ރާއްޖެ ކުޅިވަރު

މޮޅު ކުޅުންތެރިޔާ އަށް ވާދަ ކުރަނީ ސެންޓޭ، އަސައްކޮ، އިމްރާން

Dec 24, 2016

އަންނަ މަހު 16 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ މޮޅު ކުޅުންތެރިޔާގެ ގަދަ ތިނަކަށް ވާދަ ކުރަނީ ސީޒަންގައި މޮޅު ކުޅުމެއް ދެއްކި ޓީސީގެ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ކުލަބު އީގަލްސްގެ އިމްރާން ނަޝީދެވެ.

ފުރަތަމަ އިއުލާން ކުރި ފަސް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ސީޒަންގެ މެދުތެރެއިން މާޒިޔާއާ ގުޅުނު ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ޓީސީގެ ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

މި ދިޔަ ހަފުތާގައި ދަގަނޑޭ ބުނެފައިވަނީ އެވޯޑަށް ނޮމިނޭޓްވާ ވަރަށް އޭނާ އަށް ޕާފޯމް ނުކުރެވޭ ކަމަށާއި ނޮމިނޭޓްވުން ހައްގު ނޫން ކަމަށެވެ.

މޯލްޑިވްސް ފުޓްބޯލް އާ ގުޅިގެން އެފްއޭއެމުން ބާއްވާ އެވޯޑް ނައިޓްގައި މިއަހަރު ދެނީ ތިން އެވޯޑެވެ. އެއީ އެންމޮ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗްގެ އެވޯޑެވެ. ތިރީސް ހަތަރު ލަނޑު ޖަހައިގެން ރަންބޫޓް ކަށަވަރު ކޮށްފައިވަނީ ސެންޓޭ އެވެ.

އެންމެ މޮޅު ކޯޗްގެ އެވޯޑްގެ ގަދަ ތިނަކަށް ވާދަ ކުރާނީ މާޒިޔާ އަށް ދިވެހި ޕްރިމިއާ ލީގް ހޯދައިދިން އަލީ ސުޒޭން އާއި ހުރިހާ މުބާރާތެއްގެ ރަނަރަފު މަގާމު ޓީސީ އަށް ހޯދައިދިން މުހައްމަދު ނާޒިމް އާއި ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަންކަން ކުލަބު އީގަލްސް އަށް ހޯދައިދިން އިހްސާން އަބްދުލް ގާނީ (ސާންތީ) އެވެ.

ނޮމިނޭޓްވި ފަސް ކޯޗުންގެ ތެރެއިން ގަދަ ތިނެއްގައި ލައްވާ ނުލީ އެފްއޭ ކަޕްގެ ޗެމްޕިއަން ކުލަބު ވެލެންސިއާގެ މުހައްމަދު އިގްބާލް އާއި ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަ ކުރާ ޔުނައިޓަޑް ވިކްޓްރީ ގަދަ ހަތަރަކަށް ގެންގޮސްދިން އަހްމަދު އާތިފް (އާތީ) އެވެ.

އެފްއޭއެމުން މިއަހަރު އެވޯޑް ބާއްވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު އެވެ.