކުގައި ލުނބޯ އުނގުޅުމުން ކުޑަކޮށް ދިލަ ނަގާފާނެ އެވެ. ނަމަވެސް ފަސް މިނެޓް ވަންދެން ބަހައްޓާލުމަށްފަހު ދޮވެލާށެވެ.
ޓީ ޓްރީ އޮއިލް
މިއީ ވެސް ނިއްކުރިމަތިން ބިހި ފިލުވާލުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ބިހި ނަގާފައި ހުރި ތަނުގައި ޓީ ޓްރީ އޮއިލްގެ ދެ ތިކި އުނގުޅާލާށެވެ. ޓީ ޓްރީ އޮއިލްގައި ހިމެނޭ އެންޓިބައޮޓިކްގެ ސަބަބުން ބިހިނެގުމަށް މަަގުފަހިވާ ބެކްޓީރީއާތައް މަރާލާނެ އެވެ.
އަލްމަންޑް ޕައުޑާ، ގްރެމް ފްލާ އަދި ރީނދޫ
އަލްމަންޑް ޕައުޑާ އަދި ގްރެމް ފްލާ އެއްވަރަކަށް ތައްޓަކަށް އަޅާލުމަށްފަހު، ދެ އިނގިލިކުރިން ނެގޭވަރުގެ ރީނދޫކޮޅެއް އެއްކޮށްލާށެވެ. އަދި ކުޑަ ފެންފޮދެއް އަޅާލުމަށްފަހު ޕޭސްޓެއް ގޮތައް ތައްޔާރުކޮށްލާށެވެ. 20-15 މިނެޓް ވަންދެން މޫނުމަތީގައި މި މާސްކް އަޅައިގެން ހުރުމަށްފަހު ފެންފޮދަކުން ދޮވެލާށެވެ.
މެލަން
މިއީ ހަމައެކަނި އަނގަޔަށް މީރު މޭވާއެއް ނޫނެވެ. ނިއްކުރިން ބިހި ފިލުވާލުމަށް ވެސް މެލަން ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ރޭގަނަޑު ނިދާއިރު މެލަން ފޮއްޗެއް ބިހި ނަގާފައި ހުރި ހިސާބުގައި އުނގުޅާލާށެވެ. މެލަންގައި ހިމެނޭ ކޫލިންގެ ސަބަބުން ބިހިތައް ފިލުވާލަދީ މޫނުގެ ހަން މަޑު ކޮށްދިނުމަށް ވެސް އެހީތެރިވެދޭނެ އެވެ.
އަސޭމިރުސް
މިއީ މީހުން އާންމުކޮށް މާސްކެއް ގޮތަށް ހާއްސަކޮށް މޫނުގައި އުނގުޅަން ބިރުގަންނަ އެއްޗަކަށް ވެދާނެ އެވެ. ސަބަބަކީ އަސޭމިރުހުގެ ސަބަބުން މޫނުމަތީގައި ނަގާ ކުޅި ދިލަ ފަސޭހައިން ކަނޑުވާލުމަށް އުނދަގޫވެ އިތުރު ތަކުލީފެއް އުފުލަން ޖެހިދާނެތީ އެވެ. ނަމަވެސް އެކަމުން ސަލާމަތްވުމަށް އަސޭމިރުހުގެ ތެރެއަށް ޔޯގަޓް ނުވަތަ ރޯސް ވޯޓާ އެއްކޮށްލެވިދާނެ އެވެ. މިހެން ހެދުމުން ކުޅި ދިލަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ އެވެ.
ކޮންމެ މާސްކެއް ބޭނުން ކުރި ނަމަވެސް ރަނގަޅު ކާނާ ކެއުމަކީ މީހާ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ އިތުރުން ހަން އުޖާލާކޮށް ރީތިކޮށް ބެހެއްޓުމަށް ވެސް މުހިންމު ކަމެކެވެ. ހާއްސަކޮށް ގަވައިދުން ކޮންމެ ހަފްތާ އަކު ދެ ފަހަރު މޫނު ސްކްރަބް ކުރުމަކީ ރަނގަޅު ކަމެކެވެ.